Roadha Mihaaru
"މިހާރު" ނޫހުން ވޯލްޑް ކަޕް ގައިޑް ނެރެފި

ފުޓްބޯޅަ އީދުގެ ހަދިޔާ: "މިހާރު" ނޫހުން ވޯލްޑް ކަޕް ގައިޑް ނެރެފި

10 ޖޫން 2018

ފިތުރު އީދާ އެކުއެކީގައި އަންނަ ބުރާސްފަތި ދުވަހުގެރޭ އަހަރެމެންނާ ބައްދަލުކުރާ ފުޓްބޯޅައިގެ އީދު، ފީފާ ވޯލްޑް ކަޕަށް "މިހާރު" ނޫހުން ތައްޔާރުކުރި ވޯލްޑް ކަޕް ގައިޑް މިރޭ ނެރެފި އެވެ.

ފިތުރު އީދާ އެކުއެކީގައި އަންނަ ބުރާސްފަތި ދުވަހުގެރޭ އަހަރެމެންނާ ބައްދަލުކުރާ ފުޓްބޯޅައިގެ އީދު، ފީފާ ވޯލްޑް ކަޕަށް "މިހާރު" ނޫހުން ތައްޔާރުކުރި ވޯލްޑް ކަޕް ގައިޑް މިރޭ ނެރެފި އެވެ.

މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރޮނގު ބެލެހެއްޓި ދިވެހި އެސިސްޓަންޓް ރެފްރީ މުހައްމަދު ސައީދާއި ވޯލްޑް ކަޕުގެ މައުލޫމާތު ދިވެހިންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އެފަދަ ދެ ވަނައެއް ނެތް ކުރީގެ ނޫސްވެރިޔާ އިމާދު ލަތީފް އަދި "މިހާރު" އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކުރި ހީނާ އަހުމަދު ސަލީމެވެ.

"މިހާރު" ނޫހުން ނިންމާފައިވަނީ، މީގެ ކުރިން ވެސް ވޯލްޑް ކަޕާއި ޔޫރޯ އަށް ހާއްސަކޮށްގެން ފޮތް ނެރެފައިވާ ތަޖުރިބާކާރު ޓީމުން ތައްޔާރުކުރި މި ފޮތް އާއްމުންނަށް ހިލޭ ދޫކުރާ ގޮތަށެވެ. މުޅިން ކުލަކޮށް ޗާޕްކޮށްފައިވާ 168 ސަފުހާގެ މި ފޮތް، އޭޓޫ ސައިޒުގެ ސްކޯޗާޓަކާ އެކު މާދަމާ (ހޯމަ) އިން ފެށިގެން ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ.

ފޮތް ލިބެން ހުރި ތަންތަން:

އަސްރަފީ ބުކްޝޮޕް، ޗާންދަލިއާ، ރައުންޑްވަން ބުކްޝޮޕް، ނޮލެޖްބުކްޝޮޕް، މިލިއަން ބުކްޝޮޕް، އެމްސެވެން، އިރާކީ ބުކްޝޮޕް، ސޮނީ ސްޕޯޓްސް ޖަނަވަރީ މަގު ފިހާރަ، ސޮނީ ސްޕޯޓްސް ޗާންދަނީ މަގު.

"މިއީ އަޅުގަނޑުމެން ކިޔުންތެރިންނަށް ދޭ ފުޓްބޯޅަ އީދުގެ ހަދިޔާއެއް،" ނޫހުގެ އޮފިޝަލަކު ބުންޏެވެ. "ވޯލްޑް ކަޕުގެ ކުރިން މައުލޫމާތުގެ ހަޒާނާ މުއްސަނދިކޮށްލުމަށާއި މުބާރާތުގެ ފޯރި އާލާކޮށްކަން މިއީ ވަރަށް ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން."

"މިހާރު" ވޯލްޑް ކަޕް ގައިޑް

"މިހާރު" ވޯލްޑް ކަޕް ގައިޑް

މި ފޮތުގައި ވޯލްޑް ކަޕުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ތަފްސީލީ މައުލޫމާތު ހިމެނޭނެ އެވެ. އަދި މި ފަހަރުގެ މުބާރާތުން ފާހަގަކޮށްލެވޭނެ ތަރިންނާއި އަލަށް ވިދާލާނެ ކުޅުންތެރިންނާ ބެހޭ ޕްރޮފައިލްތަކެއް ހުންނާނެ އެވެ. ވޯލްޑް ކަޕުގައި ބޭނުންކުރާ ސްޓޭޑިއަމްތަކާއި ރަޝިއާގެ ތައްޔާރީތަކާއި ޓީމުތަކުގެ ޖާޒީތަކަކާއި ޓީމުތަކުގެ ހާއްސަ ތައްޔާރީތަކާ ބެހޭ ޝައުގުވެރި ފީޗާ ލިޔުންތަކެއް ވެސް މި ފޮތުގައި އެކުލެވެ އެވެ. ވޯލްޑް ކަޕުގެ ތާރީހު ވެސް ފޮތުގައި ގެނެސްފައިވަނީ ވެސް ތަފާތު ގޮތަކަށެވެ. ވޯލްޑް ކަޕް ޓްރޮފީއާ ގުޅޭ މައުލޫމާތުތަކާއި މުބާރާތުގައި ހިނގާފައިވާ ހާދިސާތަކާއި ކޯޗުންނާ ބެހޭ ލިޔުންތައް ގެނެސްފައިވަނީ ކިޔާލަން އެހާމެ ފަސޭހަވާނެ ގޮތަކަށެވެ.

އޭއެފްޕީން ފޯރުކޮށްދިން ތާޒާ ކުލަ ފޮޓޯތަކުން ފޮތް ފަޅުފިލުވާދީފައިވާއިރު މި ފޮތުގެ ޑިޒައިނިން އާއި ލޭއައުޓުގެ މަސައްކަތަށް ވެސް ތައުރީފް ހައްގެވެ. ކިޔުންތެރިންގެ ލޮލަށް ފަސޭހަވާނެ ގޮތަކަށް ފޮތުގެ ލޭއައުޓް އަތުރާލާފައިވާއިރު ކަވަރުން ފެންނާނީ އަތުކުރެހުމެކެވެ. ކަވަރުގައި ޖަހާފައިވަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ފޭވަރިޓް ބްރެޒިލްގެ ކެޕްޓަން ނޭމާ އާއި އެތައް ބަޔެއްގެ ލޯބި ހޯދާފައިވާ މިސްރުގެ ތަރި މުހައްމަދު ސަލާހުގެ ފޮޓޯ އެވެ.