Roadha Mihaaru
ޖޭޕީ މެމްބަރުން ގެންދާތީ ގާސިމްގެ ނުރުހުން ސަމީރަށް

"ލަދު ކޮބާ؟" ޖޭޕީ މެމްބަރުން ގެންދާތީ ގާސިމްގެ ނުރުހުން ސަމީރަށް

24 ޖޫން 2023

ސަރުކާރުގެ މަގާމުތައް ހުށަހަޅައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުން ގެންދަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ސަރުކާރުގެ މަގާމުތައް ހުށަހަޅައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުން ގެންދަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ސަމީރު ވަކިވެވަޑައިގަތީ ޖޭޕީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމި ވަގުތު ކައުންސިލް ބައްދަލުވުމުގައި އިންނަވައިފަ އެވެ. ޖޭޕީގެ އެ ނިންމުމަކީ ގައުމަށް މިވަގުތު އެންމެ ހަމަޖެހުން އޮތް ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖޭޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި ސަމީރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން، މިދިޔަ ބުދަ ދުވަހު ސަމީރު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ. ސަމީރު އާއެކު ޖޭޕީގެ ކައުންސިލްގައި އުޅުއްވި ބައެއް މެންބަރުން ވެސް އެ ދުވަހު އެމްޑީޕީއަށް ސޮއި ކުރެއްވި އެވެ.

މިއަދު ޕެރެޑައިސް ރިސޯޓުގައި ބޭއްވި ޖޭޕީ ކައުންސިލުގެ 158 ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަމީރު އިސްވެ ޖޭޕީގެ މެމްބަރުން އެމްޑީޕީއަށް ގެންދަނީ ސަރުކާރުގެ މަގާމުތައް ހުށަހަޅައިގެން ކަމަށެވެ.

"...ލަދެއް ހަޔާތެއް ހުންނަން ޖެހޭނެ ދޯ ސަމީރެއް ކަމަކު އަދި އެހެން މީހެއް ކަމަކު. އެ ހިސާބަށް ދިޔައީމާ ދަންނަވާލަން ބޭނުންވަނީ ބޭފުޅުންނޭ މިއަދު އެކަންޏެއް ނޫނޭ އޮތީކީ. މާދަމާ ވެސް އެބަ އޮތޭ," ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާއެކު، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ގިނަ އިސް ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ނަމަވެސް، ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި އެ ޕާޓީގެ މެމްބަރުން އަދިވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ހުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވަ އެވެ.