Roadha Mihaaru
ބައުންސްވި ޗެކެއްގެ ފަހަތުން ދައުލަތް: ބޭނުމަކީ ކޮބާ؟

ބައުންސްވި ޗެކެއްގެ ފަހަތުން މުޅި ދައުލަތް: ބޭނުމެއް އެބައޮތްތަ؟!

14 އޯގަސްޓް 2024

މީހުންނަށް ދޭންޖެހޭ ދަރަނި އަދާނުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައިގެން މީހުން ހައްޔަރުކޮށް، ބަންދުކުރި ޒަމާނެއް ރާއްޖޭގައި އޮތެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމަށް ފަހު، އެ ނިޒާމު އުވާލީ މަދަނީ މުއާމަލާތްތަކަކީ ދޭދޭ ފަރުދުންގެ މެދުގައި ހިނގާ އަދި ދައުލަތުގެ މަސްލަހަތެއް އެކަމުގައި ނެތް ކަމެއް ކަމުގައި ބަލައިގެންނެވެ. އެހެންވެ، މަދަނީ މައްސަލަތަކަކީ މިހާރުގެ ނިޒާމުގައި ހިޔާނާތެއް ނުވަތަ މަކަރާއި ހީލަތުގެ އަމަލެއް ނެތް ނަމަ އެ ބައެއްގެ އަމިއްލަ ކަމެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީހުންނަށް ދޭންޖެހޭ ދަރަނި އަދާނުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައިގެން މީހުން ހައްޔަރުކޮށް، ބަންދުކުރި ޒަމާނެއް ރާއްޖޭގައި އޮތެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމަށް ފަހު، އެ ނިޒާމު އުވާލީ މަދަނީ މުއާމަލާތްތަކަކީ ދޭދޭ ފަރުދުންގެ މެދުގައި ހިނގާ އަދި ދައުލަތުގެ މަސްލަހަތެއް އެކަމުގައި ނެތް ކަމެއް ކަމުގައި ބަލައިގެންނެވެ. އެހެންވެ، މަދަނީ މައްސަލަތަކަކީ މިހާރުގެ ނިޒާމުގައި ހިޔާނާތެއް ނުވަތަ މަކަރާއި ހީލަތުގެ އަމަލެއް ނެތް ނަމަ އެ ބައެއްގެ އަމިއްލަ ކަމެކެވެ.

އެހެންކަމުން މަދަނީ މުއާމަލާތްތަކުގައި މީސްމީހުންނަށް ދޭންޖެހޭ ފައިސާ ނުދީގެން އަމިއްލައަށް ކޯޓުގައި ދައުވާކޮށް، އެ ފައިސާ ހޯދަން އެތައް އަހަރެއް ނަގަ އެވެ. ނަމަވެސް ހަމަ އެފަދަ މުއާމަލާތެއް ކަމަށްވާ ޗެކް ބައުންސްގެ މައްސަލަތަކުގައި ފައިސާ ނުދެއްކިއްޖެ ނަމަ ޖިނާއީ ދައުވާތަކާ ކުރިމަތިލާން ޖެހި، ޖަލު ހުކުމް ނުވަތަ ގޭ ބަންދާ ކުރިމަތިލާން ޖެހޭ ޖެހުމަށް އަދިވެސް ނިމުމެއް ނެތެވެ. ނަތީޖާއަކަށް ވަނީ ފައިސާ ހޯދަން "ޝޯޓް ކަޓެއްގެ" ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމު ބޭނުން ހިފަން ފުރުސަތު ލިބުމެވެ.

މަދަނީ މުއާމަލާތްތަކާ ގުޅިގެން މީހުންނަށް އަދަބު ދިނުމަކީ ގާނޫނުއަސާސީ ވުޖޫދަށް އައުމަށް ފަހު، ޖިނާއީ އަދުލުގެ ނިޒާމުން އުވާލާފައި އޮތް ކަމަކަށް ވިޔަސް ޗެކް ބައުންސްގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާ ކުރުމަކީ މިއަދާ ހަމައަށް ވެސް ކުރަމުންދާ ކަމެކެވެ. މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގެ ދަށުން އަދިވެސް އެއީ ކުށެކެވެ. އޭގެ ސަބަބުން އެތައް ވިޔަފާވެރިންނަކަށް ވެސް ޖިނާއީ އަދަބުތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

"ވަގު ނޫޓެއް ދިނުން ފަދަ ކަމެއް މިއީ ވެސް."

ގާނޫނުލްއުގޫބާތު ބުނާގޮތުން އެކައުންޓްގައި ފައިސާ ނެތިގެން ޗެކް ބައުންސް ވެއްޖެ ނަމަ އަދި އެ ޗެކްގައިވާ އަދަދަށް ހަތް ދުވަސް ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެއީ މަކަރާއި ހީލަތް ހެދުމުގެ އަމަލެއް ކަމަށް ބެލެވޭނެ އެވެ. މާނައަކީ ސައްހަ ގޮތުގައި ހިންގާ މަދަނީ މުއާމަލާތެއް ކަމަށް ވިޔަސް، އެ ހިސާބުން ފެށިގެން އެކަން އެ ބަދަލުވެގެން އެ ދަނީ ގާނޫނީ ގޮތުން ސަލާމަތް ވާން އުނދަގޫ ޖިނާއީ ކުށަކަށެވެ. މިފަދަ ކުށްތަކުގައި އަދަބު ބޮޑުވުމާއި ކުޑަވުން ވެސް ބިނާވަނީ ޗެކްގައިވާ ފައިސާގެ އަދަދަށް ބަލައިގެންނެވެ.

ގާނޫނުތައް ހިމެނޭ ފޮތްތަކެއް --- ފޮޓޯ/މިހާރު

ގާނޫނުތައް ހިމެނޭ ފޮތްތަކެއް --- ފޮޓޯ/މިހާރު

މިސާލަކަށް ފަސް ލައްކަ ރުފިޔާގެ ޗެކެއް ނަމަ ގާނޫނު ބުނާގޮތުން އަދަބަކީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަން ނިޒާމު އޮންނަ ގޮތުން އެންމެންނަކަށް ނޯވެ އެވެ. އެފަދަ ކުށެއްގައި ޖަލަށްލުން ނުވަތަ ގޭ ބަންދުގެ ހުކުމްތަކާ ކުރިމަތިވެއްޖެ ނަމަ ކުރަމުންދިޔަ ވިޔަފާރި ހުއްޓި އެ ނޫން ވެސް އެތައް އަސަރެއް އެ މީހެއްގެ ދިރިއުޅުމަށް ކުރުމުގެ ސަބަބުން އެ ނުކުންނަނީ އިޔާދަ ނުކުރެވޭނެ ގެއްލުންތަކެކެވެ. އެހެންވެެ، މިއީ ވިސްނާލުން މުހިންމު މައްސަލަ އެކެވެ.

ގިނަ ބަޔަކު މިހާރު ޗެކް ދޫކުރަނީ ވެސް ފައިސާ ދައްކާނެ ކަމުގެ ޔަގީން ކަމެއް ނުވަތަ ގެރެންޓީއެއްގެ ގޮތުން، ޗެކްގައި ފަހުގެ ތާރީޚެއް ޖަހައިގެންނެވެ. އެކަމަކު، ގާނޫނީ މަޅިއަށް ފެތެނީ އުއްމީދުކުރި ގޮތާ ހިލާފަށް މާލީ ދަތިކަމެއްގެ ތެރެއިން ފައިސާ ނުލިބި ލަސްވުމުން، ފައިސާ ލިބެންޖެހޭ ފަރާތުން ޗެކް ހިފައިގެން ބޭންކަށް ދިއުމުން ޗެކް ބައުންސް ވުމުންނެވެ. ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ދޭ ކުންފުނިތަކުގައި މި މައްސަލަ ވަކިން ބޮޑެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ކޮންމެ ބޭނުމަކަށް ދޫކުރި ނަމަވެސް އިސްތިސްނާއެއް ނެތެވެ.

"އެހެން ގައުމުތަކުގައި ހުރި ކުށްތައް ބަލައިގެން އަޅުގަނޑުމެން ގިނަ ކުށްތައް މި ލިޔަނީ ގާނޫނުތަކުގައި. އެކަމަކު އެ ގައުމުތަކާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ އެވަރުގެ ކެޕޭސިޓީއެއް ނެތް."

މިފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާކުރާ ފަހުން ފައިސާ ދެއްކިޔަސް، ގާނޫނީ ގޮޅިން ސަލާމަތްވެވޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ. ދައުވާ އަނބުރާ ގެންދާނެ ކަމުގެ އުއްމީދުގައި ބައެއް މީހުން ފައިސާ ދެއްކިޔަސް، ދައުލަތުން މިހާރު އަމަލުކުރާ އުސޫލަކީ ދައުވާ ކުރިއަށް ގެންދިއުމެވެ. މާނައަކީ ފައިސާ ލިބެން ޖެހޭ މީހާއަށް ފައިސާ ލިބުނަސް، ޗެކް ދޫކުރި މީހާއަށް ދައުލަތުން ލުޔެއް ނުދޭހާ ހިނދަކު އޭނާއަށް ސަލާމަތެއް ނެތެވެ. އެކަމަކު، ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކޯޓުތަކުގެ ވަގުތުތައް ހޭދަކޮށްގެން އެކަން ކުރުމުގެ މަސްލަހަތެއް އެބައޮތްތޯ ސުވާލު އުފެދެ އެވެ.

"ބޭނުމަކީ ޗެކަށް އޮންނަ އިތުބާރު ދެމެހެއްޓުން."

މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލަކު ވިދާޅުވި ގޮތުގައި ޗެކް ބައުންސްގެ މައްސަލަތަކަކީ މަދަނީ މުއާމަލާތަކަށް ވާއިރު، ޖިނާއީ ދައުވާ ކުރުމުގެ މަސްލަހަތެއް ނެތެވެ. އެހެން ގައުމުތަކުގައި ހުންނަ ކުށްތައް ރާއްޖޭގެ ނިޒާމަށް ގެންނަނީ އެކަށީގެންވާ ދިރާސާތަކެއް ހެދުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ގައުމުތަކުގައި ހުރި ކުށްތައް ބަލައިގެން އަޅުގަނޑުމެން ގިނަ ކުށްތައް މި ލިޔަނީ ގާނޫނުތަކުގައި. އެކަމަކު އެ ގައުމުތަކާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ އެ ވަރުގެ ކެޕޭސިޓީއެއް ނެތް. އަޅުގަނޑަށް ހިއެއް ނުވޭ ޕޮލިސީތައް މި ކަނޑައަޅާ ބޭފުޅުންނަށް މީގެ ޓެކްނިކަލް ކަންކަން އެނގޭހެނެއް،" އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް --- ފޮޓޯ/މިހާރު

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް --- ފޮޓޯ/މިހާރު

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޗެކް ބައުންސްގެ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރަނީ ޗެކަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކަ އެވެ. ސަބަބަކީ ޗެކަކީ އޭގެ ޒާތުގައި ފައިސާއަށް ބަދަލުކުރެވޭ ފަދަ ގާނޫނީ ބުރަދަން އޮންނަ ލިޔުމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗެކެއް ދޭ މީހާ ޗެކެއް ދިނުމުން އެ ބުނެވެނީ މި އޮތީ ފައިސާއޭ. އެހެންވީމާ މަކަރު ހެދުމުގެ އުންސުރެއް އެބަ ފުރިހަމަވޭ އޭގައި. މިސާލަކަށް ސައްހަ އެއްޗެއް ކަމަށް ދައްކައިގެން ވަގު ނޫޓެއް ދިނުން ފަދަ ކަމެއް މިއީ ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗެކް ފަދަ ގާނޫނީ ބުރަދަން ހުރި ލިޔުންތަކަށް އޮންނަ އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށެވެ.

"ބޭނުމަކީ ޗެކަށް އޮންނަ އިތުބާރު ދެމެހެއްޓުން. އެހެންވީމާ ދައުވާ ކުރަނީ،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗެކް ބައުންސްގެ މައްސަލަތަކުގައި ފައިސާ ދެއްކިޔަސް އާންމު އުސޫލުން ދައުވާ ކުރިއަށް ގެންދިޔަ ނަމަވެސް، އެ މައްސަލައެއްގެ ކަން ހިނގާފައިވާ ގޮތަށް ބެލުމަށް ފަހު، އެ މައްސަލައެއް އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޗެކަކީ ގެރެންޓީއެއްގެ ގޮތުގައި ދޫކުރި އެއްޗެއް ކަމަށް ބުނުމަކީ އެކަމުން ސަލާމަތްވެވޭނެ ކަމެއް ނޫނެވެ.

"ބުނަނީ ޗެކަކީ ގެރެންޓީއެއްގެ ގޮތުގައި ދޫކުރި އެއްޗެއް ކަމަށެވެ. މިއީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ވެސް ނޫނެވެ. އަދި ޗެކްގެ ބޭނުމެއް ވެސް ނޫނެވެ،" ޝަމީމް އޭނާގެ ބްލޮގްގައި ކުރިން ލިޔުއްވާފައި ވެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ އެއް ބޭނުމަކީ އެ ނޫން ގޮތެއް ނެތިގެން ނޫނީ އެ ނިޒާމުގެ ތެރެއަށް މީހުން ނުވެއްދުމެވެ. އެހެންވީއިރު، ސައްހަ ގޮތެއްގައި ހިންގާ މަދަނީ މުއާމަލާތެއްގެ ތެރެއިން ދޫކުރާ ޗެކަށް ފައިސާ ނުދެވުމުން އެ މީހުންނަށް އަދަބު ދިނުމުގައި މަސްލަހަތެއް އޮތްތޯ އެއީ ވިސްނާލަން ޖެހޭ ކަމެކެވެ.