28 ސެޕްޓެމްބަރ 2022
އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ސައިކަލެއް ވަގަށް ނަގާ މީހާއަށް ވެސް، ހަމަ އެ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ކުށަށް އެއްބަސްވެއްޖެނަމަ ބޮޑު ޑިސްކައުންޓެއް ލިބެ އެވެ. މިއީ ގާނޫނުލް އުގޫބާތުގެ ވާހަކަ އެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ސައިކަލެއް ވަގަށް ނަގާ މީހާއަށް ވެސް، ހަމަ އެ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ކުށަށް އެއްބަސްވެއްޖެނަމަ ބޮޑު ޑިސްކައުންޓެއް ލިބެ އެވެ. މިއީ ގާނޫނުލް އުގޫބާތުގެ ވާހަކަ އެވެ.
މީހަކު މެރުމުގެ ކުށަށް ގާނޫނުލް އުގޫބާތުގެ ދަށުން ދެވޭ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމޭ ބުނުމުން ގިނަ ބަޔަކު ހައިރާން ވިޔަސް، އެއީ އެކަން އޮތްގޮތެވެ. ޝަރީއަތް ނިމޭއިރު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން އޮންނާނީ ދެ ތިން އަހަރެވެ. އެ މީހެއްގެ ނަސީބުގައި ޕެރޯލް ނުވަތަ ކްލެމެންސީ އޮތިއްޔާ އެކަން ވެސް އެ ނިމުނީ އެވެ.
ޖޫރިމަނާއަކަށް ބަދަލުކޮށްފިއްޔާ ގިނަ ފަހަރަށް ދެން އެއީ ރަމްޒީ އަދަބެކެވެ. ބައެއް މީހުން ވައްކަން ކޮށްގެން ހޯދާ ފައިސާއަށް ވުރެ އެ ކުށުގެ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަ އެވެ. ޖޫރިމަނާއެއް ކުރިޔަސް، އެ ފައިސާ ދައުލަތަށް ދައްކާތޯ ހޭވެސް އަހާލާނެ ބަޔަކު ނުވެ އެވެ.
ޒަމާނާ ނުގުޅޭ ގާނޫނުލް އުގޫބާތެއް އުވާލުމަށްފަހު 10 އަހަރުގެ މަސައްކަތުން އާ ގާނޫނުލްއުގޫބާތެއް 2015 ވަނަ އަހަރު ވުޖޫދަށް ގެނައީ މުޅި ނިޒާމަށް އިންގިލާބެއް ގެނައުމަށެވެ. އެ ގާނޫނަށް ފަސް އަހަރު ނުވަނީސް، މިހާރު އޮތީ އަދަބުތައް ލުއިކަމުގެ ކަންބޮޑުވުމެވެ. ހުރިހާ ކުށަކަށްހެން އޮތީ އަދަބަކަށް ނުވާ އަދަބުތަކެވެ.
"މިއީ ދެން އަދަބެއްތަ؟. ދެން އެކަހަލަ ކަމެއް ނުކުރާށޭ ކިޔާފައި ނަސޭހަތެއް ދީފައި ނިންމާލިނަމަ ދައުލަތުގެ ޚަރަދު ވެސް ކުޑަވީތާ." އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރިއަށް ގާނޫނުލް އުގޫބާތުގެ ދަށުން ހަތް މަހުގެ ޖަލު ހުކުމެއް އިއްވުމުން މީހަކު ފާޅުކުރި ޚިޔާލެއްގައިވެ އެވެ.
ގާނޫނުލް އުގޫބާތު ވުޖޫދަށް އައިއިރު ޖިނާއީ ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭ ޚާއްސަ ގާނޫނުތަކެއް ހުއްޓެވެ. އެ ގާނޫނުތައް އުވާލަން އޭރު އެއް ބަޔަކު ވަކާލާތު ކުރިޔަސް، އެކަން ނުކޮށް، އެ ގާނޫނުތައް ދެމެހެއްޓި އެއް ސަބަބަކީ ވެސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ގާނޫނުލް އުގޫބާތުގައި ހުރި އަދަބުތައް ކުޑަކަމުންނެވެ. ގާނޫނުލްއުގޫބާތުގެ "އޮފު ކެނޑިދާނެތީ" އެ ވާހަކަ އޭރު ދައްކަން ބޭނުންނުވީ އެވެ.
"ލޯ މަރާލާފައި ޕީނަލް ކޯޑަށް ހިޖްރަ ކުރީމަ މަޑުމަޑުން އޭގެން ދިމާވާ މައްސަލަތައް ހައްލު ކުރަމުން ގެންދެވިދާނެ. މިއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން." ޕީޖީ
އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެކަން ގަބޫލެއް ނުކުރައްވަ އެވެ.
ޝަމީމް ވިދާޅުވި ގޮތުން މައްސަލައަކީ ޚާއްސަ ގާނޫނުތަކުގައި އަދަބުތައް ލިޔުނުއިރު އެއްވެސް ހަމައެއް ލަމައެއް ނެތި އެކަން ކޮށްފައި އޮތުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި މައްސަލަ ހައްލުވާނީ ޖިނާއީ ހުރިހާ ކުށެއް ގާނޫނުލް އުގޫބާތުގައި ހިމަނައިގެންނެވެ.
"އެހެން ގާނޫނުތަކުގައި ހުރި ކުށްތަކުގެ ތެރެއިން ޕީނަލް ކޯޑުގައި ހުރި ކުށްތަކާ އެއްވަރުގެ ކުށްތަކަށް ހުރީ މުޅިން އެހެން ކަހަލަ އަދަބުތަކެއް ކަނޑައަޅާފައި. ވީމާ އަދަބުތައް ހާމަނައިޒް ނުވުމުގެ މައްސަލައެއް އެބައޮތް." އޭނާ ވިދާޅުވި އެވެ.
ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު
އޭނާ ވިދާޅުވި ގޮތުން ހައްލަކީ ޖިނާއީ ހުރިހާ ކުށެއް ގާނޫނުލް އުގޫބާތުގައި ހިމެނުމެވެ.
"ލޯ މަރާލާފައި ޕީނަލް ކޯޑަށް ހިޖްރަ ކުރީމަ މަޑުމަޑުން އޭގެން ދިމާވާ މައްސަލަތައް ހައްލު ކުރަމުން ގެންދެވިދާނެ. މިއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން." ޝަމީމް ވިދާޅުވި އެވެ.
ޚާއްސަ ގާނޫނުގެ ގޮތުގައި ހަތް ގާނޫނެއް އެބައޮތެވެ. ގާނޫނުލް އުގޫބާތުގެ މައްޗަށް އެ ގާނޫނުތައް އިސްވުމުގެ މާނައަކީ އެ ގާނޫނުތަކުގައި ބަޔާންކުރާ ކުށެއް ގާނޫނުލް އުގޫބާތުގައި ލިޔެފައި އޮތަސް، ދައުވާ ކުރުމާއި އަދަބު ކަނޑައެޅުމުގައި ވެސް ރުޖޫއަވާނީ ޚާއްސަ ގާނޫނުގައި ބުނާ ކުށާއި އަދަބަށް ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 18 ވަނަ މާއްދާގައި މި ވާހަކަ ސާފު ބަހުން ލިޔެފައި އެބައޮތެވެ. އެކަމަކު ދައުވާ ކުރުމުގައި އޮތީ ހިތުހުރި ގޮތެކެވެ. ބައެއް މީހުންނަށް ޚާއްސަ ގާނޫނުގެ ދަށުން ދައުވާ ކުރާއިރު އަނެއް ބަޔަކަށް ލިބެނީ ގާނޫނުލް އުގޫބާތުގައި އޮންނަ ލުއި އަދަބުގެ މަންފާ އެވެ.
"ޚާއްސަ ގާނޫނުގެ ދަށުން ނޫނީ ތިމަންމެންނަށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން އޭރު ވިދާޅުވީ. ކޯޓުން ވެސް ނިންމީ ޕީޖީން ވަކާލާތުކުރި ގޮތަށް. މިހާރު މި މައްސަލަތަކުގައި މި ފެންނަނީ އެ ހުރިހާ ކަމަކާ ޚިލާފަށް އަމަލުކުރާ ތަން"
ދާދިފަހުން ފެންމަތިވި އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް އޭގެ މިސާލަކަށް ފުދެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު އަދަބު އަންނަ ދައުވާ ކުރުމުގައި ބަދަލުގައި އެ މައްސަލާގައި ހިމެނޭ އެންމެންނަށް ދައުވާކުރީ ގާނޫނުލްއުގޫބާތުގެ ދަށުން ގިނަވެގެން ހަތް މަހުގެ ޖަލު ހުކުމް އަންނަ ދައުވާ އެވެ. އަދި އަދަބު ކަނޑައެޅިއިރު އެކި މީހުންނަށް އައީ އެކި މިންވަރަށެވެ.
އެކަމަކު މީގެކުރިން ފެންމަތިވި އެއް ޖިންސުން ގުޅުން އެހެން މައްސަލަތަކުގައި ދައުލަތުން ދައުވާކުރީ ބޮޑު އަދަބު އަންނަ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ. އެ މައްސަލަ ދިފާއީ ވަކީލުން އޭރު ކޯޓުގައި ފެންމަތި ކުރުމުން އޭރު ދައުލަތުން އެކަން ދިފާއު ވެސް ކުރި އެވެ.
"އަޅުގަނޑުމެން ގޮސް ކޯޓުގައި ހުށަހެޅުމެއް ހުށަހެޅިން ގާނޫނުލްއުގޫބާތުގެ ދަށުން ލުއި އަދަބު އަންނަ ދައުވާއޭ ކުރަން ޖެހޭނީ. ޕީޖީން އޭރު ވިދާޅުވީ ޚާއްސަ ގާނޫނުގެ ދަށުން ބޮޑު އަދަބު އަންނަ ދައުވާއޭ ކުރެވޭނީ." މިފަދަ މައްސަލައެއްގައި ކުރިން ވަކާލާތުކުރި ވަކީލަކު ވިދާޅުވި އެވެ.
"ގާނޫނުލް އުގޫބާތު އޮންނަ ގޮތުން ޚާއްސަ ގާނޫނުގެ ދަށުން ނޫނީ ތިމަންމެންނަށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން އޭރު ވިދާޅުވީ. ކޯޓުން ވެސް ނިންމީ ޕީޖީން ވަކާލާތުކުރި ގޮތަށް. އެކަމަކު މިހާރު މި މައްސަލަތަކުގައި މި ފެންނަނީ އެ ހުރިހާ ކަމަކާ ޚިލާފަށް އަމަލުކުރާ ތަން." އޭނާ ވިދާޅުވި އެވެ.
ޚާއްސަ ގާނޫނުތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް ގާނޫނުގައި އޮޅުން ނާރާނެ ސާފު އިބާރާތުން ލިޔެފައި އޮއްވާ 2019 ވަނަ އަހަރު އެޓާނީ ޖެނެރަލް ނެރުއްވި ޕީޖީ އަމަލުކުރަންޖެހޭ މައިގަނޑު ސިޔާސަތުގައި އޮތީ އެއާ ދިމާ އިދިކޮޅަށެވެ. އޭގައި އެޓާނީ ޖެނެރަލް ކަނޑައެޅުއްވީ އެއް ކުށެއް ދެ ގާނޫނުގައި އޮންނަ ނަމަ، ޕީޖީ ދައުވާކުރަން ޖެހޭނީ ލުއި އަދަބު އަންނަ ގާނޫނެއްގެ ދަށުން ކަމަށެވެ.
ޚާއްސަ ގާނޫނުތަކާއި ގާނޫނުލް އުގޫބާތުގެ "އަރައިރުން" ފެށުނީ މި ހިސާބުންނެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ވެސް ފާހަގަ ކުރެއްވީ އެ މައްސަލަ އެވެ. ޚާއްސަ ގާނޫނަށް އިސްކަން ދޭން ގާނޫނު ލާޒިމްކޮށްފައި ވަނިކޮށް އެއާ ޚިލާފަށް އޭޖީގެ ސިޔާސަތެއް ނެރުއްވުމުން ބަލަންވީ ކޯއްޗަކަށް ކަމެއް ނޭނގުމެވެ.
"އޭޖީގެ ސިޔާސަތު އޮތްގޮތުން ވެސް މިކަހަލަ ބައިވަރު ސަބަބުތައް އެބަހުރި." އޭނާ ވިދާޅުވި އެވެ.
ޕީޖީ ހުސައިން ޝަމީމް ވިދާޅުވާ ގޮތުން ވެސް އެކަމުގައި ގާނޫނީ އޮޅުން ބޮޅުންތަކެއް އެބަހުއްޓެވެ. އޭގެ ތަފްސީލަކަށް އޭނާ ވަޑައެއް ނުގެންނެވި އެވެ.
"އޮޅުންބޮޅުންތައް ސުޕްރީމް ކޯޓުން ހައްލުކޮށް ދެއްވަން ފެށީ ދާދިފަހުން. އަދިވެސް ބައެއް ކަންކަން ސާފުނުވެ އެބައޮތް." ޝަމީމް ވިދާޅުވި އެވެ.
ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުން އަދަބު ލުއިވުމުގެ މައްސަލައަށް ވުރެ ބޮޑީ އަދަބުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ ތަފާތު ކުރުމެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ އަދަބެއް ކަނޑައެޅިޔަސް، ތަންފީޒުވާނެ ކަމުގެ ޔަގީންކަން ނެތުމެވެ.
"ބައެއް ކުށްވެރިން އެބަތިބޭ ގޭގައި. އަނެއްބައި މީހުން އެބަތިބޭ ރާއްޖެއިން ބޭރުގައި ފަރުވާގައި ވެސް. އަނެއް ބަޔަކު ޖަލުގައި. މިހެން ގޮސް އެކިމީހުންނާ މެދު އެކި ގޮތަށް ހެދޭތީ މިހާރު އިތުބާރު ކުޑަވެފައި މި އޮތީ." އޭނާ ވިދާޅުވި އެވެ.
ކުރި ކުށާ އެއްވަރުގެ އަދަބެއް ދިނުމަކީ ޖިނާއީ އަދުލުގެ ނިޒާމެއްގެ އެއް ބޭނުމެވެ. ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، މިހާރު މިއޮތީ އަދަބުތައް އެކަށީގެންނުވާ ކަމުގެ ކަންބޮޑުވުމެވެ. މިކަމަށް ހައްލެއް ނުގެނެވޭ ނަމަ، މުޖްތަމައު އަނެއްކާވެސް ދާނީ ނުރައްކަލެއްގެ ތެރެއަށެވެ.
ކޮމިއުނިޓީ ސާވިސްގެ އަދަބު:ފާހާނާ ސާފުކުރަން އެންގިދާނެ
ކުށްވެރިން ހިދުމަތަށް ނެރުން، ތަންފީޒެއް ނުކުރެވޭ!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި
ބައުންސްވި ޗެކެއްގެ ފަހަތުން ދައުލަތް: ބޭނުމަކީ ކޮބާ؟
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"
"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"