Roadha Mihaaru

އަނިޔާގެ ވެށީގައި ކުދިން ކުށްވެރިންނަށްވުމުގެ ސަގާފަތް ނައްތާލަންޖެހޭ: ފަސްޓް ލޭޑީ

އަނިޔާ އަދި އެކި ކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ކުދިން ކުށްވެރިންނަށްވުމުގެ ސަގާފަތް ނައްތާލަންޖެހޭ"

އަނިޔާ އަދި އެކި ކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެ ކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ކުށުގެ މާހައުލުގައި އުޅޭ ގިނަ ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިން ކަމަށެވެ. އެއީ ކުޑަކުދިންގެ އަދުލުގެ ނިޒާމާބެހޭ ކަންކަން ނިންމާއިރު ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ހަގީގީ ހާދިސާތަކުން މިސާލު ޖައްސަވައި ސާޖިދާ ވަނީ، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރު ކުރުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރެވިފައިވާ މައްސަލައަކާއި، މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގައި އެތެރެއިންނާއި ރާއްޖޭން ބޭރުން އައި ޕްރެޝަރާ އެކު އެ ކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަ ހިއްސާކުރައްވައިފަ އެވެ.

"މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރި ކަމަށާއި އަވަސް ފިޔަވަޅު އެޅުމުގައި ނިޒާމީ ގޮތުން ފެއިލްވެފައިވާ ކަން،" ފަސްޓްލޭޑީ ވިދާޅުވި އެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު: އަނިޔާގެ ވެށީގައި ކުދިން ކުށްވެރިންނަށްވުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް ވިދާޅުވި

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު: އަނިޔާގެ ވެށީގައި ކުދިން ކުށްވެރިންނަށްވުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް ވިދާޅުވި

ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ، އެ ކަމަށް އަވަސް އިޖާބައެއް ދިނުމަށް ވެސް ގޮވާލެއްވި އެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އަނިޔާވެރި ކުށްތައް މަދުވެފައި، ޖަލު ބަންދަށް ގެންދާ ނިސްބަތް މަތިކަން ވެސް ފަސްޓްލޭޑީ ފާހަގަކުރެއްވި އެވެ. އަދި ސިޔާސަތު ހަރުދަނާކުރުމަށް އެތައް އަހަރު ހޭދަކުރި ނަމަވެސް ޒުވާން އުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެކަމުގެ އަސަރު ޖީލުތަކަށް ދެމިގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަމަށް ހައްލު ހޯދުމަށްޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކުރުމާއި، ހާއްސަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމާއި، އަދި މުވައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭ،" ސާޖިދާ ވިދާޅުވި އެވެ.

ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވި އެވެ.