Roadha Mihaaru
ޕާކިސްތާނުގައި ޖާނުން ފިދާވެ 3 މީހުން މަރާލައިފި

ޕާކިސްތާނުގައި ޖާނުން ފިދާވެ 3 މީހުން މަރާލައިފި

30 ނޮވެމްބަރ 2022

އަފްޣާނިސްތާނާ ކައިރީގައި ޕާކިސްތާނުގެ އުތުރުގައި އޮންނަ ސަހަރެއް ކަމަށްވާ ކުއެޓާގައި ފުލުހުންގެ އެއްގަމު އުޅަނދަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަދުވެގެން ތިން މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

އައިޝަތު ނަޝާ އައިޝަތު ނަޝާ

އަފްޣާނިސްތާނާ ކައިރީގައި ޕާކިސްތާނުގެ އުތުރުގައި އޮންނަ ސަހަރެއް ކަމަށްވާ ކުއެޓާގައި ފުލުހުންގެ އެއްގަމު އުޅަނދަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަދުވެގެން ތިން މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނާ ގޮތުގައި މިއަދު ހެނދުނު ދިން މި ހަމަލާގައި މަރުވި ތިން މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ މީހަކާއި އާންމުންގެ ދެ މީހެކެވެ. އާންމުންގެ ތެރެއިން މަރުވީ އަންހެނަކާއި ކުޑަކުއްޖެކެވެ. އަދި މި ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު މިހާތަނަށް 28 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ހާލު ވަރަށް ސީރިއަސް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ކުއެޓާ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޣުލާމް އަސްފަރު ވިދާޅުވި ގޮތުގައި މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން 20 މީހުންނަކީ ފުލުހުންނެވެ. ފުލުހުން ގޮވައިގެން ދަތުރުކުރި އުޅަނދަކާއި އެ އުޅަނދުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދަތުރުކުރި ދެ އުޅަނދަކަށް މި ހަމަލާގައި ގެއްލުން ލިބުނެވެ.

މި ހަމަލާ އަމާޒުވި އުޅަނދުތަކުގައި ދަތުރުކުރި ފުލުހުންނަކީ، ބަލޮޗިސްތާނު ޕްރޮވިންސްގެ ވެރިރަށުގައި ސަރުކާރުން ފަށާފައިވާ ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމެއްގައި ސަލާމަތީ ކަންތައް ބަލަހައްޓައިދިނުމަށް އެ ސަރަހައްދަށް ދަތުރުކުރި ބައެކެވެ. މި ހަމަލާ ދިނީ ގޮވާތަކެތި ހަރުކުރި ރިކްޝޯއެއް ދުއްވާފައި ގޮސް، ފުލުހުން ދަތުރުކުރި އުޅަނދުގައި ޖައްސައި ގޮއްވާލައިގެންނެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނުމުގައި 25 ކިލޯގެ ގޮވާތަކެތި ބޭނުންކޮށްފައިވާނެ ކަމަށް، މިހާތަނަށް ކުރެވުނު ތަހުގީގުން ހާމަވެ އެވެ. ނަމަވެސް މި ހަމަލާގެ ފުރިހަމަ މަންޒަރެއް ސާފުވާނީ، ތަހުގީގު މުޅިން ފުރިހަމަވުމުން ކަމަށް ފުލުހުން ބުނެ އެވެ.

މިއަދު ހެނދުނު ދިން މި ހަމަލާއަކީ ތަހްރީކޭ ތާލިބާން އިން ދިން ހަމަލާއެއް ކަމަށް އެ ޖަމާއަތުން ބުނެ އެވެ. ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށް ޕާކިސްތާނު ސަރުކާރުން މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ ތަހްރީކޭ ތާލިބާނަކީ، އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ޕާކިސްތާނު ގޮތްޕެވެ.

ޕާކިސްތާނު ފުލުހުންނަށް އަމާޒުކޮށް އެ ޖަމާއަތުން މިއަދު ހަމަލާއެއް މިދިނީ، މިދިޔަ ޖޫން މަހުގެ ތެރޭގައި ޕާކިސްތާނު ސަރުކާރާއި އެ ޖަމާއަތާ ދެމެދު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން، ޕާކިސްތާނުގައި ހަމަލާތައް ދިނުން ހުއްޓައިލިކަން އެ ޖަމާއަތުން އިއުލާންކުރިތާ ދެ ދުވަސް ފަހުންނެވެ.