Roadha Mihaaru
ޔާމީން ގޭ ބަންދަށް ބަދަލުކޮށްދޭން އެދިވަޑައިގެންފި

ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްދޭން ޔާމީން އެދިވަޑައިގެންފި

10 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތު ހުރިގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްދޭން ހައި ކޯޓުގައި އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތު ހުރިގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްދޭން ހައި ކޯޓުގައި އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އެމަނިކުފާނުގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އޮތީ އެދިފަ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޒުވާން އުމުރުގެ ބޭފުޅެއް ނޫން ކަމަށާއި އަދި ޑޮކްޓަރުގެ ލަފާގެ މަތިން އެމަނިކުފާނު މޫދުގައި ކުރައްވަންޖެހޭ ކަސްރަތުތައް ކުރުމުގެ ފުރުސަތު ވެސް، ކ. މާފުށީ ބިން ހިއްކަމުންދާތީ ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ވަޑައިނުގަންނަވަނީ ވެސް އޭގެ ސަބަބުން އާއިލާއަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވާތީ ކަމަށާއި އެހެންވެ، ގޭ ބަންދަށް ބަދަލުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އެދެން މިކަންކަމަށް ރިއާޔަތްކޮށް ދެއްވައި، އެއްވެސް ގޮތަކަށް ނިޒާމަކަށް ލިބޭ ގެއްލުމަކަށް ނުވެ މިދެންނެވި ސްޓޭ އޯޑަރާއި އަޅުގަނޑު ގެއަށް ބަދަލު ކުރުމުގެ އަމުރު ނެރެދެއްވުން. އެއީ ނިޒާމަށް ލިބޭ ގެއްލުމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރިޔަސް، ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އަދި އިސްތިއުނާފް މައްސަލަ ނިމޭ ގޮތަކުން ހުކުމް ތަންފީޒު ކުރަންޖެހޭ ނަމަ އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރުމާ މެދު އަންނަ އާދިއްތަ ދުވަހު ހައި ކޯޓުން ގޮތެއް ނިންމާނެ އެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.