09 އޯގަސްޓް 2018
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އަށް މިއަދު 10 އަހަރު ފުރުނުއިރު، ގާނޫނުއަސާސީއެއް އެބައޮތްތޯ ސުވާލު އުފެދޭ މިންވަރަށް ރާއްޖޭގެ ކަންކަން ގޮސްފައިވާ ކަމަށް މަޝްހޫރު ބައެއް ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އަށް މިއަދު 10 އަހަރު ފުރުނުއިރު، ގާނޫނުއަސާސީއެއް އެބައޮތްތޯ ސުވާލު އުފެދޭ މިންވަރަށް ރާއްޖޭގެ ކަންކަން ގޮސްފައިވާ ކަމަށް މަޝްހޫރު ބައެއް ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އަށް 10 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ކުރީގެ ބަންޑާރަ ނައިބު ސުއޫދު ވިދާޅުވީ، މިއަދު ފެނިގެން ދަނީ ދައުލަތުގެ ހުރިހާ ބާރުތަކާއި މުއައްސަސާތަކުން ވެސް ގާނޫނުއަސާސީއާ ޚިލާފަށް، ވަކި ބައެއްގެ މަސްލަހަތުތައް ހިމާޔަތް ކުރަން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަމުން ދަނީ ގާނޫނުއަސާސީގައި ބުނެފައި ވާ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށާއި އަދުލު އިންސާފު ގާއިމް ކުރުމުގައި ބާރުން ވެސް ގާނޫނުއަސާސީއާ ޚިލާފަށް ނިންމުންތައް ނިންމަމުންދާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް 10 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަން ގައި ސުއޫދު (ވ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މިހާރު ގާނޫނުއަސާސީއެއް އެބައޮތްތޯ ސުވާލު އުފެދޭ ހިސާބަށް މި ވަނީ އަޅުގަނޑުމެންގެ ކަންކަން ގޮސްފައި. ދިހަ އަހަރު ވެގެން އައިއިރު އަޅުގަނޑުމެން އުއްމީދު ކުރި ގޮތަކަށް ނޫން ގާނޫނުއަސާސީގެ ކަންކަން ތަންފީޒު ކޮށްފައި މި އޮތީކީ. ހުރިހާ ދިމާލަކުން ވެސް ފެނިގެން ދަނީ ދައުލަތުގެ މުއައްސަސާތައް ގާއިމް ކުރެވިފައި އޮތީ ވެރިކަން ހިންގާ ފަރާތް ދިފާއު ކުރާނެ ލަޝްކަރެއްގެ ގޮތުގައި ރުކުރުވާލެވިފައި އޮތް ތަން،" މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ސުއޫދު ވިދާޅުވި އެވެ.
"އެ ބޭފުޅުން ވިދާޅުވާ ކަހަލަ ރައީސް ޔާމީންގެ ގަޔަށް ވަޒަނެއް އަރާނީ ތިމަންނަމެންގެ މޭ ފޫ އަޅުވާލަފައޭ. އެ ކަހަލަ ގޮތަކަށް ހުރިހާ މުއައްސަސާތައް ހިންގަން ތިއްބެވި ބޭފުޅުންގެ އަމަލުތައް ހުންނަނީ."
ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ގޮތުގައި "އިންތިޒާމް ކުރެވިގެން" ގާނޫނުއަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ދަނީ ހަދަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނު ހަދަން ޖެހޭނީ ވަކި ބަޔަކާ މެދު ތަފާތު ކުރުމެއް ނެތި، ހަމަހަމަ ކަމާއެކު ކަމަށް ގާނޫނުއަސާސީ ގައި ބުނެފައި ވިިޔަސް، ވަކި ބަޔަކަށް އަމާޒުކޮށްގެން އެ އުސޫލުތަކާ ޚިލާފަށް އެތައް ގާނޫނެއް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް 10 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަން ގައި ކުރީގެ ސޮލިސިޓާ ޖެނެރަލް ރިފްއަތު (ކ-3) ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޮޑިޓް ގާނޫނަށް 2014 ގެނައި އިސްލާހަކުން އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމްގެ މަގާމު ގެއްލިގެން ދިއުމާއި ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެެނައި އިސްލާހެއްގެ ދަށުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ވަކި ކުރުމަކީ އޭގެ މިސާލެއް ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"ގާބިލް ނޫން ކަމަށް ކަނޑައަޅައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުންގެ މަގާމު ގެއްލުނީ. ކިހިނެއްތޯ އަޅުގަނޑުމެންގެ ބުއްދި އަށް ގަބޫލު ކުރެވޭނީ ހަމަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ގާބިލް ވެގެން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް މީހަކު ކަނޑައަޅާފައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މީހަކު ކަނޑައަޅާފައި ހަމަ އެތަނުން މި ނިންމަނީ އެ ބޭފުޅުން ނާގާބިލް ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.
އެންމެ ފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލިގެން ދިޔައީ ވެސް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން ކަން ރިފްއަތު ފާހަގަ ކުރެއްވި އެވެ. އަދި ކުރިން ހުއްދަ ހޯދުމެއް ނެތި އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދޭއިރު، އެ އާ ޚިލާފަށް އެ ހައްގުތައް ވެސް ގާނޫނުތަކުން ހަނިކޮށްފައިވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގެ 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ހައްގެއް އެއީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ ހައްގު. އެހެން ނަމަވެސް ސަރުކާރުން 2013 ވަނަ އަހަރު އެއްވެ އުޅުމާ ބެހޭ ގާނޫނެއް އެކުލަވާފައި މި ނިންމަނީ ޖެހޭނެއޭ އެއްވެ އުޅުމަށް ހުއްދަ ހޯދަން. ހުއްދަ ހޯދައިގެން މެނުވީ އެއްވެސް ތަނަކަށް އެއް ނުވެވޭނެއޭ،" އޭނާ ވިދާޅުވި އެވެ.
"މި ހުންނަނީ ވެރިކަން ހިންގާ ފަރާތުގެ ބޭނުމަށް ނުވަތަ އެ ފަރާތުން އިސް ނަގައިގެން ވެރިކަން ހިންގާ ފަރާތަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބިލްތައް ހުށަހަޅައިގެން، ހަމަ އެ މަޖިލީހުގައި އޮތް ވެރިކަން ހިންގާ ފަރާތުގެ ސުޕަ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ގާނޫނުތައް ކޮށައި، މަށައި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުން."
ވަކީލް ފައިސަލް ވިދާޅުވީ، ހައްގުތައް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ސަރުކާރަށް ކަމަށާއި އެކަމަކު ފެނިގެންދަނީ ހައްގުތައް ނިިގުޅައިގަނެ، ހިފެހެއްޓުމުގައި އެންމެ އިސްކޮށް ސަރުކާރުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ ހާލަތްތައް ގާނޫނުއަސާސީ ގައި ބަޔާން ކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ހައްގުތަކެއް ހިފެހެއްޓީ ކޮން ހާލަތެއް މެދުވެރިވެގެންތޯ ފައިސަލް ސުވާލު ކުރެއްވި އެވެ.
ގާނޫނުއަސާސީ އަށް 10 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަން ގައި ވަކީލް ފައިސަލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މިފަދަ ގޮތްގޮތަށް އަމަލު ކުރާތީ އަޅުގަނޑުމެންނަށް ދަންނަވަން މި ޖެހެނީ ވެރިކަން ހިންގާ ފަރާތުން މިހާރު އަމަލުކުރަމުން މިދަނީ މި ގާނޫނުއަސާސީގެ އިމުގެ ތެރެއަކު ނޫނޭ. ގާނޫނުއަސާސީގެ އިމުން ބޭރުވެއްޖެއޭ، ވަރަށް ބޮޑު ތަން ބޭރުވެއްޖެއޭ،" ފައިސަލް ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ އަމަލުތަކާ މެދު ފާޑު ވިދާޅުވަމުން ވަކީލާ ސަފާ ޝަރީފް ވިދާޅުވީ، ފެނިގެން ދަނީ ވަކި ބައެއްގެ މަސްލަހަތުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ތަންތަނުގެ ގޮތުގައި ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލާއި އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނެވެ.
މިނިވަން މުއައްސަސާތަކުން އަމަލު ކުރަން ޖެހެނީ ނުފޫޒެއް ނެތި، ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ވާއިރު، އެއްވެސް މުއައްސަސާއަކުން ޒިންމާ އަދާ ކުރާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާ އަކީ ސަފާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުމެވެ.
ގާނޫނުއަސާސީ އަށް 10 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަން ގައި ވަކީލާ ސަފާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
".މިއަދު ކީއްވެގެންތޯ ވަކި ބަޔަކަށް ބުނަން ކެރެނީ ފައިސާ ގޯނި ގޯންޏަށް އަޅައިގެން ތިމަންނަ ބެހީމޭ؟. ސަރުކާރުގެ މިވެނި އެއްޗެއް ބޭނުން ކޮށްގެން އިންތިޚާބު ކާމިޔާބު ކުރާނަމޭ. ކުށެއްގެ ވާހަކައެއް މި ދައްކަނީ އެއްވެސް ޖެހިލުމެއް، ބިރެއް ނެތި. އާންމުން ތެރޭގައި އެ ވާހަކަ ދައްކަން ކެރެނީ ކީއްވެގެންތޯ؟." އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސަފާގެ ސުވާލުތައް އަމާޒު ކުރައްވައި ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލެވިގެން ނުވާނެ
ޖޭއެސްސީ ސިފަކުރެވެނީ ބޮޑު ޖޯކެއްގެ ގޮތުގައި: ސުއޫދު
ޖޭއެސްސީގެ މެމްބަރުކަމުން މާނިއު އިސްތިއުފާ ދެއްވައިފި
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
ސުޕްރީމް ކޯޓުގެ ފުރަތަމަ ޓެސްޓުން އުއްމީދުތަކެއް
ސުޕްރީމް ކޯޓަށް: މާޒީ ހުތުރު، ދެން ރަނގަޅުކުރޭ!
ސަރުކާރުން މޮޑޭ ފުށްގަނޑަކަށް ގާނޫނުއަސާސީ ހަދައިފި
ސުއޫދުގެ ފޮތަކީ ލިބުނު ލުޔެއް: ވަކީލުން
ޖޭއެސްސީގެ ފޯމޭޝަން: ގެންނަން ޖެހޭ ބޮޑު ބަދަލު
ގާނޫނީ ބަސްތަކުގެ ރަދީފެއް ނެރެފި