11 ޖުލައި 2018
ސެއިން ޕީޓާސްބާގް (ޖުލައި 10) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން ބެލްޖިއަމްގެ މައްޗަށް 1-0 އިން ކުރިހޯދައި ފްރާންސް 12 އަހަރަށް ފަހު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސެއިން ޕީޓާސްބާގް (ޖުލައި 10) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން ބެލްޖިއަމްގެ މައްޗަށް 1-0 އިން ކުރިހޯދައި ފްރާންސް 12 އަހަރަށް ފަހު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފައިނަލުގައި ފްރާންސް ނުކުންނާނީ މާދަމާރޭ ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ މެޗުން ކްރޮއޭޝިއާ އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ތަށި އުފުލާލި ފްރާންސުން ވަނީ 2006 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ އިޓަލީ އަތުން ބަލިވެފަ އެވެ. މިއީ އޭގެ ފަހުން އެ ޓީމުން ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުން ބެލްޖިއަމް އަތުން ފްރާންސް މޮޅުވިއިރު، އެ ޓީމުން ވަނީ މުބާރާތްތަކުގައި ބެލްޖިއަމް އަތުން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވީ ފްރާންސް އެވެ.
މިރޭގެ މެޗުން ބަލިވެ ބެލްޖިއަމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް 24 މެޗަށް ފަހު ނިމުމެއް އައިއިރު، އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލުގައި ކުޅުމުގެ ހުވަފެނަށް ވެސް ވަނީ ނިމުމެއް އައިސްފަ އެވެ. ބެލްޖިއަމުން އެންމެ ފަހުން ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކުޅުނީ 1986 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމު ކެޓީ ސެމީގައި އާޖެންޓީނާ އަތުންނެވެ. މިރެއާ ހަމައަށް މި ފަހަރުގެ މުބާރާތުގައި ބެލްޖިއަމް ކުޅުނު ފަސް މެޗުން ވަނީ މޮޅުވެފަ އެވެ.
މި މެޗަށް ނުކުތްއިރު ބެލްޖިއަމަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފުލްބެކް ތޯމަސް މުނިއޭ ކާޑު ހަމަވުމުގެ ސަސްޕެންޑްވެފައިވުމެވެ. މުނިއޭގެ ބަދަލުގައި ފުރަތަަމަ އެގާރައިގައި ހިމެނީ މޫސާ ޑެމްބެލޭ އެވެ. ޑެމްބެލޭ މެދުތެރެއަށް ބޭނުންކުރިއިރު، މުނިއޭގެ މަގާމުގައި ކުޅުނީ ނާސިރު ޗަޑްލީ އެވެ.
މެޗުގެ ފުރަަތަމަ 25 މިނިޓަށް ބަލާއިރު މެޗު ކޮންޓްރޯލްކުރީ ބެލްޖިއަމުންނެވެ. އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އޭގެ ތެރޭގައި އެޑެން ހަޒާޑް ފޮނުވާލި ދެ ހަމާލާއެއް ހިމެނެ އެވެ. ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ހަޒާޑް ޖެހި ފުރަތަމަ ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، އޭގެ ފަހުން އޭނާ ފޮނުވާލި ބޯޅަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ބޮލުގައި ޖެހިފައި ދިޔައީ ބޭރުންނެވެ.
ބެލްޖިއަމަށް ލީޑުނަގައިދިނުމާ އެންމެ ގާތަށް ޖެހިލީ އެ ޓީމުގެ ފަހަތަށް ކުޅޭ ޓޯބީ އަލްޑަވެއިރަލްޑް އެވެ. އޭރިއާ ތެެރެއިން އަލްޑަވެއިރަލްޑް ފޮނުވާލި ބޯޅަ ފްރާންސްގެ ގޯލުގައި ހުރި އޭނާއާ އެކު ޓޮޓެންހަމަށް ކުޅޭ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ 25 މިނިޓަށް ފަހު ފްރާންސުން މެޗުގެ ތެރެއަށް އައިސް ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. އެ ޓީމުން ގޯލާ ސީދާކޮށް ޖެހި ފުރަތަމަ ހަމަލާ ފޮނުވާލީ ސަސްޕެންޝަނުގެ ސަބަބުން ކުއާޓާ ފައިނަލުން ނުފެނުނު ބްލައިސް މަޓުއިޑީ އެވެ. އޭގެ ފަހުން ކުރިއަށް ކުޅޭ އޮލިވިއޭ ޖިރޫޑާއި އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ފަހުން ވެސް ޖިރޫޑް އަތުން ރަނގަޅު ފުރުސަތުތަކެއް ގެއްލުނެވެ.
ބެލްޖިއަމްގެ ހަޒާޑް (ކ) އަތުން ޕޮގްބާ ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ފްރާންސަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ ފުލްބެކް ބެންޖަމިން ޕަވާޑް އަށެވެ. އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ޕަވާޑަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބެލްޖިއަމްގެ ކީީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަަނަ ހާފް ފަށައިގެން ބެލްޖިއަމުން ކުޅެމުން ދަނިކޮށް މެޗުގެ 51 ވަނަ މިނިޓްގައި ފްރާންސަށް ލީޑުނަގައިދިނީ ސެމިއުލް އުމްޓީޓީ އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅަ އުމްޓީޓީ ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ތިން ވަނަ ގޯލެވެ.
އޭގެ ތިން މިނިޓް ފަހުން ލީޑުފުޅާކުރަން ފްރާންސްގެ ކިލިއަން އެމްބާޕޭ ދިން ބޯޅައަކުން ޖިރޫޑް ފޮނުވާލި ބޯޅަ ބެލްޖިއަމް ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ބެލްޖިއަމުން ވަނީ ޑްރީސް މާޓެންސް ކުޅެން އަރުވައިފަ އެވެ. އޭނާ ކުޅެން އަރައި ނުރައްކާތެރި ހުރަސްތަކެއް ނެގިއިރު، އޭގެ ތެރެއިން އެއް ބޯޅައެއް ފެލައިނީ ބޮލުން ޖެހިއިރު ދިޔައީ އަރިމަތިން ބޭރަށެވެ.
ބެލްޖިއަމްގެ ކުޅުންތެރިން ފްރާންސް ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު، ލަނޑެއް ޖަަހަން އެ ޓީމުން ދިޔައީ މަސައްކަތްކުރަމުންނެވެ. މެޗުގެ 82 ވަނަ މިނިޓްގައި ބެލްޖިއަމްގެ އެކްސެލް ވިޓްސެލް ޖެހި ބާރު ބޯޅަ ވެސް ކީޕަރު ލޮރިސް ވަނީ މަތަކޮށްފަ އެވެ.
އިތުރުވަގުތުގައި ދެ ވަނަ ލަނޑެއް ޖަަހަން ފްރާންސްގެ ގްރީޒްމަން އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޮރެންޓިން ޓޮލީސޯ ޖެހި ބޯޅަތައް ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ބެލްޖިއަމްގެ ރަން ޖީލު އުފެދުނު ފަހުން މިއީ އެ ޓީމުގެ ތިން ވަނަ މުބާރާތެވެ. މާކް ވިލްމޮޓްސްގެ އިރުޝާދުގެ ދަށުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ އިން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުންނެވެ. މި ފަހަރު ސްޕެއިނުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް އެ ޓީމުން ނުކުތީ ސީދާ ތަށްޓަށެވެ.
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ބެލްޖިއަމް ވެސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ބެލްޖިއަމް ބަލިކޮށް، ފްރާންސް ނޭޝަންސް ލީގު ފައިނަލަށް
ބެލްޖިއަމް މޮޅުވިއިރު، ފްރާންސް އެއްވަރު
"އޮންރީ އަށް އޮތީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް"
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް