Roadha Mihaaru
ޖޭޕީގެ އެތެރެއިން ފެނުނީ އިދިކޮޅު ބާރެއް!

ޖުމްހޫރީ ޕާޓީގެ އެތެރެއިން ފެނިގެން ދިޔައީ ސަރުކާރާ ދެކޮޅު ބާރެއް!

26 ފެބުރުއަރީ 2023

ޖުމްހޫރީ ޕާޓީގެ ކޮންގްރަސްމަނުންނާ އެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ދަރުބާރުގޭގައި ކުރިޔަށް ގެންދާ އެ ޕާޓީގެ ގައުމީ ކޮންފަރަންސް އިން ފެނިގެން ދިޔައީ ދެވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ސަރުކާރުގެ ފަރާތްތައް އެހާ ހިތްހަމަ ޖެހޭނެ މަންޒަރެއް ނޫނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖުމްހޫރީ ޕާޓީގެ ކޮންގްރަސްމަނުންނާ އެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ދަރުބާރުގޭގައި ކުރިޔަށް ގެންދާ އެ ޕާޓީގެ ގައުމީ ކޮންފަރަންސް އިން ފެނިގެން ދިޔައީ ދެވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ސަރުކާރުގެ ފަރާތްތައް އެހާ ހިތްހަމަ ޖެހޭނެ މަންޒަރެއް ނޫނެވެ.

ކޮންމެ ރިޔާސީ އިންތިހާބެއްގެ ވެސް "ޑިސައިޑިން ފެކްޓާ" ނުވަތަ މޮޅު ވާނެ ބައެއް ނިންމާ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށްވާތީ އެމްޑީޕީން ރިޔާސީ ޓިކެޓު ހަވާލު ކޮށްފައިވާ ރައީސްގެ ވިސްނުން ހުރީ އެ ޕާޓީއާއެކު ފުރަތަމަ ބުރުގައި ކޯލިޝަނެއް ހަދައިގެން އިންތިހާބު ކާމިޔާބު ކުރުމެވެ.

އެހެން ނަމަވެސް ޖޭޕީގެ ލީޑާޝިޕާއި ކޮންގްރަސްމަނުން ހިމެނޭ ގޮތަށް ކުރިޔަށް ދިޔަ މި ކޮންފަރަންސް އެނގުނު ކަމަކީ އެ ޕާޓީގެ ރޫހު އޮތީ ރައީސްގެ އެ ވިސްނުމާ ވަރަށް ބޮޑަށް ދެކޮޅަށެވެ!

ގިނަ މެންބަރުން މި ސަރުކާރާ މެދު ހިތްހަމައެއް ނުޖެހެ އެވެ. އަދި އެމްޑީޕީއާއެކު އަނެއްކާވެސް ކޯލިޝަނެއް ހަދައިގެން ޖޭޕީ ދާނެ މިސްރާބާ މެދު ވެސް ކަންބޮޑުވެ އެވެ. ވަކި ބަޔަކާއެކު ކޯލިޝަނެއް ހަދައިފި ނަމަ އެއަށް އެންމެ ފުރިހަމަ އަށް އިހްތިރާމް ނުކުރާ ކަމުގެ ޝަކުވާ އާއެކު ގިނަ މެންބަރުން ބޭނުން ވަނީ މިފަހަރު "ޖުމްހޫރީ ސަރުކާރެއް" ވެރިކަމާ ހަވާލުވުމަށެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރްންސްގައި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ގަރާރެއް ހުށަހަޅުއްވަނީ މެންބަރުން ވޯޓު ދެއްވަނީ-- ފޮޓޯ: ނިޝަން އަލީ | މިހާރު

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރްންސްގައި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ގަރާރެއް ހުށަހަޅުއްވަނީ މެންބަރުން ވޯޓު ދެއްވަނީ-- ފޮޓޯ: ނިޝަން އަލީ | މިހާރު

އެކަމާ ގުޅޭ ހޫނު ބަހުސަކަށް ފަހު ޖޭޕީން ރޭ ވަނީ އެ ޕާޓީގެ ކެނޑިޑޭޓެއް ނެރެން ކައުންސިލަށް ލަފާ ދިނުމަށް ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި އޮތް ދެ ހާލަތަކީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއް ފުރަތަމަ ބުރުގައި ވާދަ ކުރުން ނުވަތަ އެ ޕާޓީ އިސްވެ ކޯލިޝަނެއް ހެދުމެވެ.

ސަރުކާރު ދިފާއު ކުރާ މެންބަރުން ހޫނު ފެނުގައި!

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ލަފާ ދިނުމަށް ހުށަހެޅި ގަރާރަށް ބަހުސް ފެށުމުގެ ކުރިން ވެސް ސަރުކާރަށް ސަނާ ކިޔުން ނުވަތަ އެފަދަ މޭރުމަކުން އަމަލު ކުރާ ކޮންމެ މެންބަރަކާ ދެކޮޅަށް ކޮންފަރެންސް ތެރޭގައި އަޑުގަދަ ކުރި އެވެ.

ގާތްގަނޑަކަށް 700 މީހުން އެ ކޮންފަރެންސްގައި ބައިވެރިވި އިރު ސަރުކާރާ އެކު ކޯލިޝަނެއް ހެދުމުގެ ވިސްނުމުގައި ހުރި މީހުންގެ އަޑު ވަރަށް މަޑެވެ. މުޅި ހޯލުގައި އޮތީ ސަރުކާރާ އިދިކޮޅު ބާރެކެވެ.

ބަހުސް ފެށުމާ އެކު ސަރުކާރުގެ ދިފާއުގައި ތެދުވި ހަމައެކަނި މެންބަރަކީ މި ވަގުތު ރައީސް އޮފީހުގެ މިނިސްޓަރެއް ގޮތުގައި ހުންނެވި ޖޭޕީގެ ކުރީގެ އެސްޖީ އަހުމަދު ސަމީރެވެ.

އޭނާގެ ވާހަކައިގައި ކޮންގްރަސްމަނުންނަށް ހަނދާން ކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭޕީ އޮތް ހާލަތެވެ. އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ އާއިލާ އަށް ކުރިމަތިވި އުނދަގޫތަކުގެ ވާހަކަތައް ސަމީރު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސަމީރު ވިދާޅުވީ މި ސަރުކާރުގެ މި ހިނގާ ފަސް އަހަރަކީ އެއާ މުޅިން ހިލާފަށް ހަމަޖެހުން ފެނިގެން ދިޔަ ދުވަސްތަކެއް ކަމަށެވެ. ގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް މި ހަތަރު އަހަރު ތެރޭގައި ކުރެވިއްޖެ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހިނގަމުންދާތަން މި ފެންނަނީ،" ސަރުކާރަށް ތައުރީފް ކުރައްވަމުން ސަމީރު ވިދާޅުވި އެވެ.

ސަމީރު ސަރުކާރަށް ތައުރީފު ކުރާތީ ހޯލުގައި ދެން ތިއްބެވި މެންބަރުން އަޑުގަދަ ކުރަން ފެށި އެވެ. އަދި ވަޒީފާ ދަމަހައްޓަން ސަރުކާރަށް ސަނާ ކިޔަނީ ކަމަށް ބުނެ ހަޅޭއް ލަވަން ފެށުމުން ރިޔާސަތުގައި އިންނެވި ގާސިމް ވަނީ އަޑު މަޑު ކުރަން އެދިވަޑައިގެންފަ އެވެ.

ސަމީރު ވާހަކަ ކުރިޔަށް ގެންދަވަމުން ވިދާޅުވީ 2018 ވަނަ އަހަރު ޖޭޕީއާއެކު އެއްބަސްވި ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ނުވި ނަމަވެސް ޖުމްލަ ގޮތެއްގައި ކަންކަން ދަނީ ޖޭޕީން ވެސް ބޭނުންވާ ގޮތަށް ކަމަށެވެ. އެކަންކަން ބަލައިގަނެ ގޮތެއް ނިންމާ އިރު އެކަމާ މެދު ވިސްނަން އޭނާ އެދިވަޑައިގަތެވެ.

އޭނާ އެހެން ވިދާޅުވަމުން ގެންދެވި އިރު ވެސް އެހެން ކޮންގްރަސްމަނުން ދިޔައީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސަމީރާއި އެތަނުގައި ތިއްބެވި ސަރުކާރުގެ އެހެން މަގާމްތަކުގެ ފަރާތްތަކަށް ފާޑު ކިޔުން އަމާޒު ކުރަމުންނެވެ.

"ސަރުކާރު ގޯސް، ވެރިކަމަށް އަންނަންވީ ޖޭޕީ"

ސަމީރު ފިޔަވައި އެ ގަރާރަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުންގެ ވިސްނުން ހުރީ މި ސަރުކާރާ ދެކޮޅަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ސީދާ ޖޭޕީން ކެނޑިޑޭޓެއް ނެރެގެން ވާދަ ކުރުމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ޖޭޕީން 15 އަހަރު ވަންދެން އެހެން ޕާޓީތަކުން "ޖެހިހާ ބެރަކަށް އަންނަނީ ނަށަމުން" ކަމަށެވެ. މިފަހަރު އެ ގޮތް ބަދަލު ކުރަން ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން އަލީ ވިދާޅުވީ ގައުމަށް ބޭނުން ވަނީ ކްރައިސިސް މެނޭޖް ކުރާ މީހެއް ނޫން ކަމަށެވެ. ގައުމަށް ބޭނުން ވަނީ ގައުމެއް ހިންގަން އެނގޭ ލީޑަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަންކަން މެނޭޖް ކުރުމާއި ގައުމެއް ލީޑު ކުރުމަކީ ތަފާތު ކަމެއް ދެ ހުނަރެއް. މި ދާ މިސްރާބުން ދެންނާނީ ފަރަށް އަރާތަން. ބަދަލެއް ކޮށްލައިގެން ނޫން ގޮތަކަށް ސަލާމަތެއް ނުކުރެވޭނެ -- އަލީ

"ކަންކަން މެނޭޖް ކުރުމާއި ގައުމެއް ލީޑު ކުރުމަކީ ތަފާތު ކަމެއް ދެ ހުނަރެއް. މި ދާ މިސްރާބުން ދެންނާނީ ފަރަށް އަރާތަން. ބަދަލެއް ކޮށްލައިގެން ނޫން ގޮތަކަށް ސަލާމަތެއް ނުކުރެވޭނެ،" އަލީ ވިދާޅުވި އެވެ.

ގަރާރަށް ތާއީދު ކުރެއްވި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު ވިދާޅުވީ ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ހިޔާލު ތަފާތު ވިޔަސް ޖޭޕީގެ ލަޝްކަރުގެ އަޑު އުފުލެން ޖެހޭނެ ކަމަށެވެ. އަދި ހިޔާލު ތަފާތުވާ ކޮންމެ މައްސަލައަކީ ބަހުސް ވެސް ކުރަން ޖޭގަ ނެތް މައްސަލައަކަށް ވެގެން ނުވާނެ ކަމަށް ޝާހް ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން މިހާރު އެހެން ކެނޑިޑޭޓުން އެންޑޯޒް ކުރައްވައިފި. އެކަމަކު އެއްވެސް ފިޔަވަޅެއް ނާޅުއްވާ، އެއީ ހިޔާލު ތަފާތުވުމަށް ފުރުސަތު މި ޕާޓީން ފުރުސަތު ދޭތީ،" ޝާހް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރްންސްގެ ތެރެއިން--ފޮޓޯ: ނިޝަން އަލީ | މިހާރު

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރްންސްގެ ތެރެއިން--ފޮޓޯ: ނިޝަން އަލީ | މިހާރު

ޖޭޕީން ބަޔަކާ އެކު ކޯލިޝަން ހެދުމުގެ ކުރިން ގައުމަށް ބޭނުންވި ކަންކަން ހާސިލް ކުރެވުނުތޯ ސުވާލު އުފައްދާލަން ޖެހޭ ކަމަށް ޝާހް ވިދާޅުވި އެވެ. އިންސާފާއި އެހެނިހެން ކަންކަމުގެ ހާލަތު ރަނގަޅު ކުރެވިއްޖެ ނަމަ މަޑުން ތިބެންވީ ކަމަށާއި އެ ނޫން ނަމަ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު ވެސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރި ވެރިކަމެއް އަދި މިއަދާ ހަމައަށް އައިއިރު ނުފެނުނު ކަމަށާއި ރައްޔިތުންނަށް އިހްލާސްތެރި ލީޑަރަކު ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ. އެ ކޮލިޓީ ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަނިކުފާނު އިސްވެ 2023 ގައި ޖޭޕީ އައިގެން ކުރިޔަށް ވަޑައިގެންނެވެން އޮތް ކަމަށްވަންޏާ އެކަން ނުކުރައްވައި ފަހަތަށް އެންމެ ފިޔަވަޅެއް އަޅާކަށް ވެސް އަޅުގަނޑަކަށް ނުފެނޭ،" ނިޒާރު ވިދާޅުވި އެވެ.

ގާސިމް ވަކި ކޮޅަކަށް ނުޖެހޭ، ވިސްނުން ހުރީ ހުޅުވިފައި!

ބަހުސް ފައްޓަވަމުން ވެސް އަދި ބަހުސްގެ މެދުތެރެއިން ވެސް ގާސިމް ގެންދެވީ އޭނާގެ ވިސްނުން ހުރި ގޮތާއި އަމަލުތައް ބަހައްޓަންވީ ގޮތް މަޑުމަޑުން ހާމަ ކުރައްވަމުންނެވެ.

ގާސިމް އެންމެ ފުރަތަމަ ވެސް ވިދާޅުވި ވާހަކައަކީ މިއީ އެވެ؛

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރްންސްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝަން އަލީ | މިހާރު

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރްންސްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝަން އަލީ | މިހާރު

"ސިޔާސީ ކަމެއްގައި އަޅުގަނޑުމެންގެ އެއްވެސް ބަޔަކާ ރުޅިވާން ވާނީ އަލުން ރައްޓެހި ނުވެވޭ ވަރަކަށް ނޫން. ބަޔަކާ އެކުވެރިވާން ވާނީ ވަކިވާން ޖެހިއްޖެއާ ދުރަށް ވެސް ޖެހި ނުލެވޭ ވަރަކަށް ނޫން. މިއީ ހަގީގަތަކީ."

ގާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީން ކެންޑިޑޭޓަކު ނުނެރޭކަށް އަދި ނުނިންމަ އެވެ. އެއީ ވެސް އޮތް އޮޕްޝަނެއް ކަމަށާއި ނުވަތަ ވަކި ބަޔަކާ އެކު ކޯލިޝަނެއް ހެދުމަކީ ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގަރާރު ފާސް ކުރިޔަސް އެއީ އަމަލު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެހެން ނަމަވެސް އެ ނިންމުން ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ގޮތް ނިންމާނީ ކައުންސިލުން ކަމަށާއި ޕްރައިމަރީ އަކަށް ހުޅުވާލަން ކައުންސިލުން ނިންމައިފި ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް ބޭފުޅުންގެ ވާހަކަތައް ހުރި ގޮތުން، "ތި ވާހަކަތައް ތިގޮތަށް ތި ދައްކަވަނީ ޖޭޕީން ކެންޑިޑޭޓެއް ނުނެރޭނެ ކަމަށް ގަބޫލު ކުރައްވައިގެންތޯ" ވެސް ގާސިމް އެއްސެވި އެވެ.