Roadha Mihaaru

ފިޔަވަޅު އެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ކޯޓަށް

ތިނަދޫ ސިޓީ ކައުންސިލަށް ތުހުމަތުކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑްކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސަސްޕެންޑްކުރި މައްސަލާގައި ތިނަދޫ މޭޔަރު ކޯޓަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖުލައި 2025

ތިނަދޫ ސިޓީ ކައުންސިލަށް ތުހުމަތުކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑްކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސައުދު، "މިހާރު" އަށް ވިދާޅުވީ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެލްޖީއޭ އިން އަމަލުކުރީ ގާނޫނާއި އިންކުއަރީތަކާ ގުޅިގެން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި އެލްޖީއޭއަށް ލާޒިމުކުރާ ކަންކަން ވެސް ފުރިހަމަކޮށްފައެއް ނުވެ އެވެ. އަދި އިޖުރާއަތުތައް ފުރިހަމަނުކޮށް ފިޔަވަޅު އެޅީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެލްޖީއޭ އިން އެ ފިޔަވަޅުތައް އެޅީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިސްވެ ހުންނަވަ އެވެ. ސިޔާސީ ގޮތުން ނިންމުންތައް ނިންމުމަކީ ލާމަރުކަޒީ ނިޒާމު ވަރަށް ބޮޑަށް ނުރައްކަލަކަށް ވައްޓާލުން ކަމަށް ވިދާޅުވެ ނުރުހުންފާޅުކުރެއްވި އެވެ.

"200 މައްސަލަ ކައުންސިލާ ގުޅިގެން ބެލިޔަސް މައްސަލައެއް ނެތް. 2000 މައްސަލަ ބެލިޔަސް މައްސަލައެއް ނެތް. އެކަމަކު ބަލަންޏާ ބަލަންވާނީ ގާނޫނީ އިމުގެ ތެރެއިން އިޖުރާއަތުތައް ފުރިހަމަކޮށްގެން ރައްޔިތުންނަށް މައުލޫމާތު ސާފުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އެ އިންކުއަރީ ކުރިއަށް ގެންދަން ތިނަދޫ ކައުންސިލުން ވާނީ ފުރިހަމައަށް އެއްބާރުލުން ދީފައި ކަމަށެވެ. އެކަމަކު އިންކުއަރީ ކުރިއަށް ގެންދިޔައީ ސީދާ އޭނާއަށް ޓާގެޓުކޮށްގެން ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުވާލާފައިވާ ގާނޫނެއްގެ ދަށުން ވެސް ފިޔަވަޅު އަޅާފައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އޭގެއިން އެބަ ސާފުވޭ އެބޭފުޅުންގެ ނިޔަތް ހަގީގަތުގައި ސާފު ނޫންކަން،" ސައުދު ވިދާޅުވި އެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީ ހެދުމަށް މިދިޔަ މާޗު މަހު އެލްޖީއޭގެ ޓީމެއް ވަނީ ތިނަދު އަށް ގޮސް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ބަޔާން ނަގައި ލިޔެކިޔުންތައް ކައުންސިލުން ހޯދައިފަ އެވެ. އިންކުއަރީ އަށް ފަހު ކައުންސިލަށް ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. އެ މައްސަލާގައި ކައުންސިލުން ޖަވާބުދާރީވި ކަމަށް އޭރު އެލްޖީއޭ އިން ބުނެފައިވެ އެވެ.

އެ މައްސަލާގައި މިދިޔަ މަހުގެ 25 ގައި އެލްޖީއޭ އިން ވަނީ މޭޔަރަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑްކޮށްފަ އެވެ. އަދި ޑެޕިއުޓީ މޭޔަރަށް ވެސް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކުރި އެވެ.

އެލްޖީއޭ އިން ބުނެފައިވާ ގޮތުގައި އެ އިންކުއަރީގައި ބެލީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތެކެކެވެ.

އިންކުއަރީއަށް ފަހު އެލްޖީއޭ އިން އެކުލަވާލި ރިޕޯޓުގައި 19 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ އާއި ތިނަދޫން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000ރ. ގެ ފީއެއް ނަގާ މައްސަލަ އާއި ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުމެވެ. އަދި ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ ފަދަ އިތުރު މައްސަލަތަކެއް ވެސް އެލްޖީއޭ އިން ބެލި އެވެ.

ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ފިޔަވަޅު އެޅުމުގެ އިތުރުން ކައުންސިލުގެ އެހެން މެމްބަރުންނަށް ވަނީ ނަސޭހަތް ދީފަ އެވެ.