Roadha Mihaaru
އިސްލާހިއްޔާއެއްގެ ބޭނުމެއް މިހާރަކު ނެތް: މިނިސްޓްރީ

އިސްލާހިއްޔާއެއްގެ ބޭނުމެއް މިހާރަކު ނެތް: ހޯމް މިނިސްޓްރީ

25 ޖޫން 2018

ކުދިންގެ އަހުލާގު ރަނގަޅުކޮށް، ބޭނުންތެރި ބަޔަކަށް ހެދުމަށް މީގެ އެތައް އަހަރެއް ކުރިއްސުރެ ސަރުކާރުން ކ. މާފުށީގައި ހިންގި އިސްލާހިއްޔާ ނުވަތަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު އުވާލި ނަމަވެސް އެ ފަދަ ތަނެއް މިހާރު ހުރުން މުހިއްމު ނޫން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުދިންގެ އަހުލާގު ރަނގަޅުކޮށް، ބޭނުންތެރި ބަޔަކަށް ހެދުމަށް މީގެ އެތައް އަހަރެއް ކުރިއްސުރެ ސަރުކާރުން ކ. މާފުށީގައި ހިންގި އިސްލާހިއްޔާ ނުވަތަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު އުވާލި ނަމަވެސް އެ ފަދަ ތަނެއް މިހާރު ހުރުން މުހިއްމު ނޫން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ހިންގުމަށް ފަހު، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރި އިސްލާހިއްޔާ ހުއްޓާލާފައިވަނީ މިދިޔަ އަހަރު އެވެ. އޭރު އެތަން ބަންދު ކުރީ މަރާމާތަށް ނަމަވެސް، އޭގެ ފަހުން އެތަނަކަށް ކުދިންނެއް ނުގެންދެ އެވެ.

އިސްލާހިއްޔާގައި ތިބި ކުދިން ބަދަލު ކުރީ ކުޑަކުދިންގެ ހިޔާއަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް މިއަދު ވިދާޅުވީ ވަކި ރަށެއްގައި އިމާރާތެއް ހަދައި، އެތަނުގައި ކުދިން ބައިތިއްބައިގެން އެ ކުދިން އިސްލާހު ކުރުމަކީ މިހާރުގެ މުޖުތަމައުއާ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގަައި އޭނާ ފާހަގަ ކުރެއްވީ ކުޑަކުދިން ކުރާ ކުށްތައް، މިހާރު މާ ބޮޑެތިވެ، އެ ފަދަ ގޮތަކަށް ކުދިން އިސްލާހު ނުވާނެތީ އެވެ.

"އިސްލާހިއްޔާ ހެދީ އަހުލާގު ގޯސްވެގެން މައިންބަފައިންނަށް ނުބެލެހެއްޓޭ ކުދިން އިސްލާހު ކުރަން. އެ ކުދިންނަށް ކިޔާނީ ވެސް ބަސް ނާހާ ކުދިން. އެކަމަކު މިހާރަކަށް އައިސް ކުޑަކުދިން މި އަރައިގަންނަނީ ވަރަށް ބޮޑެތި ކުށްތަކަށް. އެ ހުރިހާ ކުދިން އެއްކޮށް ބައިތިއްބައިގެން އިސްލާހެއް ނުކުރެވޭނެ،" ހާމިދު ވިދާޅުވި އެވެ.

"އެހެންވެ، މިހާރުގެ ހާލަތަށް ބަލާފައި އިސްލާހިއްޔާއެއް މާ މުހިއްމެއް ނޫން."

ހާމިދު ވިދާޅުވީ ކުރިން ވަރަށް "މަސްހުނި ސިސްޓަމެއް"ގައި ގެންގުޅުނު އެ ފަދަ ކުދިން މިހާރު ބަލަހައްޓަނީ އެކި ބައިތަކަށް ބަހާލައިގެން، އެކި އިދާރާތަކުން ކަމަށެވެ. އެގޮތުން މައިންބަފައިންގެ އަޅާލުން ނުލިބޭ ކުޑަކުދިން، ޖެންޑާ މިނިސްޓްރީން ހިންގާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބައިތިއްބާއިރު އެކި ކުށް ކުރާ ކުދިން ބަލަހައްޓަނީ ހޯމް މިނިސްޓްރީންނެވެ.

އޭގެ ތެރެއިން ވެސް އަހުލާގީ މައްސަލަތައް ހުންނަ ކުދިން، އެ ކުދިންގެ އާއިލާއާއެކު މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުދިން އިސްލާހު ކުރުމަށް ދ. ވާނީގައި ވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

އަދި މި ފަދަ އިތުރުު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި ވެސް ހިންގާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެރިކަމަށް ވަޑައިގަތުމަށް ފަހު، 1979 ވަނަ އަހަރު ހުޅުވި އިސްލާހިއްޔާއިން ގިނަ އަދަދެއްގެ ކުދިން ވަނީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދައިފަ އެވެ. އަދި 2016 ވަނަ އަހަރު އެތަން ބަންދު ކުރި އިރު ވެސް، އެތަނުގައި ތިރީހަކަށް ކުދިން އުޅެ އެވެ.

އޭރު އެތަން ހިންގީ ތައުލީމާއެކު ކުދިންނަށް މަަސައްކަތް ވެސް ދަސްކޮށްދީގެންނެވެ.

މާފުށީގައި އެ މަރުކަޒު ހިންގި ބިން، ސަރުކާރުން ދޫކޮށްލަން ނިންމާފައިވާކަން ރައީސް އަބްދުﷲ ޔާމީން ވަނީ އިއްޔެ އިއުލާން ކުރައްވައިފަ އެވެ.

އިއްޔެ މާފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ކުޑަކުދިންގެ އިސްލާހިއްޔާއަކީ ބޭނުންތެރިތަނެއް ކަމަށާއި އެކަމަކު އެތަން ހިންގުން އެންމެ ރަނގަޅީ މާފުށީގައިތޯ ބަލައި، އެ ބިން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.