31 ޑިސެމްބަރ 2024
ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެ، އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެ، އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އުޅެ އެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށް ނުވުން ހިމެނެ އެވެ.
އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
އެ މައްސަލައާ މެދު ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވަނީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. ރައީސުލުޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ވެސް ނޫން ކަމަށް ބުންޏެވެ.
ގަރާރާ ގުޅޭ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ހައި ކޯޓަށް ބެލޭނެ ފަދަ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށް ހައި ކޯޓުން ފާހަގަކުރި އެވެ. އެހެންކަމުން، ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރާ ގުޅޭ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައެޅި އެވެ.
ރައީސް އޮފީހާ ދެކޮޅަށް ރާގިބު މި މައްސަލަ ހުށަހެޅުއްވުމުން އޭނާ ވަނީ ސަރުކާރުގެ މަގާމުން ވެސް ވަކިކޮށްފަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ރާގިބު ވިދާޅުވެފައިވަނީ އާބާދީގައި 10،000 ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށާއި އެ ލިސްޓް ދިރާސާ ކުރުމުން ބޮޑެތި މައްސަލަތަކެއް ފާހަގަވި ކަމަށެވެ.
"އަޅުގަނޑު ބެލި ބެލުމުން އެނގެން އެބަހުރި މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުން ލިސްޓުގައި. ހަމައެކަނި އައިޑީކާޑު ނަންބަރު ބަދަލުކޮށްލާފައި އެއް ނަމެއްގައި މީހުން އެބަތިބި. ތަކުރާރުކޮށް އައިޑީކާޑު ބަދަލުކޮށްފައި މީހުން ނަންތައް ހިމަނާފައި އެބަހުރި. އެއީ ޣައި ރުގާނޫނީ ލިސްޓެއް،" ރާގިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.
އެހެންކަމުން، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކައުންސިލުން އޮޅުވައިލި ލިސްޓަށް ބަލައިގެން ކަމަށް ރާގިބު ވިދާޅުވި އެވެ. އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ވާތީ ކައުންސިލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ބަލަން އެދިވަޑައިގެންފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.
ތިނަދު އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކޮށްދޭން ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ. މި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް
މައްސަލަ ބޭރުކުރީ "އިސްކުރު މަދު މީހެއް" ކަމަށްބުނެ!
ތިނަދޫއަށް އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފި
ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަދޭން ގާނޫނަށް އިސްލާހު
ތިނަދޫ ސިޓީ ކައުންސިލްގެ ހައިސިއްޔަތާމެދު ސުވާލެއް!
ކޮއްކޮ ގެންގުޅުނު ޑްރަގަށް ބޭބެ ޒިންމާވިޔަސް ޖަލަށް
ފޯމު ބަދަލުކޮށްގެން ގޯތި ދިން މައްސަލަ އަލުން ބަލަނީ
ބައިގަރުނު ކުރީގެ ބައްތެއްޔެއްގެ މައްސަލަ ކޯޓުން ބޭރު