Roadha Mihaaru

އަބުރުގެ ދައުވާއާ ގުޅޭ އިއުތިރާޒުތައް ބަލައެއްނުގަތް؛ ޖަވާބުދާރީވާން އަންގައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި އިއުތިރާޒު ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.

އިއުތިރާޒުތައް ބަލައިނުގަނެ، ޖަވާބުދާރީވާން އަންގައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

02 ޖޫން 2025

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި އިއުތިރާޒު ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.

ވޭޕް މަނާކުރުމާ ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ އަބުރުގެ ދައުވާ ކުރައްވައިފަ އެވެ.

އެ މައްސަލައިގައި ދައުވާއަށް ޖަވާބުދާރީނުވެ، ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާޒުތަކެއް ހުށަހެޅި އެވެ. އެގޮތުން ދައުވާ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތް ކަމަށް ބުނެ ނުކުތާއެއް ފާހަގަކުރި އެވެ. ނަމަވެސް، ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ.

އެހެންވެ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާއަށް ޖަވާބުދާރީވާން ދައުވާ ލިބޭ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.

ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.

އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން، ރައީސްގެ އާއިލާގެ ވަކީލުން ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ މައްޗަށް ދައުވާ ކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތް ކޮށްފައި ނުވާތީ އެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވި ކަަމަށް ބުނެ އެވެ.

މަންދީގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެމްޑީޕީން ވަނީ ކުއްޖާގެ ނަން ހާމަކޮށް، ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލް ކަމަށް ބުނެ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ.