Roadha Mihaaru
ތިނަދޫ ކައުންސިލްގެ ދަރަޖަ ބަދަލުނުކުރެވޭނެ: އެލްޖީއޭ

ތިނަދޫ ކައުންސިލްގެ ނަން ސިޓީ ކައުންސިލަށް ބަދަލުކުރުން ގާނޫނާ ހިލާފު: އެލްޖީއޭ

11 ޖެނުއަރީ 2024

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާނުކުރުމާ ގުޅިގެން އެ ރަށު ކައުންސިލްގެ ނަން "ތިނަދޫ ސިޓީ ކައުންސިލް" އަށް ބަދަލުކުރުން ގާނޫނު އަސާސީއާ ހިލާފް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާނުކުރުމާ ގުޅިގެން އެ ރަށު ކައުންސިލްގެ ނަން "ތިނަދޫ ސިޓީ ކައުންސިލް" އަށް ބަދަލުކުރުން ގާނޫނު އަސާސީއާ ހިލާފް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ނިންމައިފި އެވެ.

ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާތީ މަޖިލީހާއި އެލްޖީއޭ އަށް ހުށަހަޅައިފަ އެވެ.

އެލްޖީއޭގެ ބޯޑުން މި މައްސަލައިގައި ނިންމާފައި ވަނީ އާ ކައުންސިލެއް އިންތިހާބު ވުމާ ހަމައަށް މިހާރު އޮތް ކައުންސިލް ދެމިއޮންނާނީ ރަށު ކައުންސިލެއްގެ ގޮތުގައި ކަމަށާއި ކައުންސިލް ރައީސް ވެސް ހުންނާނީ އެ ގޮތުގައި ކަމަށެވެ.

މިއީ ލާމަރުކަޒީ ކޮމިޓީގައި ވެސް އެލްޖީއޭއިން ދިން ރައުޔެވެ.

އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައި ވަނީ ގާނޫނުގެ 51 ވަނަ މާއްދާގެ ރަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށްވާއިރު، އެ މާއްދާގައި ސިޓީއަކަށް ބަދަލުވިނަމަވެސް ބާރުތަކާއި ޒިންމާތައް ލިބޭނީ ރަށު ކައުންސިލަށް ކަމަށާއި ދައުރު ހަމަވަން ދެން އެގޮތަށް އޮންނާނެ ކަމަށެވެ.

ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެލްޖީއޭގެ ޑިރެކްޓަރު އަދި ތިނަދޫ ކައުންސިލް ރައީސް (ފ) -- ފޮޓޯ: ނިޝާން އަލީ/. މިހާރު

ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެލްޖީއޭގެ ޑިރެކްޓަރު އަދި ތިނަދޫ ކައުންސިލް ރައީސް (ފ) -- ފޮޓޯ: ނިޝާން އަލީ/. މިހާރު

ތިނަދޫ މިހާރު އޮތް ރަށު ކައުންސިލަށް ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމަށް ގާނޫނީ ހުރަސް ހުރި ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުއްވި ސިޓީގެ ވާހަކަ ވެސް އެލްޖީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވަނީ ރަށު ކައުންސިލެއްގެ ދައުރުގެ މެދު ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަވެސް، އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.

އަދި ރަށު ކައުންސިލްގެ ދައުރުގެ ތެރެއިން ސިޓީއެއް އުފެދޭ ހާލަތުގައި އެ ސިޓީއަކަށް ސިޓީ ކައުންސިލެއް އުފައްދަން ގާނޫނު ލާޒިމް ނުކުރާ ކަމަށާއި އެހެންވެ، ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައެޅިޔަސް އެ ރަށު، ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭނެ ކަމަށް ގާނޫނުގެ އެއްވެސް މާއްދާއަކުން ލާޒިމް ނުކުރާ ކަން ފެންނަ ކަމަށާއި ދައުރު ނިމެންދެން ކައުންސިލް އޮންނާނީ ރަށު ކައުންސިލެއްގެ ގޮތުގައި ކަމަަށް ފެންނަ ކަމަށް ވެސް ފިލްޒާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ސިޓީ ކައުންސިލަށް ގާނޫނުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް މި ހާލަތުގައި ރަށު ކައުންސިލަށް ލިބިދޭ ކަމާއި އެއީ ސިޓީއަކުން ލިބެންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއް އަޔަނުދިނުމަށްޓަކައި ކަމަށް ވެސް ކައުންސެލާ ޖެނަރަލް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށި ސިޓިއަކަށް ބަދަލުކުރުމަށް ފަހު، އާ ކައުންސިލެއް އިންތިހާބު ކުރެވެން ދެން އެ ކައުންސިލް ހިންގާފައިވަނީ ރަށު ކައުންސިލެއްގެ ގޮތުގައި ކަން ފާހަގަކޮށްފައިވެ އެވެ.

އެލްޖީއޭއިން މިގޮތަށް ނިންމާފައިވާއިރު، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ އާ ކައުންސިލް އިންތިހާބުވުމުގެ ކުރިން ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައިފަ އެވެ.