09 އޯގަސްޓް 2023
އިސްލާމް އާބާދު (އޯގަސްޓް 9) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާތީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވުން، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ މަނާކޮށްފި އެވެ.
އިސްލާމް އާބާދު (އޯގަސްޓް 9) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާތީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވުން، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ މަނާކޮށްފި އެވެ.
އޮގަސްޓް 5، 2023 ގައި އިސްލާމް އާބާދުގެ ކޯޓުން އިމްރާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ދުވަސްވަރު (2018-2022) ހިންގެވި ކޮރަޕްޝަންގެ ކުށްތަކެއް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ. އެއީ ބޮޑުވަޒީރުގެ ހައިސިއްޔަތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ބައެއް ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، އެ މުއާމަލާތުގެ މައުލޫމާތުތައް ސަރުކާރުގެ ރަސްމީ އިދާރާތަކަށް ސިއްރު ކޮށްފައި އޮތުމުންނެވެ.
އޭނާ ވިއްކަވައިލެއްވި ތަކެތީގެ އަގު 140 މިލިއަން ޕާކިސްތާން ރުޕީ (497500 ޑޮލަރު) އަށް އަރާ ކަމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެ އެވެ. މި މައްސަލައިގެ ހުކުމުގައި ފަނޑިޔާރު ހުމައްޔޫން ދިލާވަރު ވިދާޅުވެފައިނީ އިމްރާން ޚާންގެ އަމާނާތްތެރިކަމެއް ނެތް ކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
އޭގެ އިތުރުން، ދައުލަތުގެ މުދަލުން ވިޔަފާރިކޮށްގެން ލިބުނު މަންފާ ގަސްދުގައި އަދި އަމިއްލަ އިޚްތިޔާރުގައި ލިބިގެންފައިވުމުން، ކޮރަޕްޝަންގެ އަމަލުން އޭނާ ކުށްވެރިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ. މި ކުށް ސާބިތުވުމާ ގުޅިގެން، ތިން އަހަރަށް ޖަލަށް ލުމުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 100000 ރުޕީ ކޯޓަށް ދެއްކުމަށް ވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
މި ހުކުމާ އެކު ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އިތުރު ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޕާކިސްތާނުގެ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީ.ޓީ.އައި)ގެ ލީޑަރު އިމްރާން ޚާންގެ މައްޗަށް މިހާރުވެސް 100 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ކޯޓުތަކުގައި ބަލަމުންދެ އެވެ.
އިލެކްޝަންސް ކޮމިޝަން އޮފް ޕާކިސްތާން (އީސީޕީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ، "ފަސް އަހަރުގެ މުއްދަތަށް ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ހައިސިއްޔަތު އިމްރާން ޚާން ނަވާޒީގެ ކިބައިން ގެއްލިއްޖެ" ކަމަށެވެ. ޕާކިސްތާނުގެ ގާނޫނުތައް ބުނާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކަނޑައެޅިފައިވާ މީހެއް ނަމަ، އީސީޕީ އިން ކަނޑައަޅާ މުއްދަތަކަށް، އެމީހަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން މަނާވާނެ އެވެ.
"އަހަރެމެންނަށް އެނގޭ މިކަން މިހެން ކުރާނެކަން. އީސީޕީގެ އެ ނިންމުން އަހަރެމެންގެ ޕާޓީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނަން. އެ ނިންމުން ކޯޓުން އިއާދަކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަހަރެމެންނަށް އެބަ އޮތް،" އިމްރާން ޚާންގެ އިސް އެހީތެރިއެއް ކަމަށްވާ ޒުލްފިގާރު ބުޚާރީ ވިދާޅުވި އެވެ.
އިސްލާމް އާބާދުގެ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް އެދި އިމްރާންގެ ފަރާތުން މިހާރު ވަނީ އިސްލާމް އާބާދުގެ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ބުނެފައިވާ ގޮތުގައި، އިމްރާންގެ މައްޗަށް އިއްވި ހުކުމަކީ، ގާނޫނީ ބާރެއް ނެތް، އަދި ވަކި ފަރާތަކަށް ބުރަވެފައިވާ ހުކުމެއް ކަމަށެވެ.
އިސްތިއުނާފުގެ ހުށަހެޅުމުގައި ބުނެފައިވާ ގޮތުން އިމްރާން ޚާންގެ މައްޗަށް ހުކުމް އިއްވީ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރިހަމަ ހައްގު ވެސް އިމްރާނަށް ނުދީ އެވެ. އޭގެ އިތުރުން އިމްރާންގެ މައްޗަށް ހުކުމް ކުރީ، އޭނާގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިވެރިންގެ ލިސްޓު ވެސް ކޯޓުން ބޭރުކޮށްލައިފަ އެވެ.
އެހެންކަމުން ކޯޓުގެ އެ ހުކުމަކީ "އަދުލު އިންސާފަށް ކުރި ފުރައްސާރައެއް ކަމަށާއި މިނިވަން އިންސާފުވެރި ޝަރީއަތާއި ގާނޫނީ އިޖުރާއާތުގެ މޫނުމަތީގައި ޖެހި ތަފާލެއް" ކަމަށް އިސްތިއުނާފުގެ ހުށަހެޅުމުގައި އިމްރާންގެ ފަރާތުން ބުނެފައިވެ އެވެ.
އިމްރާން އެ ގޮތަށް ތުހުމަތު ކުރެއްވި އިރު، އަވަސްކޮށް އަޑުއެހުންތައް ބާއްވައި ޣައިރު ހާޒިރުގައި ހުކުމް ކުރީ، ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް އަދި ހައްޔަރުކުރުމުގެ އަމުރު ނެރުމުން ވެސް ކޯޓަށް ހާޒިރުވުމަށް އޭނާ ދެކޮޅު ހެއްދެވުމުންނެވެ.
ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އިމްރާނާ އެއްކޮޅަށް ނުނިމިއްޖެ ނަމަ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ސިޔާސީ އެއްވެސް އިންތިޚާބެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ.
އިމްރާން ޚާން އިތުރު ދެ ހަފުތާއަށް ޖަލަށް
އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި މުޒާހަރާ
އިމްރާން ޚާން ހައްޔަރު ކުރުމުގެ އަމުރު ބާތިލުކޮށްފި
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމަށް އަންވާރުލް ހައްގު
އިމްރާން ޚާން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
ޕާކިސްތާނުގެ ވެރިންގެ ސިއްރު މިލްކިއްޔާތު ބަލާނަން: ޚާން
ފުލުހުންނަށް ހިލޭ ބާގާ ނުދީގެން މުވައްޒަފުން ހައްޔަރުކޮށްފި
ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ބޮޑު އިނާމެއް
އިމްރާންގެ 1،000 ސަޕޯޓަރަކު ހައްޔަރުކޮށްފި
ސަޕޯޓަރުން މުޒާހަރާ ވަރުގަދަކުރަން އިމްރާން ގޮވާލައިފި