Roadha Mihaaru

މެކްސިކޯ ބަލިކޮށް ބްރެޒިލް ކުއާޓާ ފައިނަލަށް

ސަމާރާ (ޖުލައި 2) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މެކްސިކޯ އަތުން 2-0 އިން މޮޅުވެ ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެކްސިކޯ ބަލިކޮށް ބްރެޒިލް ކުއާޓާ ފައިނަލަށް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

02 ޖުލައި 2018

ސަމާރާ (ޖުލައި 2) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މެކްސިކޯ އަތުން 2-0 އިން މޮޅުވެ ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މަޝްހޫރު ޓީމުތައް ކަމަށްވާ ޖަރުމަނާއި އާޖެންޓީނާ، ޕޯޗުގަލް އަދި ސްޕެއިން މުބާރާތުން ކަޓާފައިވާއިރު، މިރޭގެ މެޗަށް ނުކުތްއިރު ބްރެޒިލަށް ވެސް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮތެވެ. އެހެން ނަމަވެސް މޮޅު ކުޅުމަކާ އެކު އެ ޓީމުން ވަނީ މިރޭގެ މެޗުން މޮޅުވެފަ އެވެ.

މިއީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ ހަތް ވަނަ ފަހަރެވެ. އަދި މެކްސިކޯ މުބާރާތުގެ ދެ ވަނަ ބުރުން ޖެހިޖެހިގެން ކަޓާ ހަތް ވަނަ ފަހަރު ވެސް މެ އެވެ.

މި މެޗުން ހޯދި މޮޅާ އެކު ބްރެޒިލުން ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ސެންޓްރަލް އެމެރިކާ އާއި އުތުރު އެމެރިކާ ޓީމެއްގެ އަތުން ބަލިނުވުމުގެ ރެކޯޑް ވެސް ދަމަހައްޓައިފަ އެވެ. ޔޫރަޕް ނޫން ޓީމެއްގެ އަތުން ވޯލްޑް ކަޕުގައި ބްރެޒިލް އެންމެ ފަހުން ބަލިވީ 1990 ވަނަ އަހަރު އެވެ.

ބްރެޒިލުން ވަނީ މި މެޗުގައި ޖެހި ދެ ގޯލާ އެކު ވޯލްޑް ކަޕް ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޖަރުމަނު ހަދާފައި އޮތް ރެކޯޑް މުގުރާލައިފަ އެވެ. ޖަރުމަނު އަތުގައި ރެކޯޑް އޮތީ 226 ގޯލު ޖަހައިގެންނެވެ. ބްރެޒިލުން ރެކޯޑް މުގުރާލީ 228 ގޯލު ހަމަކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ބްރެޒިލްގެ ނޭމާ އެވެ. އޭނާ ޖެހި ޝޮޓް މެކްސިކޯގެ ގޯލްކީޕަރު ގުއިލެރްމޯ އޮޗޯއާ ވަނީ މަތަކޮށްފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ވިހި މިނިޓަށް ބަލާއިރު ރަނގަޅަށް ކުޅުނީ މެކްސިކޯ އެވެ.

މެކްސިކޯގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ހާވިން ލޮޒާނޯ އާއި ހަވިއޭ ހެނާންޑޭޒް އަދި ކާލޮސް ވެލާ އަށް ލިބޭ ބޯޅަތަކުގައި ބްރެޒިލް ފަހަތަށް ބާރު ބޮޑުވި އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކުޅުންތެރިއަކަށް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. އެ ވަގުތުގެ ތެރޭގައި މެކްސިކޯ އިން އެންމެ ރަނގަޅު ފުރުސަަތެއް ލިބުނީ ހެކްޓަ ހެރޭރާ އަށެވެ. އެކަމަކު އޭނާ ޖެހި ބޯޅަ ބްރެޒިލް ކުޅުންތެރިން ބްލޮކްކުރި އެވެ.

ފުރަތަމަ ވިހި މިނިޓަށް ފަހު ބްރެޒިލުން މެޗުގެ ތެރެއަށް އައިސް މެކްސިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާން ފެށި އެވެ. އެ ގޮތުން އޭރިއާ ތެރެއިން ނޭމާ އާއި ގަބްރިއެލް ޖީސޫސް ފޮނުވާލި ދެ ބޯޅައެއް ކީޕަރު އޮޗޯއާ ވަނީ މަތަކޮށްފަ އެވެ. މި މުބާރާތުގައި ބްރެޒިލަށް މޮޅު ކުޅުމެއް ދައްކަމުން އައި ފިިލިއްޕޭ ކުޓީނިއޯ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ކުޓީނިއޯ ޖެހި ބޯޅަ ކީޕަރު އޮޗޯއާ ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ބްރެޒިލަށް ލީޑުނަަގައިދިނީ ނޭމާ އެވެ. ވިލިއަން އޭރިއާ ތެރެއިން ތިރިތިރިން ނަަގައިދިން ބޯޅަ ޖީސޫސް ފައިގައި ލައްވައި ނުލިއިރު ނޭމާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ބްރެޒިލްގެ ފިިލިއްޕޭ ލުއިޒް (މ) އާއި ކުޓީނިއޯ (ކ) ކައިރިން މެކްސިކޯގެ ލޮޒާނޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ފިިލިއްޕޭ ލުއިޒް (މ) އާއި ކުޓީނިއޯ (ކ) ކައިރިން މެކްސިކޯގެ ލޮޒާނޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ލީޑުފުޅާކުރަން މެޗުގެ 58 ވަނަ މިނިޓްގައި ޕައުލީނިއޯ ޖެހި ޝޮޓް ކީޕަރު އޮޗޯއާ ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ކައުންޓަ އެޓޭކުގައި މެކްސިކޯގެ ވެލާ ޖެހި ޝޮޓް ކީޕަރު އެލިސަން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. މިއީ ގޯލާ ސީދާވާ ގޮތަށް މެކްސިކޯ އިން މި މެޗުގައި ޖެހި ފުރަތަމަ ޝޮޓެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ބޭރަށް ދިޔަ ބޯޅައެއް ހޯދަން މެކްސިކޯގެ މިގޭލް ލަޔޫން ދިޔަ ވަގުތު ނޭމާ ފައި މައްޗަށް އެރުމުން އޭނާ އަށް ތަދުވެ އެ ތަނުގައި ވަރަށް ބޮޑަށް ފުރޮޅުނެވެ. ވީއޭއާރްގެ އެހީ ހޯދުމަށް ފަހު މެޗުގެ ރެފްރީ ނިންމީ ލަޔޫން ގަސްދުގައި ނޭމާގެ ފައި މައްޗަށް ނާރާ ކަމަށެވެ.

ބްރެޒިލުން ވަނީ މެޗުގެ ފަހު ދިހަ މިނިޓަށް ޕައުލީނިއޯގެ ބަދަލުގައި ފެނާންޑީނިއޯ ކުޅެން އަރުވައިފަ އެވެ. އެއީ މެކްސިކޯގެ މެދުތެރެއިން އެ ޓީމުގެ ފޯވާޑުންނަށް ދޭ ބޯޅަތައް މަދުކުރުމަށެވެ. އަދި ފަހުން އެ ޓީމުން ވަނީ އެޓޭކް ރަނގަޅު ކުރުމުގެ ގޮތުން ރޮބާޓޯ ފިރްމީނޯ ވެސް ކުޅެން އަރުވައިފަ އެވެ.

ބްރެޒިލްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި ފިރްމީނޯ އެވެ. ކައުންޓަ އެޓޭކުގައި އޭރިއާ ތެރެއިން ނޭމާ ޖެހި ބޯޅަ ކީޕަރު އޮޗޯއާ ފައިގައި ޖެހިފައި ލިބުނީ ގޯލު ކުރިމަތީގައި ހުރި ފިރްމީނޯ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފަހު ވަގުތުގައި ލަނޑެއް ޖަހަން މެކްސިކޯ އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ކުއާޓާ ފައިނަލުގައި ބްރެޒިލް ނުކުންނާނީ މިރޭ ދެ ވަނަ ބުރުގައި ޖަޕާނާއި ވަރުގަދަ ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.