Roadha Mihaaru
ޕީނަލް ކޯޑަށް ގެންނަ އިސްލާހު: ރަނގަޅު ބަދަލެއްތަ؟

ގާނޫނުލް އުގޫބާތަށް ގެންނަ ބޮޑު އިސްލާހު: ރަނގަޅު ބަދަލަކަށް ވެދާނެތަ؟

11 ޖުލައި 2018

ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ގާނޫނުލް އުގޫބާތް އުވާލުމަށް ފަހު ޒަމާނީ ގާނޫނުލް އުގޫބާތެއް ރާއްޖެ އަށް ގެންނަން ޖެހުނީ ވަރަށް މުހިންމު ސަބަބުތަކަށް ޓަކަ އެވެ. މީގެ 60 އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން ދިޔަ ގާނޫނުލް އުގޫބާތުގައި ހުރި ޒަމާނާ ނުގުޅޭ ކުށްތަކާއި އަދަބުތަކުގެ ސަބަބުން ކުރިމަތިވަމުން އައި މައްސަލަތައް އޭރު ވަރަށް ބޮޑެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ގާނޫނުލް އުގޫބާތް އުވާލުމަށް ފަހު ޒަމާނީ ގާނޫނުލް އުގޫބާތެއް ރާއްޖެ އަށް ގެންނަން ޖެހުނީ ވަރަށް މުހިންމު ސަބަބުތަކަށް ޓަކަ އެވެ. މީގެ 60 އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން ދިޔަ ގާނޫނުލް އުގޫބާތުގައި ހުރި ޒަމާނާ ނުގުޅޭ ކުށްތަކާއި އަދަބުތަކުގެ ސަބަބުން ކުރިމަތިވަމުން އައި މައްސަލަތައް އޭރު ވަރަށް ބޮޑެވެ.

އެކަންކަމަށް ހައްލެއް ގެނައުމަށްޓަކައި އެމެރިކާގެ ޕްރޮފެސަރެއްގެ އެހީތެރިކަމާ އެކު އެކުލަވާލި އާ ގާނޫނުލް އުގޫބާތަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ގާނޫނެކެވެ. އެކި މަރުހަލާތަކުގައި 10 އަހަރު ވަންދެން އޮތުމަށް ފަހު، 2014 ގައި ތަސްދީގުކޮށް، 2015 ގައި އަމަލުކުރަން ފެށި އާ ގާނޫނުލް އުގޫބާތް ވެގެން ދިޔައީ ޖިނާއީ އަދުލުގެ ނިޒާމަށް އައި އިންގިލާބީ ބަދަލެއްގެ ގޮތުގަ އެވެ.

އެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން މިހާރު ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ގެނެސްފައި ވިޔަސް، މިފަހަރު ހުށަހެޅީ، އަދި ތިން އަހަރު ވެސް ނުވާ މި ގާނޫނަށް މިހާތަނަށް ގެންނަ އެންމެ ބޮޑު އިސްލާހެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގައި ހިމަނާފައި ވަނީ މިހާރު އެ ގާނޫނުގައި ހިމެނޭ އަދަބުތައް ބޮޑު ކުރުމަށާއި އިތުރު ކުށްތައް އެ ގާނޫނުގައި ހިމެނުމަށެވެ. އަދަބު ބޮޑު ކުރުމަށްޓަކައި އިސްލާހުގައި ހުށަހަޅާފައި ވަނީ ގާނޫނުލް އުގޫބާތުގެ 1002 ވަނަ މާއްދާގައި ބަޔާންކުރާ އަދަބު ކަނޑައެޅުމުގެ ތާވަލް އިސްލާހުކޮށް، މިހާރު ކަނޑައަޅާފައިވާ ހުރިހާ އަދަބުތަކެއްހެން ބޮޑު ކުރުމަށެވެ. އެގޮތުން ޖުމްލަ ގޮތެއްގައި މިހާރު ހުރި ވަރަށް ވުރެ އަދަބުތައް ދެ ގުނަ ބޮޑު ކުރުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

މިސާލަކަށް ޖުނަހްގެ އެއް ވަނަ ދަރައިގެ ކުށަށް މިހާރު އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ ބިލުގައި ހިމަނާފައި ވަނީ މިހާރު އޮތް މިންވަރަށް ވުރެ ދެ ގުނަ ބޮޑުކޮށް، އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރުމަށެވެ. ހަމަ އެގޮތަށް، އެހެން ދަރަޖަތަކުގެ ކުށްތަކުގެ އަދަބު ވެސް ބޮޑުކުރަން ހުށަހަޅާފައިވެ އެވެ.

ގާނޫނުލް އުގޫބާތަކީ ތަފާތު ގޮތަކަށް ކުށްތައް ބަޔާން ކޮށްފައިވާ އަދި އަދަބު ކަނޑައެޅުމުގެ އުސޫލުތައް ވެސް އެހެން ގާނޫނުތަކާ ތަފާތުކޮށް ލިޔެފައިވާ ގާނޫނެކެވެ. އެހެން ގާނޫނުތަކުގައި ކުށް ބަޔާން ކުރާ މާއްދާތަކުގައި އެ ކުށުގެ އަދަބު ވަކިން ލިޔެފައި އޮތަސް، ގާނޫނުލް އުގޫބާތުގައި ކުށް ބަޔާން ކުރުމަށް ފަހު ލިޔެފައި އޮންނާނީ އެ ކުށެއްގެ ދަރަޖަ އެވެ. ކުށުގެ ދަރަޖަތަކަށް ކަނޑައެޅޭނެ އަދަބުތައް ލިޔެފައި އޮންނާނީ ކުރިން މިދެންނެވި 1002 ވަނަ މާއްދާގައި ބަޔާންކުރާ ތާވަލްގަ އެވެ. އަދި އަދަބުގެ ދަރަޖަ ދަށް ކޮށްފި ނަމަ ނުވަތަ މަތިކޮށްފި ނަމަ ކަނޑައެޅޭނެ އަދަބުތައް ވެސް މިދެންނެވި ތާވަލްގައި ބަޔާން ކޮށްފައިވެ އެވެ.

މިދެންނެވި ތާވަލް މުޅިން އިސްލާހުކޮށް، ކުށުގެ ދަރަޖަތަކުގެ އަދަބުތައް ބޮޑު ކޮށްފި ނަމަ އޭގެ ސަބަބުން މުޅި ގާނޫނުލް އުގޫބާތުގައި ހިމެނޭ ހުރިހާ ކުށްތަކެއް އަދަބު ބޮޑުވެގެން ދާނެ އެވެ. އެހެންވެ، ސުވާލަކީ 10 އަހަރުގެ މަސައްކަތަށް ފަހު، މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަމަލު ކުރަން ފަށާފައިވާ ގާނޫނުލް އުގޫބާތުގައި ހުރި ހުރިހާ އަދަބުތަކެއް ބޮޑުކުރަން ޖެހޭ މިންވަރަށް ރާއްޖޭގެ ކުށުގެ ވެށި ފުޅާވެއްޖެ ހެއްޔޭ އެވެ؟ ތޫނު ހަތިޔާރުން މީހުންނަށް ހަމަލާ ދިނުމާއި ޓެރަރިޒަމް ފަދަ ނުރައްކާތެރި ކުށްތަކުގައި މިހާރު ވެސް ދައުވާ ކުރަނީ އެފަދަ ކުށްތަކާ ގުޅޭގޮތުން ހަދާފައިވާ ޚާއްސަ ގާނޫނުތަކުގެ ދަށުން ކަމަށް ވާއިރު، ގާނޫނުލް އުގޫބާތުގައި ހުރި ކުދި ކުށްތައް ވެސް ހިމެނޭ ގޮތަށް ހުރިހާ އަދަބުތަކެއް ބޮޑު ކުރަންޖެހޭ ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި ގާނޫނުލް އުގޫބާތުގައި ހުރި އަދަބުތައް ބޮޑުކުރަން ކުރިން ވެސް ކޮންމެވެސް ވަރަކަށް މަސައްކަތްތަކެއް ކުރެވުނެވެ. އެކަމަކު މިހާރު ހުށަހަޅާފައި އޮތް އިސްލާހުގައި ހިމަނާފައި ހުރީ އޭރު ބޮޑުކުރަން އުޅުނު އަދަބުތަކަށް ބައެއް ބަދަލު ގެނައުމަށް ފަހު ކަމަށްވެ އެވެ.

ކްރައިމް ސީނެއް ބަންދު ކޮށްފައި --ފޮޓޯ/ މިހާރު

ކްރައިމް ސީނެއް ބަންދު ކޮށްފައި --ފޮޓޯ/ މިހާރު

މިހާރު ގާނޫނުލް އުގޫބާތުގައި ހުރި ބައެއް އަދަބުތަކަކީ އެކަށީގެންވާ މިންވަރަށް ވުރެ ކުޑަ އަދަބުތަކެއް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވެސް އެއްބަސްވެ ވަޑަައިގަންނަވަ އެވެ. އެކަމަކު މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތަށް، އަދަބު ކަނޑައެޅުމުގެ ތާވަލް ބޮޑު ނުކުރިޔަސް، އެކަންކަން ހައްލު ކުރެވިދާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އަދަބު ކަނޑައެޅުމުގެ ތާވަލް އިސްލާހު ނުކުރިޔަސް، އަދަބު ބޮޑު ކުރެވިދާނެ ހާލަތްތައް މިހާރު ވެސް ގާނޫނުލް އުގޫބާތުގައި އެބަހުރި. އޭގެ ތެރެއަށް އިތުރު ހާލަތްތަކެއް އިތުރު ކުރެވިދާނެ. މިސާލަކަށް ވަކި ކަހަލަ މަގާމެއް އަދާކުރާ މީހަކު ކުށެއް ކޮށްފި ނަމަ ބޮޑު ކުރެވޭ ގޮތަށް ވެސް ހިމެނިދާނެ. އެ އިސްލާހު އޮތްގޮތުން ނަމަ، މިހާރު ހަތަރު މަހާއި 24 ދުވަސް އަންނަ ކުށް ވެސް އެބަ ބޮޑުވޭ އެއް އަހަރާއި ހަތަރު މަހަށް،" އެއް ވަކީލަކު ވިދާޅުވި އެވެ.

"އަސްލު ދިމާވާ މައްސަލައަކީ ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރީމަ ބައެއް ކުށްތަކުގެ އަދަބު މާ ބޮޑަށް ކުޑަ ވަނީ. އެކަމަކު ޚާއްސަ ގާނޫނެއްގެ ދަށުން އެ ކުށަކަށް ދައުވާ ކުރީމަ އަދަބު މާ ބޮޑަށް ހަރުކަށި ވެސް ވަނީ." އޭނާ ވިދާޅުވި އެވެ.

އެ އިސްލާހުގައި ގާނޫނުލް އުގޫބާތުގައި އަލަށް ހިމަނަން ހުށަހަޅާފައިވާ ކުށްތަކުގެ ތެރޭގައި މުހިންމު ކުށްތަކެއް ވެސް އެބަހުއްޓެވެ. މިސާލަކަށް ސިހުރު ހެދުމާއި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުމާއި ނަސްލީ ތަފާތު ކުރުމާއި ހުޅު ޖެހުން ފަދަ ކުށްތަކަކީ މިހާރު އެއްވެސް ވަރަކަށް ގާނޫނުލް އުގޫބާތުގައި ހިމެނިފައި ނެތް ކުށްތަކެކެވެ. އެކަމަކު އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ ތެރޭގައި ކަންބޮޑުވާން ޖެހޭ ފަދަ އިސްލާހުތަކެއް ވެސް އެބަހުއްޓެވެ. މިސާލެއްގެ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެވެ.

ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާ އަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު މައްސަލަ ނިންމުމުގެ ގާބިލްކަން ކޯޓެއްގައި ނެތް ކަން ދެއްކުމަށްޓަކައި ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަގްސަދެއްގައި ކަމަށް ބުނެ ގަސްދުގައި ގާނޫނާ ޚިލާފަށް އެއްވެސް އެއްޗެއް ޝާއިއު ކުރުން ނުވަތަ އަމަލެއް ކޮށްފި ނަމަ، އަދި އެކަމަކީ ޝަރުއީ ދާއިރާއަށް އޮންނަ އާންމުންގެ އިތުބާރު ގެއްލިގެން ދިއުމުގެ އިހްތިމާލު ބޮޑު ކަމެއް ކަމުގައިވާ ނަމަ، އެއީ ކުށެކެވެ.

އެ އިސްލާހުގައި، އެއްޗެއް ޝާއިއު ކުރުން ވެސް ހިމެނިފައި އޮތުމުން މީގެ ތެރޭގައި ނޫސްވެރިން ވެސް ހިމެނިދާނެ ކަން އެނގެ އެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް އެންމެ ބޮޑު އެއް ގާނޫނަކީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނެވެ. އެކަމަކު އެ ގާނޫނު ބުނާގޮތުން ވެސް ޝަރީއަތުގެ މަޖިލިސްތަކުގައި ނުވަތަ ޓްރައިބިއުނަލްތަކުގައި ދެކެވޭ ވާހަކަތައް ހަގީގަތާ އެއްގޮތަށް ނޫސްވެރިން ގެނެސް ދިނުމަކީ ޚާއްސަ އިމްތިޔާޒު ލިބިގެންވާ ކަމެކެވެ. އެކަމަކު ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގައި އެފަދަ އެއްވެސް އިމްތިޔާޒެއް ނޫސްވެރިންނަށް ދީފައެއް ނެތެވެ.

އެހެންވުމުން މިސާލަކަށް، ޝަރީއަތެއް ހިނގަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ މައްސަލާގައި ހިމެނޭ ފަރާތަކުން ނުވަތަ ވަކީލަކު ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކައެއް ވެސް، އެ ދެއްކި ގޮތަކަށް ނޫސްވެރިން ގެނެސްދީފި ނަމަ އެއީ ވެސް ކުށެއްގެ ބެލުމުގެ ފުރުސަތު އެބައޮތެވެ. އަދި ޝަރީއަތުގެ މަޖިލީހުން ބޭރުގައި މައްސަލާގައި ހިމެނޭ ފަރާތެއްގެ ވަކީލުން ދައްކާ ވާހަކައެއް ވެސް އެއީ އިތުބާރު ގެއްލުވާލުމުގެ އަމަލެއްގެ ގޮތުގައި ބަލައި، އަދަބު ދެވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

"އިސްލާހު އޮތްގޮތުން ވަރަށް ބޮޑަށް ނޫސްވެރިންނަށް އަމާޒު ކުރެވިދާނެ ފަދަ ގޮތަކަށް އޮތީ،" ނޫސްވެރިންގެ ވަރަށް ބޮޑު ހުރަހެއް ކުރިމަތިވާނެ ކަން ފާހަގަ ކުރައްވަމުން އެ ވަކީލް ވިދާޅުވި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލުތަކުގެ ގޮތުގައި ގާނޫނުލް އުގޫބާތަށް އިތުރު ބާބެއް އިތުރު ކުރަން އެ އިސްލާހު ހުށަހަޅާފައިވާއިރު، އެ ބާބުގައި ހިމަނާފައި ހުރި ބައެއް ކުށްތަކާ މެދު ވެސް ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެ ބާބަށް އިތުރު ކުރަން ހުށަހަޅާފައި ހުރި ބައެއް ކުށްތަކަކީ ގާނޫނު އަސާސީ އައުމުގެ ވެސް ކުރިން، އޭރު އަމަލުކުރި އަދި މިހާރު އުވާލާފައިވާ ގާނޫނުލް އުގޫބާތުގައި ހުރި ފަދަ ބައެއް ކުށްތައް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. އޭގެ ތެރޭގައި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށް ވެސް ހިމަނާފައިވާއިރު، އެ ކުށް ސާބިތުވާ މީހަކަށް ދައުލަތުގެ އެއްވެސް މަގާމެއް ދުވަހަކު ވެސް އަދާ ނުކުރެވޭ ގޮތަށް އިސްލާހުގައި އޮތްގޮތުމަކީ ވެސް އެ ބޭފުޅުން ފާހަގަކުރާ އެއް މައްސަލަ އެވެ.

"ގާނޫނު އަސާސީގައި އޮންނަނީ ވަކި މުއްދަތެއް ވަންދެން މަގާމު އަދާ ނުކުރެވޭ ގޮތަށް. މުޅި އުމުރަކަށް އޮންނަ ކަމެއް ގޮތަކަށް ނޫން،" އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުލް އުގޫބާތުން އިސްތިސްނާ ކުރެވިފައިވާ ޚާއްސަ ގާނޫނުތައް ގިނަވުމަކީ ވެސް މައްސަލަ އެކެވެ. ގާނޫނުލް އުގޫބާތުން އިސްތިސްނާ ކުރެވިފައިވާ ޚާއްސަ ގާނޫނުތަަކެއް ކުރިން ވެސް ގާނޫނުލް އުގޫބާތުގައި ހިމަނާފައި އޮތްއިރު، މިހާރު ހުށަހަޅާފައި އޮތް އިސްލާހުގައި ވެސް ޓެރަރިޒަމްގެ ގާނޫނާއި އިންތިޚާބީ ކުށްތައް ޚާއްސަ ގާނޫނުތަކުގެ ތެރޭގައި ހިމަނަން ހުށަހަޅާފައިވެ އެވެ.

"އިންތިޚާބީ ކުށްތައް ޚާއްސަ ގާނޫނުގެ ތެރޭގައި ހިމަނަން ހުށަހަޅާފައި އޮތްއިރު، އިންތިޚާބާ ބެހޭ ގާނޫނުތަކަކީ ޚާއްސަ ގާނޫނުތަކެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

އެތައް އަހަރެއްގެ މަސައްކަތުން ވުޖޫދަށް ގެނައި ގާނޫނުލް އުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަކީ ކުޑަ ކަމެއް ނޫނެވެ. ގާނޫނުލް އުގޫބާތަށް ސަރުކާރުން މިހާރު ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މުހިންމު އިސްލާހުތަކެއް ހުއްޓަސް، އޭގެ ތެރޭގައި ކަންބޮޑުވާން ޖެހޭ ފަދަ އިސްލާހުތަކެއް ވެސް އެބަހުއްޓެވެ. މިހާރު ކޮމެޓީ މަރުހަލާގައި އޮތް އެ ބިލް ފާސް ކުރުމުގެ ކުރިން އެކަންކަމާ މެދު މެމްބަރުން ވިސްނާލަން އެބަ ޖެހެ އެވެ.