04 ޑިސެމްބަރ 2023
ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާތީ މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.
ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާތީ މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.
ސިޓީއެއްގެ ދަރަޖަ ދެނީ އާބާދީގައި 10،000 ހަމަވުމުން ކަމަށް ވިޔަސް ތިނަދޫ ސިޓީއަކަށް ބަދަލުކުރިއިރު، އެ އަދަދު ހަމައެއް ނުވެ އެވެ.
ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅީ، ތިނަދޫ ސިޓީ ކައުންސިލަކަށް ބަދަލުކުރުމުގައި ގާނޫނު މާނަކުރިއިރު ހުރި މައްސަލަތަކާއި އެ ކައުންސިލްގެ ހައިސިއްޔަތާއި އޮނިގަނޑު ސާފުކުރުމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށްވާއިރު، އެ މާއްދާގައި އެ ކައުންސިލް ހިންގާނީ އެއިރަކު އޮންނަ ރަށު ކައުންސިލަކުން ކަމަށް ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުވާލު އުފެދެނީ އެ ހިސާބުން އެ ރަށު ކައުންސިލެއް ސިޓީ ކައުންސިލަކަށް ބަދަލުވި ކަމާ މެދުގަ އެވެ. މިހާތަނަށް އެކި އިދާރާތަކުން އެ ކައުންސިލަށް އެޑްރެސްކުރަމުން އަންނަނީ އެކި ގޮތަށް ކަމަށާއި ބައެއް އިދާރާތަކުން އެއީ ސިޓީ ކައުންސިލެއް ކަމުގައި ބަލައިގަންނައިރު، ދެން ހުރި އިދާރާތަކުން ސިޓީއާއި ލިޔެކިޔުންތައް އަދިވެސް ފޮނުވަނީ ގދ. ތިނަދޫ ކައުންސިލަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އަމަލު ކުރަން ޖެހޭ ގޮތް ސާފުނުވާތީ، ގިނަ ސިޓީތައް ފޮނުވަނީ ކައުންސިލް ރައީސްގެ ނަމުގައި ނަމަވެސް ސިޓީއެއްގައި ރައީސަކު ހުންނަން ގާނޫނު ތަން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ކޮމިޓިގައި މިނިސްޓަރު އާދަމް ޝަރީފް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ތިނަދޫ ސިޓީއަކަށް ބަދަލުކުރަން ނިންމާފައި އޮތް އޮތުން ފުރިހަމަ މާނައިގައި ބަދަލުވެގެން ދާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަސްއޫލިއްޔަތާ އެއްވަރަށް މަސްއޫލިއްޔަތު އަދާކުރަން ތިބި ފަރާތްތަކުން ހައިސިއްޔަތު ބަދަލުވެގެން،" ސައުދު ވިދާޅުވި އެވެ.
"އޮޓޮމެޓިކުން އަޅުގަނޑުމެންގެ އިދާރާ މިއޮތީ ސިޓީ ކައުންސިލަކަށް ބަދަލުވެފައި. އެހެންކަމަށްވަނީ ނަމަ އެ ސްކޭލްގައި ހިދުމަތް ދޭނަމަ އަޅުގަނޑުމެންގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ، އިދާރާގައި އިތުރު މުވައްޒަފުން ވެސް އަންނަން ޖެހޭނެ، ބަޖެޓު ވެސް ލިބެން ޖެހޭނެ، ހައިސިއްޔަތަށް ވެސް ބަދަލު އަންނަން ޖެހޭނެ."
ރަސްމީކޮށް އެ އިދާރާ ސިޓީ ކައުންސިލަކަށް ބަދަލުނުވާތީ، ސިޓީ ކައުންސިލަކަށް އެކަށޭނެ ސެކެޓަރީ ޖެނެރަލެއް އައްޔަން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް ވެސް ގޮންޖެހުންތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަންބޮޑުވުންތަކާ ގުޅިގެން ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދަނީ އެއީ ސިޓީއެއްގެ ގޮތުގައި ބަލައިގެން ކަމަށާއި ހިދުމަތްތައް ދިނުމަށް ބަޖެޓުގައި ބްލޮކް ގްރާންޓު ހިމަނައިގެން އެ ކަން ފަހިކޮށްދީފައިވާނެ ކަމަށެވެ.
ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/. މިހާރު
މިކަމަށް އަވަސް ފަރުވާއެއް ބޭނުންވާ ކަން ފާހަގަކޮށް، ރައީސް އޮފީހުން އިސްނަގައިގެން މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ފަރުވާއެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މި މަޖިލީހުން މި ގާނޫނަށް އަވަސް އިސްލާހެއް ގެނައުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެކަމަށް ބާރު ދެއްވައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް ޝަމްއޫނު އާދަމް ވިދާޅުވީ، ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ އާ އިންތިހާބަށް ފަހު ނަމަވެސް، ދައުރު ހަމަވުމުގެ ކުރިން ކަމަށްވާ ނަމަ އެ ސިޓީ ހިންގަމުންދާނީ ރަށު ކައުންސިލަކުން، ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބިގެންވާ ކަމަށެވެ.
އެ މުއްދަތު ހަމަވާން ވަރަށް ދިގު މުއްދަތެއް އޮތް ކަން ފާހަގަކުރައްވައި އޭނާ ވެސް ވިދާޅުވީ އެލްޖީއޭއަށް ފެންނަ ހައްލަކީ ގާނޫނު ބަދަލުކޮށްގެން އަވަސް އިންތިހާބެއް ބޭއްވުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނު އެކުލަވާލުމުގައި އުޅުއްވި ހިސާން އެ މާއްދާ ސާފުކޮށްދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެންނަމަވެސް ލާމަރުކަޒީ ގާނޫނު އެކުލަވާލުމުގައި އުޅުއްވި ކޮމިޓީ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުގައި އެގޮތަށް ރަށު ކައުންސިލަށް އެ ބާރުތައް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވުމުގެ މަފްހޫމަކީ އިތުރު އިންތިހާބެއް ނުބާއްވައި، އެ އިރެއްގައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުން ކަމަށެވެ.
އެކަމުގައި އޮޅުން އަރާ ކަމެއް ނެތް ކަމަށާއި މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަން ކުރަން ޖެހެނީ މަޖިލީހުން ކަމުގައި އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން އާދަމް ޝަރީފް ވިދާޅުވީ މި ކަމުގައި އެލްޖީއޭގެ އިހުމާލެއް އަދި ގޮންޖެހުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މަޖިލިސް ކޮމިޓީން ނިންމާ ގޮތަކަށް އަމަލުކުރައްވާނެ ކަމަށެވެ.
މި މައްސަލައިގައި ލާމަރުކަޒީ ކޮމިޓީން މާދަމާ ގޮތެއް ނިންމާނެ އެވެ.
ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓްދޭން މަޝްވަރާއަށް
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ
ތިނަދޫ ކައުންސިލްގެ ދަރަޖަ ބަދަލުނުކުރެވޭނެ: އެލްޖީއޭ
ތިނަދޫ ރަށްވެހިކަން ދޫކޮށްލުމުން ނަގާ ފީ ބާތިލްކުރަނީ
ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަދޭން ގާނޫނަށް އިސްލާހު
ތިނަދޫގެ ސިޓީގެ ދަރަޖައާ ގުޅޭ ވާހަކަތައް ދޮގުކޮށްފި
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ތިނަދޫން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަނީ
ކ. މާލެ ކިޔުން ގާނޫނުއަސާސީއާ ހިލާފް: މިނިސްޓަރު