Roadha Mihaaru
ސުއޫދުގެ ފޮތަކީ ލިބުނު ލުޔެއް: ވަކީލުން

ސުއޫދުގެ ފޮތަކީ ލިބުނު ލުޔެއް: ވަކީލުން

17 ޖޫން 2018

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ނެރުއްވި "ގާނޫނީ ރަދީފު" އަކީ ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވަކީލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ނެރުއްވި "ގާނޫނީ ރަދީފު" އަކީ ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވަކީލުން މިއަދު ބުނެފި އެވެ.

މިދިއަ އަންގާރަ ދުވަހު ނެރުނު އެފޮތުގައި 1،200 އަށް ވުރެ ގިނަ ބަހުގެ މާނަ އާއި ތަފްސީލް ހިމެނެ އެވެ. ފޮތާ އެކު އޭގެ އެންޑްރޮއިޑް އެޕްލިކޭޝަން ވެސް ވަނީ ނެރެފަ އެވެ. އެގޮތުން ޝަރުއީ ދާއިރާގައި ބޭނުން ކުރާ ހުރިހާ ބަސްތަކުގެ ދިވެހި މާނަ އާއި އިނގިރޭސިން ބޭނުން ކުރާ ބަސް ވެސް ހިމަނާފައިވެ އެވެ. އެޕްލިކޭޝަނުން ބަސް ސާޗްކޮށް ވެސް ހެދެ އެވެ.

އެފޮތް ލިޔުއްވަން ސުއޫދު ވިސްނެވީ ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްގެން އަންނަ ޒުވާނުންނަށް ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޭނުންކުރާ ބަސްތަކުގެ މާނަ ނޭނގިގެން އުޅޭތީ އެކަމަށް ހައްލު ގެނައުމަށެވެ.

ސުއޫދު ވިދާޅުވީ އެ ފޮތް ލިޔުއްވަން އަހަރެއްހާ ދުވަސް ނެގިއިރު ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޭނުންކުރާ ހުރިހާ ބަހެއް ހޯދައި އެފޮތުގައި ހިމަނާފައިވާނެ ކަމަށެވެ.

"ހުރިހާ ގާނޫނަކާއި، ކޯޓްތަކުން ނެރޭ ގަޒިއްޔާތަކަށް ބަލައިގެން ބަސްތައް ހިމެނީ. ގާނޫނީ ހުރިހާ ބަހެއް ފޮތުގައި ވާނެ،" 200 ރުފިޔާއަށް ވިއްކާ ފޮތާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވި އެވެ.

"މިސާލަކަށް އިސްތިގުރާރު، ތަދަށްހުލްވުން. މިކަހަލަ ބަސްބަހުގެ މާނައެއް ނޭނގޭ އަލަށް ކިޔަވައިގެން އަންނަ ކުދިންނަކަށް. މިފޮތުގައި އެހުރިހާ ބަހެއް ހިމަނާފައިވާނެ."

ރާއްޖޭގައި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި އުޅެނީ އަރަބި މީޑިއަމަށާއި އިނގިރޭސި މީޑިއަމަށް ކިޔަވައިގެން ތިބި މީހުންނެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޝަރުއީ ދާއިރާގައި ބޭނުންކުރާ ބައެއް ބަސްތަކާ މެދު ގިނަ ވަކީލުންނަށް އޮޅުންއަރާ ކަމަށެވެ.

އޭގެ އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ދާއިރާ އިން ދެ މީޑިއަމަށް މަތީ ތައުލީމް ހާސިލްކޮށްފައިވުމެވެ.

ސުއޫދު ލިޔުއްވި ގާނޫނީ ރަދީފު ނެރުމުގެ ރަސްމިއްޔާތު -- ފޮޓޯ: މިހާރު

ސުއޫދު ލިޔުއްވި ގާނޫނީ ރަދީފު ނެރުމުގެ ރަސްމިއްޔާތު -- ފޮޓޯ: މިހާރު

"އެބޭފުޅަކު ބޭނުންކުރަނީ އެމީހަކު ކިޔެވި ގޮތަށް ބަސް. ސުޕްރީމް ކޯޓަށް ބަލާއިރު އެބޭފުޅުންގެ ނިންމުންތަކުގައި އެ ބޭނުންކުރާ ބަސްތައް ވަރަށް އަރަބި. އެހެންވީމަ މިފަދަ ފޮތަކުން އެހުރިހާ މައުލޫމާތެއް ލިބޭތީ ވަރަށް ފަސޭހަވާނެ،" ޝަމީމް ވިދާޅުވި އެވެ.

ޒުވާން ވަކީލެއް ކަމަށްވާ މޫސާ ސިރާޖު ވިދާޅުވި ގޮތުގައި މާނަ ނޭނގޭ ބަސްތައް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ވަކީލުންނަށް ސުއޫދުގެ ފޮތުގެ ސަބަބުން ވަގުތު ސަލާމަތްކުރެވޭނެ އެވެ.

މިހާ ހިސާބުން އެ މަސައްކަތް އަދި ހުއްޓާލައްވާކަށް ސުއޫދު ނުނިންމަވަ އެވެ. ކޮންމެ އަހަރަކު ވެސް އާ ބަސްތަކާ އެކު ފޮތަށް ބަދަލު ގެންނަވާނެ ކަމަށް އޭނާާ ވިދާޅުވި އެވެ.

ސުއޫދާއި ވަކީލް މުހައްމަދު ޝަހުދީ އަންވަރު، އުފައްދާފައިވާ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން މީގެ ކުރިން ވަނީ ބިމާ ބެހޭ ގާނޫނީ ފޮތަކާއި ވަޒީފާއާ ބެހޭ ގާނޫނީ ފޮތެއް ވެސް ނެރެފަ އެވެ.