Roadha Mihaaru
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"

ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން، އެހެން މުއައްސަސާއަކާ ހަވާލުކުރަން އެބަ މަޝްވަރާ ކުރަން: ކޯޓް

03 ޖުލައި 2024

ހައްދު ޖެހުން މިވަގުތު ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގައި ނޫން ކަމަށް ކުރިން ބުނެވުނީ އޮޅިގެން ކަމަށާއި ހައްދު ޖެހުމުގެ މަސައްކަތް އެހެން މުއައްސަސާއަކާ ހަވާލުކުރަން މަޝްވަރާ ކުރަމުންދާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހައްދު ޖެހުން މިވަގުތު ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގައި ނޫން ކަމަށް ކުރިން ބުނެވުނީ އޮޅިގެން ކަމަށާއި ހައްދު ޖެހުމުގެ މަސައްކަތް އެހެން މުއައްސަސާއަކާ ހަވާލުކުރަން މަޝްވަރާ ކުރަމުންދާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ދޭވާންޏެއް ނެތިގެން ކްރިމިނަލް ކޯޓުން ހައްދުގެ ހުކުމްތައް ތަންފީޒު ކުރުން މަޑުޖެހިފައިވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވިދާޅުވެ، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވި އެވެ.

ނަމަވެސް، އެ ވާހަކަތައް ދޮގުކޮށް މިއަދު ހެނދުނު ކްރިމިނަލް ކޯޓުން ބުނީ ސުޕްރީމް ކޯޓުގެ ގަވާއިދަކާ އެކު، ހައްދުގެ ހުކުމްތައް ކްރިމިނަލް ކޯޓުން ތަންފީޒު ނުކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި އެކަން މިހާރު ކުރަމުން އަންނަނީ ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުގައި ދޭވާންޏެއް ނެތިގެން އެއްވެސް ހުކުމެއް ތަންފީޒު ނުވެ ނޯންނާނެ ކަމަށް ވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "މިހާރު" ފަހުން ވިދާޅުވި ގޮތުގައި އެގޮތަށް ބުނެވުނީ މައުލޫމާތުގެ ފުށުއެރުމެއްގެ ތެރެއިން ކަމަށާއި ހައްދު ޖެހުމުގެ މަސްއޫލިއްޔަތު އަދިވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ. ނަމަވެސް، މި ވަގުތު ހައްދު ޖެހުމުގެ އެއްވެސް ކަމެއް ތަންފީޒު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ހައްދު ޖަހަންޖެހޭ މައްސަލަތައް ކްރިމިނަލް ކޯޓުގައި މިވަގުތު ހުރި ނަމަވެސް، އެކަން ތަންފީޒު ނުކޮށް މަޑުޖައްސާލާފައިވަނީ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކޯޓުން ކުރިއަށް ދިޔުމާ މެދު ސުވާލު އޮތުމުންނެވެ. އަދި އެ ހުކުމްތައް ތަންފީޒު ކުރަން އެހެން މުއައްސަސާއަކާ ހަވާލުކުރަން އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި ހައްދު ޖެހުން ހުއްޓިފައިވާ ސަބަބަކީ އެ މަޝްވަރާތައް އަދި ނުނިމޭތީ ކަމަށާއި ކޯޓުގައި ދޭވާންޏެއް މި ވަގުތު ނެތުމަކީ ހައްދު ޖެހުން ހުއްޓުނު ސަބަބު ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގައި އެ މަގާމުގައި ހުރި މުވައްޒަފު އިސްތިއުފާ ދިނީ މިދިޔަ މަހު ކަމަށެވެ.

އެ ކޯޓުން އެންމެ ފަހުން ހައްދުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެފަހުން ސުޕްރީމް ކޯޓުން ވަނީ ތިން މަރުހަލާ ނިމުމުން ނޫނީ ހައްދުގެ ހުކުމް ތަންފީޒު ނުކުރަން އަންގައިފަ އެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުގެ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި ތިން މަރުހަލާ ނިމެންދެން ހުކުމް ތަންފީޒުނުކޮށް މަޑުކުރަން މިހާރު ޖެހެނީ ހަމައެކަނި މަރުގެ މައްސަލަތަކުގައި ކަމަށާއި ހައްދުގެ މައްސަލަތައް ތިން މަރުހަލާ ފުރިހަމަ ވަންދެން މަޑުކުރަން ނުޖެހޭ ކަމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، ހައްދުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ މައްސަލަތައް ކްރިމިނަލް ކޯޓުގައި މި ވަގުތު އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އިއްޔެ ވެސް ޒިނޭގެ މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ހައްދުގެ ހުކުމް އިއްވި އެވެ.

ޕީޖީ ޝަމީމް، ހައްދުގެ ހުކުމުގެ ވާހަކަ އިއްޔެގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ދެއްކެވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކާ އެކު އެވެ. އޭނާގެ ސުވާލަކަށް ވީ، ކްރިމިނަލް ކޯޓުން ދޭވާންޏެއް ހޯދަން އިއުލާން ކޮށްފައިވާއިރު، ހުކުމް ތަންފީޒު ކުރުން އެ ކޯޓުން އަމިއްލަ އަށް ކުރިއަށް ގެންދާނެ ގޮތަކާ މެދުގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އުފެއްދި ފަހުން ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އެ އިދާރާއާ އެވެ.

ހައްދުގެ ކަންކަން ކޯޓުން ތަންފީޒު ކުރަމުންދާ ކަމަށް އިއްޔެ ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވުމުން ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައި، ހުކުމެއް ތަންފީޒު ކުރުން އެއީ ކޯޓަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، ހުކުމް ތަންފީޒުކުރަން ވަކި އިދާރާއެއް އުފައްދާފައިވާރު، ދޭވާންޏެއް ހޯދުމަކީ ކްރިމިނަލް ކޯޓުގެ އިހްތިސާސްގައި ހިމެނިގެން ވާނެ ކަމެއް ގޮތުގައި ގަބޫލެއް ނުކުރެވޭ ކަމަށެވެ.

މިދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގައި ޒިނޭގެ 33 މައްސަލައެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު، އޭގެ ތެރެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ. ހައި ކޯޓުގައި 51 މައްސަލައެއް ހިންގިއިރު، ސާބިތު ނުވެ އޮތީ އެއް މައްސަލަ އެވެ. ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ މާޗްގެ ނިޔަލަށް ޒިނޭގެ 150 މައްސަލައެއް ނިންމާފައިވެ އެވެ.