Roadha Mihaaru
ކެމްޕޭން އެއްވުމެއްގައި ބޮން ގޮއްވައި 130 މަރު

ކެމްޕޭން އެއްވުމެއްގައި ބޮން ގޮއްވައި 130 މީހުން މަރު

14 ޖުލައި 2018

އިސްލާމްއާބާދު (ޖުލައި 14) - ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްގައި ކުރިއަށް ދިޔަ ކެމްޕޭން އެއްވުމަކަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 130 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޖުލައި 14) - ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްގައި ކުރިއަށް ދިޔަ ކެމްޕޭން އެއްވުމަކަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 130 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ. މަސްތުންގް ޓައުނުގައި ދިން ހަމަލާގައި ވަނީ ބަލޫޗިސްތާން ޕްރޮވިންޝަލް އެސެމްބްލީ އަށް ވާދަކުރާ ކެންޑިޑޭޓަކު ވެސް މަރުވެފަ އެވެ. ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. އުތުރުގެ ޓައުނެއް ކަމަށްވާ ބަންނޫގައި ކުރިއަށް ދިޔަ ކެމްޕޭން އެއްވުމަކަށް އަމާޒުކޮށް ކުރިން ދިން ހަމަލާއެއްގައި ވަނީ ހަތަރު މީހުން މަރުވެފަ އެވެ.

މަސްތުންގްގައި ދިން ހަމަލާގައި ވަނީ 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.

އިއްޔެގެ ހަމަލާ ދީފައި ވަނީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ލަންޑަނުގައި އުޅުއްވުމަށް ފަހު ގައުމަށް ވަޑައިގަތުމާ ދިމާކޮށެވެ. ނަވާޒް ޝަރީފް ލާހޯރަށް ވަޑައިގަތުމާ އެކު ވަނީ ޖަލަށް ގެންގޮސްފަ އެވެ. ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޕާކިސްތާނުގެ ޕާޓީތަކުން ކެމެޕޭން ކުރަމުން ދަނީ މި މަހު 25 ގައި ބާއްވާ އާއްމު އިންތިޚާބަށެވެ. ނޭޝަނަލް އެސެމްބްލީ އަށް 342 މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ފެންނަނީ ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެން އާއި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕީޓީއައި އާއި ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕީޕީޕީ އެވެ.