Roadha Mihaaru

ބްރެޒިލުން އަނެއްކާ ވެސް އަންޗެލޮޓީ ގެނެވޭތޯ ބަލަނީ

ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީގެ ކާލޯ އަންޗެލޮޓީ ގެނައުމުގެ މަސައްކަތް އެ ގައުމުން އަނެއްކާ ވެސް ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބްރެޒިލުން އަނެއްކާ ވެސް އަންޗެލޮޓީ ގެނެވޭތޯ ބަލަނީ

ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީގެ ކާލޯ އަންޗެލޮޓީ ގެނައުމުގެ މަސައްކަތް އެ ގައުމުން އަނެއްކާ ވެސް ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗު އަންޗެލޮޓީ އަށް ބްރެޒިލުން މީގެ ކުރިން ވެސް އޮފާތަކެއް ކުރި އެވެ. އެކަމަކު އޭނާ އެ ހުށަހެޅުންތައް ގަބޫލެއް ނުކުރި އެވެ. ބްރެޒިލުން އަނެއްކާ ވެސް އެ މަސައްކަތް ފެށީ މި ހަފުތާގައި އާޖެންޓީނާ އަތުން 4-1 އިން ބަލިވެ ފާޑުކިއުން އަމާޒުވާން ފެށުމުންނެވެ. ފަހަކަށް އައިސް ބްރެޒިލަށް، އެ ޓީމުގެ ކުރީގެ ކުޅުމާއި، ނަތީޖާ ނުނެރެވެ އެވެ. އެހެންވެ މިހާރުގެ ކޯޗު ޑޮރިވަލް ޖޫނިއާ އަށް އިތުބާރެއް ނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބްރެޒިލް ފެޑެރޭޝަނުން ވަނީ އަންޗެލޮޓީގެ އޭޖެންޓަށް ގުޅައި، އޭނާއާ އެކު ބައްދަލުވުމެއް ރާވައިދޭން އެދިފަ އެވެ.

މި ސީޒަނަށް ފަހު އަންޗެލޮޓީ ރެއާލް މެޑްރިޑުގައި ހުންނާނެ ކަމަކަށް ނުބެލެވޭތީ އޭނާ ބްރެޒިލްގެ އޮފާ މި ފަހަރު ގަބޫލުކޮށްފާނެ ކަމަށް ބެލެވެ އެވެ. އަންޗެލޮޓީ އަށް ޗެމްޕިއަންސް ލީގު ނުވަތަ ސްޕެނިޝް ލީގު ކާމިޔާބުނުކުރެވިއްޖެ ނަމަ، ރެއާލުން އޭނާގެ ބަދަލުގައި ޒަބީ އޮލޮންސޯ ގެންނާނެ ކަމަށް ލަފާކުރެވެ އެވެ.

ރެއާލަށް ފަހު އަންޗެލޮޓީ ގުޅޭނެ ކަމަށް ބެލެވޭ އެއް ކްލަބަކީ އިޓަލީގެ ރޯމާ އެވެ. އަންޗެލޮޓީ ވަނީ އޭނާ ކުރިން ކުޅުނު ރޯމާ އަށް ކޮންމެވެސް ދުވަހަކު ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އޭނާ ބްރެޒިލާ ހަވާލުވާން އޮތް އެއް ހުރަހަކީ، އެ ގައުމާއި، އިޓަލީއާ އޮތް ފުޓްބޯޅައިގެ ވާދަވެރި މާޒީ އެވެ. އަންޗެލޮޓީ އަކީ، ބްރެޒިލުން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން އިޓަލީ ބަލިކުރިއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އެއީ އަންޗެލޮޓީގެ ހަމައެކަނި ބައިނަލްއަގްވާމީ ތަޖުރިބާ ވެސް މެ އެވެ. އޭގެ ފަހުން އޭނާ ވަނީ އޭސީ މިލާނާއި، ބަޔާން މިއުނިކާއި، ޗެލްސީ، އަދި ރެއާލް މެޑްރިޑާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.