Roadha Mihaaru
ސަސްޕެންޑް ކުރިޔަސް ހަރަކާތެއް ނުހުއްޓޭނެ: ވަކީލުން

ސަސްޕެންޑް ކުރިޔަސް މިކަމެއް ނުހުއްޓޭނެ، އިތުރު ޕެޓިޝަނެއް ހުށަހަޅާނެ: ވަކީލުން

11 ސެޕްޓެމްބަރ 2017

ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރިޔަސް ގާނޫނީ ދާއިރާގެ ހިމާޔަތުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އިތުރު ވަކީލުންތަކެއް ގުޅިގެން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށް ސަސްޕެންޑްކުރި ވަކީލުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރިޔަސް ގާނޫނީ ދާއިރާގެ ހިމާޔަތުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އިތުރު ވަކީލުންތަކެއް ގުޅިގެން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށް ސަސްޕެންޑްކުރި ވަކީލުން މިއަދު ބުނެފި އެވެ.

ގާނޫނީ ދާއިރާގައި ހުރި މައްސަަލަތައް ފާހަގަކޮށް، 54 ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ވަކީލުން ރޭ ސަސްޕެންޑްކޮށްފައި ވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ އެ ޕެޓިޝަން ހުށަހެޅީ އިންސާފު ހޯދަން ދާ މީހުންނާ މެދު އަމަލުކުރެވޭ ކަންކަން އެންމެ ގާތުން ފެންނަ ބަޔަކީ ވަކީލުން ކަމަށް ވާތީ އެ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، އިންސާފު ކަށަވަރު ކުރަން ކަމަށެވެ.

އެ މައްސަލަތައް ފާހަގަކުރުމުން، އެކަން އިސްލާހު ކުރުމުގެ ބަދަލުގައި ވަކީލުން ސަސްޕެންޑް ކުރުމުން ކަންބޮޑުވާ ކަމަށާއި ނަމަވެސް މި ހިސާބުން އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މި ވަކީލުންގެ އިތުރުން އިތުރު ވަކީލުންތަކެއް ޕެޓިޝަނެއް ހުށަހަޅާނެ ވާހަކަ ދަންނަވަން. މިއީކީ ނިމުމެއް ނެތް ކަމެއް. އިންސާފު ލިބޭނެކަން ޔަގީން ވަންދެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރަމުންދާނެ ކަމެއް. ދިވެހި ދައުލަތް ދެމިއޮތްހާ ހިނދަކު އަޅުގަނޑުމެން ނެތިއްޔާ އެހެން ބަޔަކު ތިބޭނެ އިންސާފު ލިބޭތޯ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕެޓިޝަންގެ އަނެއް ބޭނުމަކީ ފަނޑިޔާރުންނާ މެދު ބޭއިންސާފުން ކުރާ އަމަލްތައް ހުއްޓުވުމެވެ. އެއްވެސް އުސޫލެއް ނެތި ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރަމުން ދާ ކަމަށާއި ޕެޓިޝަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އެކަން ވެސް ފާހަގަކޮށްފައިވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގައި ހުރި ކަންކަން ރަނގަޅު ކުރެވޭނީ ޝަރުއީ ދާއިރާގެ ތެރެއިން އިސް ނަގައިގެން ކަމަށް ވާތީ އެކަމަށް އެއްބާރުލުން ދޭން ޖެހޭނެ އެވެ.

"އަޅުގަނޑުމެން ބޭނުންވޭ އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ފަނޑިޔާރުންގެ މަގާމަކީ ޝަރަފްވެރި، އަބުރުވެރި މަގާމަކަށް ހަދަން. ފަނޑިޔާރުންނަކީ ޝަރަފްވެރި އަދި އަބުރުވެރި ބައެއް ކަމަށް ނުވަންޏާ އިންސާފު ލިބޭ ކަމުގެ ޔަގީންކަމެއް ނޯންނާނެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ ފަރާތުން އެކިއެކި ފަނޑިޔާރުންނަށް އެބަ ދުއްތުރާކުރޭ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު: ވަކީލުންގެ މަސައްކަތަކީ ފަނޑިޔާރުންގެ ވެސް ހިމާޔަތުގައި ކުރާ މަސައްކަތެއް ކަމަށް ވިދާޅުވި--މިހާރު ފޮޓޯ/ނިޝާން އަލީ

ސުއޫދު: ވަކީލުންގެ މަސައްކަތަކީ ފަނޑިޔާރުންގެ ވެސް ހިމާޔަތުގައި ކުރާ މަސައްކަތެއް ކަމަށް ވިދާޅުވި--މިހާރު ފޮޓޯ/ނިޝާން އަލީ

އޭގެ މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އެކި ކޯޓުތަކަށް ބަދަލުކުރުމެވެ. އެކަން އެގޮތަށް ކުރަނީ ފަނޑިޔާރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި، ކުއްލި ގޮތަކަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރަކު ބަދަލުކުރާއިރު އެ ކޯޓުގައި ހުސް ވަޒީފާއެއް އޮތްތޯ އެބަ ބަލާލަން ޖެހޭ. އެކަމަކު އެންމެ 13 މައްސަލަ އޮތް ކުޑަކުދިންގެ ކޯޓަށް ހަ ފަނޑިޔާރުން އެބަ ތިއްބެވި އައްޔަން ކޮށްފައި. ފަނޑިޔާރަކަށް ނުޖެހޭ ދެ މައްސަލަ ވެސް. ހަމަ އެގޮތަށް އާއިލާއާ ބެހޭ ކޯޓަށް ވެސް ބަދަލު ކުރަނީ. މިއީ ފަނޑިޔާރުންނާ މެދު ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް،" ސުއޫދު ވިދާޅުވި އެވެ.

ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ވަކީލުންގެ ހަރަކާތަކީ ސިޔާސީ އެއްވެސް ބޭނުމެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ. އެ ހަރަކާތުގެ ބޭނުމަކީ ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން ބަލައިނުގަތުމަށް ފަހު އެ ޕެޓިޝަނާ ގުޅިގެން ވަކީލުން ސަސްޕެންޑް ކުރިކުރުމުން އެނގެނީ ޕެޓިޝަންގައި ހުރީ ހަގީގަތްކަމެވެ. އަދި އެ ފިޔަވަޅު އެޅުމުގެ ކުރިން އެއްވެސް ވަކީލަކާ ސުވާލުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ މި ދެއްވީ އަދަބު. ދެން އެއަށް ފަހު އެ މީހަކު އެ އަމަލެއް ހިންގިތޯ އާއި އެ މީހަކު އެ ހިންގި އަމަލަކީ ކުށެއްތޯ އާއި އެ ކުށަކަށް ވަނީ ކިހިނެތްތޯ، މިކަންކަން ބެލުމުގެ މަރުހަލާ މިއައީ. މީގެން އެނގޭ އަނެއް ކަމަކީ އަޅުގަނޑުމެން ޕެޓިޝަންގައި މި ދައްކާ، އިންސާފުވެރިކަމާ އެކު މީހުންގެ މައްޗަށް ކަންތައްތައް ނުކުރުމުގެ ވާހަކައަކީ ހަގީގަތުގައި ވެސް ހިނގާ ކަމެއް ކަން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ވަކީލުންގެ ސަސްޕެންޝަނާ ގުޅިގެން، ކޯޓުތަކުގައި ހިނގާ ގިނަ މައްސަލަތަކަށް ބުރޫއަރާނެ އެވެ. އެހެންކަމުން ކޯޓުތަކުގައި ހުރި މައްސަލަތަކުގައި ހިމެނޭ ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށާއި އޭގެ ތެރޭގައި އާންމުންގެ މައްސަލަތައް ވެސް ހިމެނޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ވަކީލުންނަކީ އާންމުކޮށް ކޯޓުތަކުގައި ވަކާލާތު ކުރަން ވަޑައިގަންނަވާ ވަކީލުން. އެހެންވީމަ ޖިނާއީ މައްސަލަތަކުގެ ތަހުގީގާއި ބަންދުގައި ތިބި މީހުންގެ ހައްގުތަކަށާއި ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރަން ވަޑައިގަންނަވާ ވަކީލުންގެ މުވައްކިލުންގެ ހައްގުތަކާއި ސިވިލް ކޯޓާއި މަތީ މަރުހަލާގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ވެސް މީގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރާނެ،" ހިސާން ވިދާޅުވި އެވެ.

ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާގެ ހިމާޔަތުގައި މަސައްކަތް ކުރުމަކީ ވަކީލުންގެ ޒިންމާއެއް ކަމުން 54 ވަކީލުން ކުރި މަސައްކަތަކީ އެއީ ކަމަށެވެ. އެކަމަކު ޕެޓިޝަނަކީ ޣައިރު ގާނޫނީ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް، ސަސްޕެންޑް ކުރުމަކީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފިޔަވަޅު އަޅައިގެން އަޅުގަނޑުމެން ފަހަތަށް ޖެހޭނެ ކަމަށް ހީވާ ނަމަ ކުށް ހީއެއް އެއީ. ސަބަބަކީ އަޅުގަނޑުމެން މިހާރު މިތިބީ ކަނޑުވެފައި. ކަނޑުވީމަ ދެން ޖެހޭނީ ފަތަން އެއްގަމާ ހަމައަށް ދެވެންދެން. އަޅުގަނޑުމެން ފަތާނަން، އަޅުގަނޑުމެން ދޫކޮށްލައިފިއްޔާ އެ ދިޔައީ،" ފައިސަލް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ހިމާޔަތުގައި ކުރިން ވެސް ވަކީލުން މަސައްކަތް ކޮޮށްފައިވާ ކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މިހާރު ވެސް ވަކީލުން ކުރަމުން ދަނީ އެ މަސައްކަތް ކަމަށެވެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ މަސައްކަތްތައް މިހާރު ވެސް ދަނީ ރަނގަޅަށް ނޫން ކަމަށާއި ބައެއް ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ފަހު ދެ އަހަރެއްހާ ދުވަސް ވަންދެން މައްސަލަ ނުނިންމާ އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.