Roadha Mihaaru
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް

ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް ހިނގައްޖެ

01 ޖުލައި 2024

ޑުސެލްޑޯފް (ޖުލައި 1) – ބެލްޖިއަމްގެ ބައި ގޯލަކުން، ޔޫރޯގެ ފޭވަރިޓުންގެ ނަން ލިބިފައިވާ ފްރާންސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޑުސެލްޑޯފް (ޖުލައި 1) – ބެލްޖިއަމްގެ ބައި ގޯލަކުން، ޔޫރޯގެ ފޭވަރިޓުންގެ ނަން ލިބިފައިވާ ފްރާންސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޑުސެލްޑޯފްގައި ކުޅުނު މެޗު، އެއްވަރުވެެގެން ނިމިގެންދާނެ ކަމަށް ބެލެވުނެވެ. އެކަމަކު ފްރާންސުން ލަނޑު ޖެހީ މެޗުގެ 90 މިނެޓް ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.

ފްރާންސްގެ އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ބެލްޖިއަމްގެ ޔޭން ވާޓޮންގެންގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް އެ ބޯޅަ ވަނީ އޭނާގެ އަމިއްލަ ގޯލަށެވެ. ބެލްޖިއަމްގެ ކީޕަރު ކޯން ކަސްޓީލް ވެސް ބޯޅަ އަށް ހަރަކާތް ކުރީ ރަނގަޅު ފަޅި އަށެވެ. އެކަމަކު ވާޓޮންގެން ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވުމުން ކީޕަރު ވެސް ކުރާނެ ކަމެއް ނެތެވެ.

ކުއާޓާ ފައިނަލުގައި ފްރާންސް ވާދަކުރަން ޖެހޭނީ، ސްލޮވޭނިއާ ނުވަތަ ޕޯޗުގަލްގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.

މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމުގެ ތަރިންނަށް ވެސް ލިބުނެވެ. އަބަދުވެސް ފުރުސަތުތައް ލިބޭ، ނަމަވެސް ލަނޑެއް ޖެހުމުގައި ކާމިޔާބު ހޯދިފައި ނުވާ، ރޮމެލޫ ލުކާކޫ އަށް ވެސް، މިރޭގެ މެޗުގައި ވެސް ބެލްޖިއަމް އަށް ލީޑް ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ.

ފްރާންސްގެ މާސްކް މޭން، ކިލިއަން އެމްބާޕޭ އަށް ވެސް ދެވަނަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޮއިނާ، ފްރާންސްގެ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ކީޕަރު މައިކް މޭނިއަން ދިފާއު ކުރި އެވެ.