ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މި މަހުގެ މެދު ތެރޭގައި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މ. ދިއްގަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.
10 ޖުލައި 2018
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މި މަހުގެ މެދު ތެރޭގައި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މ. ދިއްގަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި، ދިއްގަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންތަކެއް ބަންދުގައި ތިބުމާއި ވަކިވަކި ކަންތައްތަކެއް ނުކޮށްގެން ކަމަށް ބުނެ އީޔޫ އިން މިދިޔަ ހަފުތާގައި ވަނީ ސަރުކާރަށް އިންޒާރު ދީފައި ކަމަށެވެ. އެ އިންޒާރުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަން އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
- ސަރުކާރުން ވަކި ކަންތައްތަކެއް ނުކޮށްފި ނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އީޔޫއިން ވަނީ އިންޒާރު ދީފައި.
- އީޔޫ އިން އަންގާފައި ވަނީ، ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި އެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުން މަޖިލީހަށް ވަންނަން ފުރުސަތު ދޭން.
- އީޔޫގެ ފިޔަވަޅަކީ ރިޔާސީ އިންތިޚާބަށް ހުރަހެއް ކަމަށް ވިދާޅުވި.
- ރައީސް ވިދާޅުވީ ރާއްޖޭގައި ގާނޫނީ އިންތަކެއް ކަނޑައަޅާފައި ވަނިކޮށް، އީޔޫ އިން އެންގި ކަންކަމަށް ދޫދެއްވަން ތައްޔާރު ނޫން ކަމަށް.
- އީޔޫ އިން ހިތްހަމަނުޖެހުނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދިނުމާއި އިސްލާމީ އުސޫލްތައް ހިފަހައްޓަން ކުރާ މަސައްކަތްތަކާ ހެދި ކަމަށް ގަބޫލުކުރެއްވޭ.
- އުސޫލްތައް ދޫނުކޮށްގެން ފިޔަވަޅު އަޅާނަމަ، ރައީސް އެދިވަޑައިގަތީ އީޔޫ އިން އެ މަނިކުފާނަށް ފިޔަވަޅު އެޅުމަށް.
- ސަރުކާރުން ދައްކާ ވާހަކަތަކަށް ވުރެން ބޮޑަށް އީޔޫ އިން ގަބޫލުކުރަނީ އިދިކޮޅުގެ ވާހަކަތައް ކަމަށް ވިދާޅުވި. އެހެންވިއަސް، އީޔޫގެ ކޮންމެ ގޮވާލުމަކަށް އިޖާބަ ނުދެއްވާނެ ކަަމަށް ވިދާޅުވި.
ދިއްގަރުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
އީޔޫގެ ޕާލަމެންޓުގަ ފާސްކުރި ގަރާރާ ގުޅިގެން އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ރާއްޖެ ޑިމޮކްރެސީގެ މަގަށް ރުޖޫއަވެ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް އިއާދަ ކުރުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ، ރާއްޖޭގެ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. މީގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ނުހައްގުން ބަންދުކޮށް ދައުވާ އުފުލުން ހުއްޓާލަން ވެސް ހުށަހަޅާފައިވެ އެވެ.
އީޔޫ އިން ފިޔަވަޅު އަޅާތީ އެކަމުގެ އުފާފާޅުކޮށް، އިދިކޮޅު އެމްޑީޕީން އެ ވާހަކަ ދައްކަމުން އައި ނަމަވެސް އީޔޫގެ އެ އިންޒާރު އެ މަނިކުފާނު ބަލައިގަންނަނީ، ރައީސް ވިދާޅުވި ގޮތުގައި، އުފަލާ އެކުގައެއް ނޫނެވެ.
"އަޅުގަނޑު މިކަން ބަލައިގަންނަނީ، ކަންބޮޑުވުމާ އެކުގައި. އެކަމަކު އަޅުގަނޑުގެ ސަރުކާރެއްގައި ކޮމްޕްރޮމައިޒް ނުކުރާނެ ކަންކަން ހުންނާނެ. އަޅުގަނޑުގެ ސަރުކާރެއްގައި ދޫނުކޮށްލާނެ އުސޫލްތަކެއް ހުންނާނެ. އަޅުގަނޑުގެ ސަރުކާރެއްގައި ހިފަހައްޓާ، ދަމަހައްޓާ އުސޫލްތަކެއް ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ އުސޫލްތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ނަމަ، އެ ކަންކަމުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ފާޅުގައި ވިދާޅުވާ ވިދާޅުވުން ހުއްޓުމަކަށް އަންނަން ޖެހޭނެ ކަމަށް އީޔޫ އިން އަންގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުށްވެރިންތަކެއް ޖަލުގައި ތިބެގެން، ހުރިހާ އެންމެންނަކީ ޖަލުން ދޫވެފައި ތިބެން ޖެހޭނެ ބައެއް ކަމަށް އީޔޫން އަޅުގަނޑަށް ގޮވާލަނީ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ކަަމަށް ތިމަންނަމެން ގަބޫލުކުރާނީ، ހުރިހާ ކުށްވެރިން ވެސް ދޫކޮށްލީމައޭ، އެންމެންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ޖާގަ ހޯދައިދިނީމައޭ. ނޫން، އަޅުގަނޑު އެކަމެއް ގަބޫލެއް ނުކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމީ އުސޫލްތައް ދަމަހައްޓައި އެހެން ދީނަކަށް ޖާގަ ނުދީގެން ފިޔަވަޅު އަޅާނަމަ، އެ މަނިކުފާނަށް ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށެވެ. އީޔޫ އިން އެދޭ ކަންކަން ތަންފީޒުކުރަން ރައްޔިތުން ބޭނުންވޭތޯ ބަލަން ވޯޓެއް ނެގިއަސް ތާއީދެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން އީޔޫން ގޮވާލަމުން ދާއިރު، އެއީ ކުށްތަކަށް އަރައިގަނެ ޝަރީއަތުގެ މަރުހަލާ އިން ކުށް ސާބިތުވެފައިވާ ބޭފުޅުން ކަމަށް ރައީސް ވިދާޅުވި އެވެ. އީޔޫ އިން އެންގިއަސް، ޝަރީއަތުގެ ބޭރުން ކުށްވެރިންތަކެއް އެ މަނިކުފާނަށް ދޫކޮށްނުލެވޭނެ ކަމަށް ވިދާޅުވި އެވެ.
"އީޔޫ އިން ކިތަންމެ ވަރަކަށް ގޮވާލިއަސް، މި ހުރިހާ ކުށްވެރިންނަކީ ކުށެއް ނުކުރާ މީހުން ކަަމަށް ބަލައި އެ މީހުން އަޅުގަނޑަކަށް ވީއްލައެއް ނުހެދޭނެ. އަދި ގޮނޑި ގެއްލިފައި ތިބި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަކަށް ވެސް އަޅުގަނޑަކަށް ކަނޑައެއް ނޭޅޭނެ. އެއާ ދޭތެރޭގައި ވެސް ގޮތެއް ނިންމައި އެއްޗެއް ބުނަން ޖެހޭނީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމްގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
ދިއްގަރަށް ރައީސް ޔާމީން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އީޔޫގެ އިންޒާރާ ގުޅިގެން އެ ކަންކަމަށް ހައްލު ހޯދަން ސަރުކާރުން އަންނަނީ އެ އިއްތިހާދުގެ އެކި ބޭފުޅުންނާ ވާހަކަ ދައްކަވަމުންނެވެ. ނަަމަވެސް ވަކި ގޮތަކަށް ކަންތައްތައް ނިންމައިގެން ތިބި ބަޔަކަށް ވިސްނައިދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކަތަކަށް ވުރެ، އިދިކޮޅުން ދައްކާ ވާހަކަތައް އީޔޫގައި މަގުބޫލުކަން ބޮޑު ކަމަށެވެ. އެހެންވިޔަސް، އެ މަނިކުފާނުގެ ދެ ވަނަ ނައިބު ރައީސް އަހްމަދު އަދީބަކީ ކުށްވެރިއެއް ނޫން ކަމަށް ގަބޫލުކުރަނީ ކާކުތޯ ރައީސް އެއްސެވި އެވެ.
"އާދައިގެ ކަމެއް ނޫން ކުރަން އުޅުނީ، ދިވެހި ދައުލަތުގެ ޚަޒާނައިގެ އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަދިވެސް ވީތަނެއް ނޭނގެ. އަދި ހަމަ އެހެންމެ އަހްމަދު އަދީބު ދިމާކުރެއްވީ ލޯންޗު ގޮއްވާލައިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދުނިޔެ އިން ނެތިކޮށްލަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެއީ ލުއި ކަންކަން ކަމަށް ދެކިގެން، ސުޕްރީމް ކޯޓުން ކުރާ އަމުރަކަށް ނުވަތަ އީޔޫގެ ގޮވާލުންތަކަށް އިޖާބަދީފި ނަމަ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ހަމަޖެހުމެއް ނާންނާނެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހުރި ކަަމަށް އީޔޫ އިން ގަބޫލުކުރާ މައްސަލަތަކުގެ 90 ޕަސެންޓް ވަނީ ހައްލުވެފަ އެވެ. ދެން ހުރި ކަމަކީ، ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކާއި ގުޅިފައިވާ ކަންކަން ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅާފާނެ: ރައީސް ޔާމީން
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އީޔޫ ޕާލަމެންޓް މެމްބަރުންތަކެއްގެ ޝަކުވާ އީޔޫ އަށް
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް