Roadha Mihaaru
ތިނަދޫއަށް އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފި

ތިނަދޫއަށް އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފި

28 މާޗް 2024

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، ގދ. ތިނަދޫ ކައުންސިލަށް އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، ގދ. ތިނަދޫ ކައުންސިލަށް އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިނަދޫ ސިޓީއަކަށް ހެދުމަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލް މިދިޔަ އަންގާރަ ދުވަހު ތަސްދީގުކުރައްވައިފަ އެވެ. އެއަށްފަހު، ތިނަދޫ ކައުންސިލްގެ ނަން، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުންތަކެއް އޮތުމުން އެ ކައުންސިލުން ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ ކަންބޮޑުވުން ހުށަހަޅައިފި އެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ނުދެވި ގާނޫނީ ގޮތުން އޮތް ކަންބޮޑުވުމަށް ހައްލު ހޯދަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ގާނޫނަށް އިސްލާހު ހުށަހެޅުއްވައިފަ އެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިހާބު ކޮށްފައިވާ ރަށު ކައުންސިލް އެ ރަށުގެ ސިޓީ ކައުންސިލަށް ބަދަލުވާނެ ކަމަށެވެ. އަދި އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އެ ސިޓީގެ މޭޔަރަށާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ އެވެ. މިގޮތަށް ބަދަލުވާ ސިޓީ ކައުންސިލް ދެމި އޮންނާނީ އިސްލާހުގައިވާ ގޮތުން، އެގޮތުން ބަދަލުވި ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނީ ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމަށްވާ ނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެ ވަގުތުން ފެށިގެން އުވުނީ ކަމަށެވެ. އަދި އަތޮޅު ކައުންސިލުން ބަލަމުން ދިޔަ ތަންތަނާއި ދެމުން ދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލް ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ސިޓީއެއްގެ ދަރަޖަ ދޭން ނިންމިކަން ކުރީގެ ސަރުކާރުން އިއުލާންކުރި ފަހުން ވެސް ތިނަދޫ ކައުންސިލްގެ ކަންބޮޑުވުމަކަށް ވީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަ އެވެ. މިއާއެކު ކައުންސިލްގެ ރައީސަކީ ސިޓީގެ މޭޔަރު ކަމަށް ކަނޑަނޭޅޭތީ، އެ މައްސަލަ ވެސް އޮތީ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

ނަމަވެސް، ގާނޫނު އޮތް ގޮތުން ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. އެލްޖީއޭއިން ބުނީ ރަށު ކައުންސިލެއްގެ ދައުރުގެ މެދު ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަވެސް، އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ހުށަހެޅީ އެ ސަބަބުތަކާ ހެދި އެވެ.