ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
16 އޯގަސްޓް 2025
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު އެ މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު ސޮއިކުރީ މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް އެވެ. އާރުސީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު ފަށައި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ. ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ވަށާފާރު ރޭނުމަކީ ވެސް މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ، ސަރުކާރުން އާރުސީސީއާ އެކު ހެދި އެއްބަސްވުމުގެ އަގަކީ 631 މިލިއަން ރުފިޔާ އެވެ. މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ އެ އިމާރާތްތައް އެޅުމުގެ މަސައްކަތް ނިމުމުން ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެ ފައިސާ އާރުސީސީ އަށް ދައްކަން ޖެހެ އެވެ.
އެއީ، ކޮންމެ އިމާރާތަކަށް ގާތްގަނޑަކަށް 11.5 މިލިއަން ރުފިޔާ އެވެ.
"އިމާރާތޭ ބުންޏަސް އެ ތަންތަން ނިންމާއިރު ހުންނާނީ އޭސީތައް ވެސް ހަރުކޮށް ފަރުނީޗަރު ވެސް ލާފައި. އެ ހުރިހާ ކަމަކާ އެކު އަގު އެ އޮތީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި 55 ރަށެއްގެ ކައުންސިލްގެ އާ އިމާރާތް ހަދައިދޭން ހަތަރު ކުންފުންޏެއްގެ ޕްރޮޕޯސަލް މިނިސްޓްރީން ހޯދި އެވެ. އެއީ ރާއްޖޭގެ ދެ ކުންފުންޏަކާއި ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏެކެވެ. އޭގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ހަތަރު ފަރާތުގެ ޕްރޮޕޯޒަލް ވެސް އިކޮނޮމިކް ކައުންސިލަށް ގެންގޮސް މަޝްވަރާކޮށްފައި ގޮތެއް ނިންމީ. އެއްބަސްވުން ހެދީ ވެސް އިކޮނޮމިކް ކައުންސިލާ މަޝްވަރާކޮށް އެ އަގަށް އެއްބަސް ވެވިގެން. އެއީ އެންމެ ކުޑަ އަގު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އާ އިމާރާތް އެޅުމަށް އާރުސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، 55 ކައުންސިލް އިދާރާގެ ތެރެއިން 39 ކައުންސިލް އިދާރާ އިމާރާތް ކުރާނީ ދެބުރިއަށެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހު މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް، އޭގެ ފަސް މަސްދުވަސް ފަހުން އެ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ އާ ބަޔަކު ހޯދަން މިނިސްޓްރީން ނިންމި އެވެ. އެ އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުންނެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ކުރިން ވިދާޅުވެފައި ވެ އެވެ.
އެ މަޝްރޫއުއާ އެކު، އިތުރު 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފަ އެވެ.
"ރައީސް ގެންދަނީ ހަގީގީ މާނައިގައި ބާރުވެރިކުރަމުން"
ކައުންސިލްތަކުގެ އާ އިމާރާތް އަޅާ އެގްރިމެންޓު ބާތިލް
ޗައިނާގެ އެހީގައި 50 ކައުންސިލް އިމާރާތް އަޅަނީ
ތޮއްޑޫ ކައުންސިލުން ޓީއެލްއޭސީއަށް ވެހިކަލް ހަދިޔާކޮށްފި
ކ. މާލެ ކިޔުން ގާނޫނުއަސާސީއާ ހިލާފް: މިނިސްޓަރު
ބިނާވެށި ގާނޫނަށް ކައުންސިލްތަކުގެ ޖަމިއްޔާ ދެކޮޅު
ހިރިމަރަދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށްދޭން އެދިއްޖެ
ދިޔަމިގިލީ ކައުންސިލުން 6 ލައްކަ ރުފިޔާ ގެއްލިއްޖެ
ލާމަރުކަޒީ ނިޒާމު ބަދަލުކުރާނީ ޒިންމާދާރުކޮށް:މިނިސްޓަރު
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް