Roadha Mihaaru
ޖޭޕީގެ ނައިބު ރައީސަކަށް ޑރ. މައުސޫމް

ޖޭޕީގެ ނައިބު ރައީސަކަށް ޑރ. މައުސޫމް، ނައިބު ލީޑަރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި

20 ޖޫން 2018

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ރައީސަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް، އަދި އިންތިޚާބުކުރާ ހަތަރު ނައިބު ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ރައީސަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް، އަދި އިންތިޚާބުކުރާ ހަތަރު ނައިބު ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މި ހަފުތާ ބަންދުގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ ޖޭޕީގެ ކޮންގްރެސްގައި އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އެކަންޏެވެ. ނައިބު ރައީސަކަށް ހުށަހެޅުއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. މައުސޫމް އެކަންޏެވެ.

ޖޭޕީގެ ލީޑަރުގެ މަގާމަށް އަދި ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ބެލެވޭ ގޮތުގައި، ލީޑަރުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކާ މެދު ގޮތެއް ނިންމާނީ ކޮންގްރެސްގަ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ ޖޭޕީ އުފެއްދެވި ގާސިމް އިބްރާހީމެވެ.

ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ކުރިމަތިލެއްވި އަބްދުﷲ ކަމާލުއްދީން އޭނާގެ ކެންޑިޑެސީ ނަމްބަރު މިއަދު ނެންގެވުމަށް ފަހު ދައްކާލައްވަނީ: މަގާމުތަކަށް މީހުން އައްޔަން ކުރާނީ މި ހަފުތާ ބަންދުގައި.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ލީޑަރު ކަމަށް މީހަކު ކުރިމަތި ނުލީ، މެމްބަރުންގެ ހިތުގައި ގާސިމަށް އޮތް ލޯތްބާއި އިއްޒަތް އެހެން މީހަކަށް ދޭން ބޭނުން ނުވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މި ޕާޓީ އުފައްދަވައި، ފެށުނީއްސުރެ ޕާޓީ ކަންކަމުގައި އުޅުއްވީ ގާސިމް. ގާނޫނާ ގަވައިދުތަކާ ހިލާފަށް ސަރުކާރުން އަމަލުކޮށް މި ވަގުތު އެ މަނިކުފާނު ގައުމުން ބޭރުގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، މެމްބަރުންގެ ހިތުގައި ގާސިމަށް އޮތް އިހުތިރާމާއި ލޯބި ބޮޑު،" ތިން އަހަރުގެ ޖަލު ހުކުމަށް ފަހު، ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް، ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ގާސިމާ ބެހޭ ގޮތުން ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޖޭޕީގެ ލީޑަރުގެ މަގާމާ ގުޅޭ ކަންކަމާއި މަސްއޫލިއްޔަތުތައް ކަނޑައަޅާނީ ކޮންގްރެސްގަ އެވެ.

ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުން: (ކ-ވ) ފަޔާޒް، އަބްދުﷲ އަމީން، އަބްދުﷲ ކަމާލުއްދީން، އަމީން އިބްރާހީމް އަދި ޑރ. ހުސެއިން.

ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުން: (ކ-ވ) ފަޔާޒް، އަބްދުﷲ އަމީން، އަބްދުﷲ ކަމާލުއްދީން، އަމީން އިބްރާހީމް އަދި ޑރ. ހުސެއިން.

ޖޭޕީގެ ނައިބު ލީޑަރުންނަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޑެޕިއުޓީ ލީޑަރު ކަމަށް އިންތިޚާބު ކުރާނީ މީގެ ތެރެއިން ހަތަރު ބޭފުޅެކެވެ.

ޖޭޕީގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު އުފައްދާފައި މިވަނީ އަލަށެވެ.

ޖޭޕީގެ އިސް މަގާމުތަކުގެ އިތުރުން، އަންހެނުންގެ ލީގާއި ޒުވާނުންގެ ލީގުގެ ރައީސް ކަމާއި މެމްބަރު ކަމަށް ވެސް އެ 24 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. މި މަގާމުތަކަށް ކުރިމަތިލި މީހުންގެ ކެންޑިޑޭޓު ނަމްބަރު ކަނޑައެޅުން، އެ ޕާޓީގެ އޮފީހުގައި މިއަދު ވަނީ ބާއްވައިފަ އެވެ.