Roadha Mihaaru

ފަސްޓް ލޭޑީ ހުށަހެޅުއްވީ މަދަނީ މައްސަލައެއް، މަންދީ އާއި މާޒްގެ ފުލުހުންގެ ތަހުގީގާ ގުޅުމެއް ނެތް: ވަކީލު

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާ ގުޅުވައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް ހުށަހަޅުއްވާ މަދަނީ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް، ސާޖިދާގެ ވަކީލުންގެ ފާމުން ރޭ ބުނެފި އެވެ.

"މަންދީގެ ޖިނާއީ ތަހުގީގާ ފަސްޓްލޭޑީއާ ގުޅުމެއް ނެތް"

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާ ގުޅުވައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް ހުށަހަޅުއްވާ މަދަނީ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް، ސާޖިދާގެ ވަކީލުންގެ ފާމުން ރޭ ބުނެފި އެވެ.

އެމްޑީޕީން ދާދި ފަހުން ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، ސާޖިދާގެ ފަރާތުން، އެ ޕާޓީގެ އިސް އެކްޓިވިސްޓު މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެ ޕާޓީގެ މައްޗަށް ވެސް ސިވިލް ކޯޓުގައި ވަނީ ދައުވާ އުފުލައިފަ އެވެ.

އޭގެ ފަހުން ފުލުހުން ވަނީ، މުޒާހަރާގެ ތެރެއިން ދެއްކި ވާހަކަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ.

މިގޮތުން، މަންދީ އާއި މާޒް ވެސް ފުލުހަށް ހާޒިރުކޮށް ސުވާލުކުރަން ވަނީ ނިންމައިފަ އެވެ.

އެއާ އެކު ސިވިލް ކޯޓަށް ފަސްޓް ލޭޑީ ހުށަހެޅުއްވި މައްސަލައާ ގުޅުވައި ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން، ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ވަނީ، ފަސްޓް ލޭޑީ ސާޖިދާ ހުށަހަޅުއްވާފައިވަނީ މަދަނީ މައްސަލައެއް ކަން ހަނދާންކޮށްދީފަ އެވެ.

އެ ބަޔާނުގައި ބުނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެ ބަޔާނުގައި ބުނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެ މައްސަލަތަކާ ގުޅިގެން އޭގައި ޖިނާއީ އެއްވެސް ތަހުގީގެއް ނުވަތަ އިޖުރާއަތެއް އެކުލެވިގެން ނުވާ ކަމަށް ބުންޏެވެ.

މަދަނީ ގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ އާއި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާއި ފުލުހުން ކުރަމުންދާ ޖިނާއީ ތަހުގީގަކާ ގުޅުވައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބަޔާނުގައި ވެ އެވެ.

ވަކީލުން ބުނި ގޮތުގައި، ސިވިލް ކޯޓުގައި ކޮށްފައިވާ މަދަނީ ދައުވާތަކުގެ މަގުސަދަކީ ކުޑަކުއްޖެއްގެ ހައްގުތައް ހިމާޔަތްކޮށް ކަށަވަރު ކޮށްދިނުމެވެ.

އެހެންކަމުން، ކަމުގެ ހަގީގަތް ނުބަލައި، އާންމުންގެ ތެރޭގައި ނަފުރަތާއި ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުފެތުރުމަށް ވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން މާޒް ސަލީމާއި މަންދީއާ ގުޅޭ މައްސަލާގައި ފަހުން ކޯޓު އަމުރަށް އެދުނުއިރު "ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނެގުން" ކަމަށް ޖަހާފައި ވަނީ ޖިންސީ ގުނަވަން ފޮޓޯ ނެގުމުގައި ވަކި އުސޫލުތަކެއް "ޖިންސީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވައިދު" ގައި ހިމަނާފައިވާތީ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލްގެ ތެރޭގައި ފޮޓޯ ނެގުމުގެ ވާހަކަ ނޯންނާތީ އެ ގޮތަށް އެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ޖެހުނީ ރައީސްގެ ދަރިކަލުން ވޭޕްކުރަން ފެށުމުން ކަމަށް ދޭހަވާ ގޮތަށެވެ. އެކަމަކު، އެ ތުހުމަތުތައް ރައީސް މުއިއްޒުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެއީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

އާޒިމާގެ ލޯ ފާމުން ކުރިން ބުނެފައިވަނީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.

އެ ވާހަކަތަކުގެ ސަބަބުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މިކަމާ ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން ހުށަހަޅާނީ މަދަނީ މައްސަލައެއް ކަމަށާއި ޖިނާއީ ތަހުގީގު ކުރަން ފުލުހުން ގާތު އެދިފައިނުވާނެ ކަމަށް އޭރު ވެސް އާޒިމާގެ ލޯ ފާމުން ބުނެފައިވެ އެވެ.