ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.
25 ޖޫން 2025
ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.
އެ އިދާރާ އިން ބުނިގޮތުގައި، އެ ފިޔަވަޅު އެޅީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށެވެ. .
ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީ ހެދުމަށް މިދިޔަ މާޗު މަހު އެލްޖީއޭގެ ޓީމެއް ވަނީ ތިނަދު އަށް ގޮސް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ބަޔާން ނަގައި ލިޔެކިޔުންތައް ކައުންސިލުން ހޯދައިފަ އެވެ.
އެލްޖީއޭ އިން ބުނިގޮތުގައި އިންކުއަރީ އަށް ފަހު ކައުންސިލަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. އެ މައްސަލާގައި ކައުންސިލުން ޖަވާބުދާރީވި އެވެ.
ތިނަދޫ މޭޔަރު ސައުދު އަލީ.-- ފޮޓޯ: ފަޔާޒު އަލީ | މިހާރު
އެލްޖީއޭ އިން ބުނި ގޮތުގައި އިންކުއަރީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތަކަށެވެ.
އެލްޖީއޭގެ ރިޕޯޓުގައި ވަނީ 19 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.
- ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ.
- ތިނަދޫން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000ރ. ގެ ފީއެއް ނަގާ މައްސަލަ.
- ރަށްވެހިކަން ބަދަލުކުރުމަށް ފީ ނެގުން ހުއްޓާލަން އެލްޖީއޭ އިން އެންގުމުން އެއަށް އަމަލުނުކުރުން.
- އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ.
- އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރުން.
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދިނުން.
- އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުން.
- ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ.
- ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން.
- ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ.
ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާ:.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭގެ އިތުރުން އެލްޖީއޭ އިން ބުނީ ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިޔަސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކައުންސިލުގެ ރައީސާއި މެމްބަރުން ނެގި ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ވޭޖް އުސޫލުން ބޭރުން މުވައްޒަފުން ނަގައި މައްސަލަ އާއި ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމާއި އިދާރީ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ކަންކަން ކުރުވާ މައްސަލަ އާއި އަންހެނުންގެ ކޮމިޓީގެ ރައީސް، ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ ހިލާފަށް އޮންލައިންކޮށް ޖަލްސާތަކުގައި ބައިވެރިވުމާއި އެލަވަންސް ނަގާ މައްސަލަ ވެސް އެ އިންކުއަރީގެ ދަށުން ބެލި ކަމަށެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި އެ މައްސަލަތަކުގެ މައްޗަށް ބަލާއިރު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެކެވެ. އެހެންވެ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް މޭޔަރު އަމަަލު ކޮށްފައިވާތީ ތިން މަސް ދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަން ނިންމީ މުސާރަ އާއި އިނާޔަތް ވެސް ނުލިބޭ ގޮތަށް ކަމަށް އެލްޖީއޭ އިން ބުންޏެވެ.
މޭޔަރުގެ އިތުރުން ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވެސް ވަނީ އެ ގާނޫނާ ހިލާފުވުމުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
އެލްޖީއޭ އިން ނިންމީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ދޭތޯ ކަށަވަރު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލަރުން ކަމަށް ވާތީ މެމްބަރު އަހުމަދު ވަހީދާއި މެމްބަރު އައިމިނަތު ނަސީމާ އާއި އަހްމީމާ އަހުމަދުގެ އިތުރުން މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ އަށް ނަސޭހަތްތެރިވުމާ އެކު، މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ކައުންސިލަށް ދެއްކުމަށެވެ.
އެލްޖީއޭ އިން ވަނީ ތިނަދޫ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންގެ މައްސަލަ ބެލުމަށް ފަހު، އޭނާ އަށް ވެސް ނަސޭހަތްތެރިވުމަށާއި ގަވާއިދާ ހިލާފަށް ނަގާފައިވާ އެލަވަންސް އާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް އެންގުމަށް ނިންމައިފަ އެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި އިންކުއަރީ ރިޕޯޓުގައި ފާހަގަކުރާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދޭ ގޮތަށް އަމަލުކުރުމަށާއި ކައުންސިލްގެ އިދާރީ ސެކްރެޓަރީ ޖެނަރަލާއި އިދާރީ މުވައްޒަފުންގެ މައްސަލަ ބަަލައި އިހުމާލެއް އޮތް ނަމަ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް އެ އޮތޯރިޓީގެ ބޯޑުން ނިންމާފައިވެ އެވެ.
ތިނަދޫގެ ބިންތަކުން ކުލި ނުލިބޭތީ ފިޔަވަޅު އަޅަނީ
ކައުންސިލްތަކާ ގުޅޭ ބިލު ތަސްދީގު ނުކުރަން ގޮވާލައިފި
ތިނަދޫ ކައުންސިލުން ފައިސާ ގެންގުޅުމުގައި ގޯސްތަކެއް!
ސަސްޕެންޑްކުރި މައްސަލާގައި ތިނަދޫ މޭޔަރު ކޯޓަށް
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
އޭސީސީން ކައުންސިލްގެ މުދާތައް ގެންދިޔަކަމުގެ ތުހުމަތު
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ