Roadha Mihaaru

އާޖެންޓީނާ ވޯލްޑް ކަޕަށް، އުފާފާޅުކުރާނީ ބްރެޒިލް ބަލިކޮށްގެން

ވާދަވެރި ބްރެޒިލް 4-1 އިން ބަލިކޮށް އާޖެންޓީނާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުފާފާޅުކޮށްފި އެވެ.

އާޖެންޓީނާ ވޯލްޑް ކަޕަށް، އުފާފާޅުކުރާނީ ބްރެޒިލް ބަލިކޮށްގެން

ވާދަވެރި ބްރެޒިލް 4-1 އިން ބަލިކޮށް އާޖެންޓީނާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުފާފާޅުކޮށްފި އެވެ.

މި މެޗުގެ ކުރިން ކޮލިފައިންގައި ބޮލީވިއާ އާއި އުރުގުއޭ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން އާޖެންޓީނާ އަށް އޮތީ ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުވެފަ އެވެ.

އެހެންވެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ބްރެޒިލާ ދެކޮޅަށް ނުކުތީ އެއްވެސް ޕްރެޝަރެއް ނެތި ހަމަޖެހިލައިގެންނެވެ. އާޖެންޓީނާ އަށް އިހުތިރާމްކުޑަކޮށް މެޗުގެ ކުރިން ބްރެޒިލްގެ ރަފީނިއާ ވާހަކަދައްކާފައިވާތީވެ، އާޖެންޓީނާ ކުޅުންތެރިންނާއި، ސަޕޯޓަރުން ތިބީ މި މެޗުގައި ވަރަށް ބޮޑަށް ފޯރި އައިސްފަ އެވެ.

އާޖެންޓީނާގެ ވެރިރަށް ބީނޯސް އޭރީސްގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް އާޖެންޓީނާ އަށް ލީޑު ނަގައިދިނެވެ. އެ ގޯލަށް ފަހު ބްރެޒިލަށް ރަނގަޅަށް ހަމަޖެހިނުލެވެނީސް 12 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް އާޖެންޓީނާގެ ލީޑު ފުޅާކޮށްދިނެވެ.

ބްރެޒިލަށް އުއްމީދެއް ލިބުނީ 26 ވަނަ މިނެޓުގައި މެތެއަސް ކޫނާ ތަފާތު ކުޑަކޮށްދިނުމުންނެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން އެލެކްސިސް މެކް އެލިސްޓާ އާޖެންޓީނާ އަށް އަނެއްކާ ވެސް ތަފާތު ބޮޑުކޮށްދިނެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ޖޫލިއާނޯ ސިމިއޯނީ އެވެ.

މި މެޗުގައި އާޖެންޓީނާ އާއި ބްރެޒިލްގެ ވެސް އެންމެ މުހިއްމު ދެ ކުޅުންތެރިން ނުކުޅެ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ބްރެޒިލްގެ ފޯވާޑް ނޭމާ ތިބީ އަނިޔާގަ އެވެ.

އެމެރިކާ، ކެނެޑާ، އަދި މެކްސިކޯގައި އަންނަ އަހަރުގެ ޖޫން މަހު ފަށާ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވީ 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ޖުމްލަ 10 ޓީމު ވާދަކުރާ ކޮލިފައިން ބުރުން ވޯލްޑް ކަޕުގެ ސީދާ ޖާގައެއް ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށެވެ. ހަތް ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ކޮލިފައިން ދެ ވަނައިގައި 23 ޕޮއިންޓާ އެކު އޮތީ އިކުއެޑޯ އެވެ. ބްރެޒިލް އޮތީ 21 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.