28 މާޗް 2024
ފުލުހުން ސުވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު ވިޔަފާރީކުރާ ކުންފުންޏަކުން އޭނާގެ އެކައުންޓަށް ފައިސާތަކެއް ފޮނާފައިވުމާ ގުޅިގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ސުވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު ވިޔަފާރީކުރާ ކުންފުންޏަކުން އޭނާގެ އެކައުންޓަށް ފައިސާތަކެއް ފޮނާފައިވުމާ ގުޅިގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް ފައްޔާޒް ވިދާޅުވި ގޮތުގައި، އެއީ އެ ކުންފުނިން އޭނާ ނެގި ލޯނެކެވެ.
ފުލުހުންގެ އިދާރާއަށް މިއަދު މެންދުރުފަހު ފައްޔާޒް ހާޒިރުކުރީ އާރުޑީސީގެ ބައެއް މުވައްޒަފުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގާ ގުޅުން ހުރި މައްސަލައެއްގައި ސުވާލުކުރުމަށެވެ.
ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް އެ އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް ދެއްވި ޕްރެސް ބްރީފިންގައި ފައްޔާޒް ވިދާޅުވީ އޭނާގެ މައްޗަށް ޖިނައީ ކުށެއްގެ ތުހުމަތު ނުކުރާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފައްޔާޒް ވިދާޅުވި ގޮތުގައި، ފުލުހުން އޭނާއާ ސުވާލުކުރީ ސެޕްޓެމްބަރު 2022 ގައި އޭނާ ގުޅުން އޮންނަ ބައެއްގެ ކުންފުނިން ނަގާފައިވާ ލޯނަކާ ބެހޭ ގޮތުން ކަމަށެވެ. އެއީ 160،000ރ. ލޯނެކެވެ. އަދި އެ ކުންފުންޏަކީ އާރުޑީސީއާ އެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަޒީރުންގެ މާލީ ބަޔާނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ފައިނޭންޝިއަލް ރިޕޯޓުން ވެސް އެ ކުންފުނިން އޭނާ ލޯނު ނެގިކަން އެނގެން އޮންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑާ އެ ސުވާލުކުރަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ކުރި ސުވާލުގައި އެ ބޭފުޅުން ގުޅުވަން އުޅެނީ އަޅުގަނޑަށް ލޯނު ދީފައި އޮތް ކުންފުންޏަކީ އާރުޑީސީއާ އެއްކޮށް ވިޔަފާރީގެ މުއާމަލާތްކުރާ ކުންފުންޏެއްކަން. އަދި އެ މުއާމަލާތުގެ ތެރެއިން އެ ކުންފުންޏަށް ފައިސާ ލިބިފައިވާ ކަމަށް. އެ ކުންފުނިން ފައިސާ ހޯދަނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ،"
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން އެމްޑީޕީގެ އިސްވެރިން އެ އިދާރާގެ ބޭރުގައި މަޑުކުރައްވައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފައްޔާޒް ވިދާޅުވީ އެ ކުންފުނިން އާރުޑީސީއާ އެކު ކުރާ މުއާމަތާކީ ގާނޫނާ ހިލާފު މުއާމަލާތެއްތޯ ފުލުހުން ބެއްލެމުން ނިމުނީ ކަމަށާއި އެއީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށެވެ.
ފައްޔާޒްގެ ވަކީލް މަހްފޫޒް ސައީދު ވެސް ވިދާޅުވީ އާރުޑީސީއާ ގުޅިގެން ބަލަމުން އަންނަ މައްސަލަ އާއި ފައްޔާޒުއާ އެއްވެސް ގުޅުމެއް އޮތް ކަމަށް ފުލުހުން މިހާތަނަށް ވެސް އަންގާފައި ނުވާ ކަމަށެވެ. އަދި ފައްޔާޒްގެ މައްޗަށް ޖިނާއީ އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައްޔާޒް ހާޒިރުކުރީ ހަމައެކަނި މައުލޫމާތު ސާފުކުރަން ކަމަށް ފުލުހުން ބުނި ކަމަށެވެ. ނަމަވެސް، ފުލުހުން ސާފުކުރަން ބޭނުންވި މައުލޫމާތަކީ ކުރިން އާންމުކޮށްފައި ހުރި މައުލޫމާތު ކަމަށާއި އެއީ މިނިސްޓަރަކަށް ފައްޔާޒް ހުންނެވި އިރު އޭނާގެ މާލީ ބަޔާންތަކުގައި ހިމަނާފައިވާ މައުލޫމާތުތައް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ ސެޕްޓެމްބަރު 2022 ގައި އެ މައްސަލަ ހުށަހެޅުމާ އެކު، ޓެކްނިކަލް ކަންތައްތައް ކުރަން ފެށި ކަމަށެވެ.
މިހާތަނަށް ކުރި މަސައްކަތުގައި އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވުނަސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު
އާރުޑީސީ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރުވަނީ
ފުރަތަމަ ބަލަންވީ ސިޔާސީ މުވައްޒަފުން މަދުކުރެވޭތޯ: ފައްޔާޒް
ކުށްކުރުން އިތުރުވުން ކުރީގެ ސަރުކާރާ ގުޅުވާތީ ނުރުހުން
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
އެމްޑީޕީ ލީޑަޝިޕްގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެއްޖެ
ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަނީ
އާރުޑީސީ ހިޔާނާތް: އެކެއްގެ އެކައުންޓަށް 11މިލިއަން
އިންތިހާބު ފަސްކުރާ އިސްލާހު ތަސްދީގުކުރަން ގޮވާލައިފި