Roadha Mihaaru
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމަށް އަންވާރުލް ހައްގު

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމަށް އަންވާރުލް ހައްގު

13 އޯގަސްޓް 2023

އިސްލާމްއާބާދު، (އޯގަސްޓް 14) - ޕާކިސްތާނުގައި އާ ސަރުކާރެއް އެކުލަވައިލުމަށް މަގު ފަހިކުރުމުގެ ގޮތުން، މި މަހުގެ 9 ވަނަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވައިލުމަށް ފަހު، ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމަށް ސެނެޓްގެ މެމްބަރު އަންވާރުލް ހައްގު ކާކަޅް އިއްޔެ އައްޔަން ކުރައްވައިފި އެވެ.

އިސްލާމްއާބާދު، (އޯގަސްޓް 14) - ޕާކިސްތާނުގައި އާ ސަރުކާރެއް އެކުލަވައިލުމަށް މަގު ފަހިކުރުމުގެ ގޮތުން، މި މަހުގެ 9 ވަނަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވައިލުމަށް ފަހު، ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމަށް ސެނެޓްގެ މެމްބަރު އަންވާރުލް ހައްގު ކާކަޅް އިއްޔެ އައްޔަން ކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ އޮފީހުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ވަގުތީ ބޮޑުވަޒީރުގެ މަގާމަށް އަންވާރު އައްޔަން ކުރަން ނިންމީ، މަގާމުން ވަކިވެވަޑައިގެންނެވި ބޮޑުވަޒީރު ޝާހްބާޒް ޝަރީފް އާއި އިދިކޮޅު ލީޑަރު ރާޖާ ރިއާޒް އަހްމަދު މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި، އެ ގައުމުގެ އާބާދީ އެންމެ ކުޑަ ޕްރޮވިންސް ބަލުޗިސްތާނު ތަމްސީލު ކުރައްވާ މެންބަރު، ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވާނީ، ކުރިއަށް އޮތް އާންމު އިންތިޚާބުގެ ވޯޓަށް ފަހު އާ ބޮޑުވަޒީރަކު އައްޔަންކުރެވެންދެނެވެ. އަންވާރަކީ ސެނެޓްގައި މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ނަމަވެސް އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ސިފައިންނާ އެކު ވަރަށް ބަދަހި ގުޅުމެއް އޮންނަ އަންވާރަކީ، ބަލުޗިސްތާނުގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ، ބަލުޗިސްތާން އަވާމީ ޕާޓީގެ މެމްބަރެކެވެ.

އިންތިޚާބަށް މަގު ފަހިކުރުމުގެ ގޮތުން، ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވައިލެއްވީ މި މަހުގެ 9 ވަނަ ދުވަހު އެވެ. ޕާކިސްތާނުގެ ގާނޫނުތައް ބުނާ ގޮތުން، ގާނޫނު ހަދާ މަޖިލިސް އުވާލައިފި ނަމަ، ކުރިއަށް އޮންނަ 90 ދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ބާއްވައި އާ ސަރުކާރެއް އެކުލަވައިލަންޖެހެ އެވެ.

ނަމަވެސް އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި އެންމެ ފަހުގެ ބޯހިމެނުމުގައި އާބާދީ އަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް، އިންތިޚާބީ ދާއިރާތަކުގެ އިންތައް އަލުން ކަނޑައަޅައިގެން ނޫނީ އިންތިޚާބެއް ނުބޭއްވޭނެ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާތައް ލިބުނީ މިދިޔަ ހަފުތާގައި ކަމަށްވާތީ، އިންތީޚާބީ ދާއިރާތަކުގެ އިންތައް ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އާ ސަރުކާރެއް އެކުލަވައިލުމަށް ޕާކިސްތާނުގައި އާންމު އިންތިޚާބެއް ބާއްވަން ތައްޔާރުވާ އިރު، އެ ގައުމުގެ އިދިކޮޅު މައި ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) ޕާޓީގެ ލީޑަރު އިމްރާން ޚާން ހުންނެވީ ޖަލުގައި ހައްޔަރުކޮށްފަ އެވެ. އޮގަސްޓް 5، 2023 ގައި އިސްލާމް އާބާދުގެ ކޯޓުން އިމްރާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ދުވަސްވަރު (2018-2022) ހިންގެވި ކޮރަޕްޝަންގެ ކުށްތަކެއް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

ޖަލު ހުކުމާ ގުޅިގެން، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން މި މަހުގެ 8 ވަނަ ދުވަހު ވަނީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުން، އިމްރާން ޚާނަށް މަނާކޮށްފަ އެވެ. ނަމަވެސް އޭނާގެ ޕާޓީން މިހާރު ނިންމާފައިވަނީ، ތިން އަހަރުގެ ޖަލު ހުކުމާއި، ސިޔާސީ ކަންކަމުގައި ބައިވެރިވުން މަނާކުރި ނިންމުން ވެސް އިސްތިއުނާފު ކުރަން ނިންމައިފަ އެވެ.