Roadha Mihaaru
އުކުޅަހާއި ބައެއް ރަށްރަށުގެ ކައުންސިލަރުން ސަސްޕެންޑް

އުކުޅަހާއި ބައެއް ރަށްރަށުގެ ކައުންސިލަރުން ސަސްޕެންޑްކޮށްފި

21 ޖޫން 2018

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވާ އއ. އުކުޅަހުގެ ކައުންސިލްގެ ރައީސް އާއި އިތުރު އެހެން ބައެއް ރަށްރަށުގެ ކައުންސިލަރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން މިއަދު ސަސްޕެންޑްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވާ އއ. އުކުޅަހުގެ ކައުންސިލްގެ ރައީސް އާއި އިތުރު އެހެން ބައެއް ރަށްރަށުގެ ކައުންސިލަރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ހުރިހާ ކައުންސިލަރުން ވެސް ސަސްޕެންޑްކޮށްފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެންނެވެ.

ކައުންސިލަރުންނަށް އެލްޖީއޭން ފޮނުވި ސިޓީއެއްގައި ބުނީ މިދިޔަ މެއި 30ގައި އެމްޑީޕީން ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި، ޖަލު ހުކުމެއް އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާތީ އެ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި ޕްރައިމަރީ ކުރިއަށް ގެންގޮސްފިނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނިކޮށް، އެކަމުގައި ކައުންސިލަރުން ބައިވެރިވެ، އަމަލީ ގޮތުން އެއްބާރުލުން ދީފައިވާ ކަމަށެވެ.

އެހެންވެ، މާދަމާއިން ފެށިގެން އެއްވެސް މުސާރައެއް ނުލިބޭ ގޮތަށް ކައުންސިިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށް، އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މަނާކަމަށް އެލްޖީއޭން އެ ބޭފުޅުންނަށް ވަނީ އަންގާފަ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ސަސްޕެންޑް މިކުރީ، އެމްޑީޕީގެ ކޮންގްރެސް މި މަހު ފަހުކޮޅު އެ ރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ.

ކައުންސިލަރުންގެ އިތުރުން ޕްރައިމަރީގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ އިސް ބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމަށް ވެސް ފުލުހުންގެ ކިބައިން އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ބައިވެރިވެވަޑައިގެން ބޭއްވި ޕްރައިމަރީ ކުރިއަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އެމްޑީޕީއާ މެދު ވެސް ފިޔަވަޅު އަޅަން އީސީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ، ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. އަދި ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވާ ގޮތުގެ މަތިން، ޕްރައިމަރީ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވި ނަމަވެސް އެމްޑީޕީން އެ އަށް ތަބާނުވެ، ޕްރައިމަރީ ކުރިއަށް ގެންގޮސް ނަތީޖާ ވެސް އިއުލާން ކުރި އެވެ.