Roadha Mihaaru
ޔާމީން ހުރީ އެޕާޓްމެންޓުގައި: ކަރެކްޝަންސް

ޔާމީން ހުކުމް ތަންފީޒުކުރަނީ ކުރިން ވެސް ހުންނެވި އެޕާޓްމެންޓުގައި: ކަރެކްޝަންސް

27 ޑިސެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސުންނަށް ޖަލުގައި ހަދާފައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސުންނަށް ޖަލުގައި ހަދާފައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވުމުން ޔާމީން ވަނީ 11 އަހަރަށް ޖަލަށް ހުކުމްކޮށްފަ އެވެ. އެ މަނިކުފާނު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ޖަލުގައި ޔާމީނަށް ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްފައިވޭތޯ ބަލަން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން އިއްޔެ ކަރެކްޝަންސަށް ވަޑައިގަތެވެ.

ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ބައެއް އިންތިޒާމުތަކާއި ބެހޭގޮތުން މަޝްްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީ ލީޑަރުން ކަރެކްޝަންސްގައި .-- ފޮޓޯ: ޕީޕީއެމް

ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ބައެއް އިންތިޒާމުތަކާއި ބެހޭގޮތުން މަޝްްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީ ލީޑަރުން ކަރެކްޝަންސްގައި .-- ފޮޓޯ: ޕީޕީއެމް

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން "މިހާރު" އަށް މިއަދު ވިދާޅުވީ ޔާމީން ހުކުމް ތަންފީޒުކުރައްވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައި ކަމަށެވެ.

އެއީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ، ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ކުރުމުން ވެސް ބެހެއްޓި ތަނެވެ.

ޔުސްރީން ވިދާޅުވީ އެތަނުގައި ޔާމީނަށް ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން ދެމުން އަންނަ ކަމަށެވެ.

"އެއީ ކުރީގެ ރައީސުންނަށް ހުންނަ ވަކި އެޕާޓްމެންޓެއް. އެތަނުގައި ހުންނާނެ ކޮޓަރިއަކާއި ފާހަނާއަކާއި ސިޓިންރޫމެއް. ޖަލުގައި ތިބޭ މީހުންނަށްދޭ ހުރިހާ ހިދުމަތެއް ލިބޭނެ. ކުރީގެ ރައީސަކަށް ވީމަ ވަކިން ސެކިއުރިޓީ ބަލަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ވަކި އެޕާޓްމެންޓްތަކެކެވެ. އެ ތަން ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ.

އެ ކޮޓަރިތަކުގައި އެނދަކާއި ގޮދަޑިއަކާއި އަލަމާރިއަކާއި ފްރިޖަކާއި އޮޓޯ މެޝިން ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.

އެހެން ކުށްވެރިންނާ ހިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އޮންނަ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެ އެވެ. އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.

ޔާމީންގެ ސަރުކާރުގައި އެކި ތުހުމަތުގައި ގިނަ އަދަދަދަކަށް ސިޔާސީ ބޭފުޅުން ހައްޔަރުކުރިއިރު އެ ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބީ އާދައިގެ ގޮޅިތަކުގަ އެވެ. މީގެ 8 ވަރަކަށް އަހަރު ކުރިން އެ ތަން ހެދީ ކުރީގެ ރައީސުންގެ ތެރެއިން ކުށްވެރިވުމުން ޖަލަށް ލާ ބޭފުޅުން ބޭތިއްބުމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކުރިން އެ ތަނުގައި ބޭތިއްބި އެވެ.