Roadha Mihaaru
ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަނީ

ވަކީލުންގެ ކަންބޮޑުވުންތައް ހޯދުމަށް ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަނީ

18 ސެޕްޓެމްބަރ 2017

ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ދިވެހި ވަކީލުންގެ ކަންބޮޑުވުންތައް ހޯދައި ހާލަތު ދިރާސާކުރުމަށް، ލޯ އޭޝިއާގެ ވަކީލުންގެ ވަފުދެއް ރާއްޖެ އަންނަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ދިވެހި ވަކީލުންގެ ކަންބޮޑުވުންތައް ހޯދައި ހާލަތު ދިރާސާކުރުމަށް، ލޯ އޭޝިއާގެ ވަކީލުންގެ ވަފުދެއް ރާއްޖެ އަންނަން ނިންމައިފި އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން ސަސްޕެންޑު ކުރުމުން ލޯ އޭޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ހާލަތު ދިރާސާކުރުމަށް ރާއްޖެ އަށް ވަކީލުން ފޮނުވަން އެ ޖަމާއަތުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުއޫދު ކުރެއްވި ޓްވީޓް

ލޯ އޭޝިއާގެ ރައީސްގެ ޚާއްސަ ދައުވަތަކަށް، އެ ޖަމިއްޔާގެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނުގައި ހުންނަވައި "މިހާރު" އާ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަން ނިންމީ، ރާއްޖޭގެ ވަކީލުންނަށް ދިމާވާ މައްސަލަތައް، އެ ޖަމިއްޔާގެ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން ކަމަށެވެ.

"ކައުންސިލް ބައްދަލުވުމުގައި ފުރުސަތު ލިބުމުން، ރާއްޖޭގެ ވަކީލުންނަށް ދިމާވަމުންދާ މައްސަލަތައް، އެ ފަރާތުގެ ސަމާލުކަމަށް ގެނައިން. [ވަކީލުން] ސަސްޕެންޑު ކޮށްފައިވާއިރު އެކަން އެއްވެސް ފަރާތަކަށް އިސްތިއުނާފެއް ކުރެވޭކަށް ނެތް. އެހެންވެ ލޯ އޭޝިއާ އިން ނިންމީ މައްސަލަތައް ދިރާސާކުރުމަށް ރާއްޖެ އަށް ވަފުދެއް ފޮނުވުމަށް،" ސުއޫދު ވިދާޅުވި އެވެ.

ލޯ އޭޝިއާ އަކީ، އޭޝިއާ ސަރަހައްދުގެ ބާ ޖަމިއްޔާތަކުގެ އެންމެ އިސް ފަރާތެެވެ. ރާއްޖޭގައި ބާ އެސޯސިއޭޝަނެއް ނެތުމުން، ރާއްޖެ އަކީ ލޯ އޭޝިއާގެ މެމްބަރު ގައުމެއް ނޫނެވެ.

ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި މައްސަލާގައި 54 ވަކީލަކު ވަނީ މި މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑްކޮށްފަ އެވެ. އަދި މައްސަލަ ބެލުމަށްފަހު އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިއަދު ވަނީ އުވާލައިފަ އެވެ.