Roadha Mihaaru
މައްސަލަ ބޭރުކުރީ "އިސްކުރު މަދު މީހެއް" ކަމަށްބުނެ!

"އިސްކުރު މަދު މީހެއް" ކަމަށް ބުނެ ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލަ އަލުން ބަލަން އަންގައިފި

14 އޯގަސްޓް 2024

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހާއަކީ "އިސްކުރު މަދު މީހެއް" ކަމަށް ބުނެ އޭނާގެ މައްސަލަ މެޖިސްޓްރޭޓް ކޯޓަކުން ބޭރުކޮށްލުމުން އެ މީހާގެ މެޑިކަލް އެގްޒެމިނޭޝަނާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހާއަކީ "އިސްކުރު މަދު މީހެއް" ކަމަށް ބުނެ އޭނާގެ މައްސަލަ މެޖިސްޓްރޭޓް ކޯޓަކުން ބޭރުކޮށްލުމުން އެ މީހާގެ މެޑިކަލް އެގްޒެމިނޭޝަނާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ދައުވާލިބުނު މީހާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމުގައި ގދ. ތިނަދޫ ކޯޓުން ނިންމީ އޭނާއާ ބެހޭގޮތުން ޑޮކްޓަރުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އެއީ ދިފާއުގައި ވާހަކަ ދެއްކުމުގެ ގާބިލްކަން ނެތް "އިސްކުރު މަދު މީހެއް" ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މީހާއާ ބެހޭގޮތުން ޑޮކްޓަރު ދީފައިވާ ރިޕޯޓަށް ބަލާއިރު، އޭނާއަކީ އާންމު ވިސްނުމާ އެކަށީގެންވާ ވަރަށް ކަންކަން ދެނެގަތުމުގެ ގާބިލްކަން ހުރި މީހެއް ކަމަށާއި އެހެންވެ، އޭނާއަކީ އެފަދަ ނުކުޅެދިގެންވާ މީހެއް ކަމަށް ދޭހަވާ ގޮތެއް ނެތް ކަމަށެވެ. މުޖްތަމައުގައި ހުންނަ ސުވާލު އުފެދޭ ބަސްތައް ކޯޓުތަކުގެ ނިންމުންތަކުގައި ބަޔާން ކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވެސް ކަރާމާތަށް އިހުތިރާ ކުރުމުގެ މަގްސަދު ހާސިލް ކުރުމުގެ ބޭނުމުގައި ހާއްސަ ގާނޫނު ހެދިފައިވާއިރު، މުޖްތަމައުގައި ބޭނުންކުރެވޭ ސުވާލު އުފެދޭ މި ބާވަތުގެ ބަސްތައް، އެ އަށް ބުރަދަން ދޭ އެއްވެސް އަސާސެއް ނެތި ގަޟައީ ނިންމުމެއްގައި މިފަދައިން މުހާތަބު ކުރުމަކީ އެދެވޭ ގޮތެއް ކަމުގައި ނުދެކެމެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ މީހާގެ ނަފްސާނީ ހާލަތާ ބެހޭގޮތުން ރިޕޯޓް ތައްޔާރުކުރީ އެ ބާވަތުގެ ތަހުލީލުތައް ހެދުމަށް ގާނޫނީ ގޮތުން ހުއްދަ އޮތް ފަރާތެއްކަން ދަށު ކޯޓުން ކަށަވަރު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމުގައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމާ އެކު، އެ މައްސަލަ ދައުލަތުން އަލުން ކޯޓަށް ހުށަހެޅުމުން އެ މީހާގެ މެޑިކަލް އެގްޒެމިނޭޝަނާ ބެހޭގޮތުން ދަށު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.