Roadha Mihaaru

މޯލްޑިވިއަންގެ އޭ330 ބޯޓުން 14،000 މީހުން ދަތުރުކޮށްފި: އިޔާސް

މޯލްޑިވިއަން އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް ކަމަށްވާ އޭ330 މަތިންދާބޯޓުން މިހާތަނަށް 14،000 މީހުން ދަތުރުކޮށްފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވެއްޖެ އެވެ.

އޭ330އިން 14،000 މީހުން މިހާތަނަށް ދަތުރުކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

27 މެއި 2025

މޯލްޑިވިއަން އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް ކަމަށްވާ އޭ330 މަތިންދާބޯޓުން މިހާތަނަށް 14،000 މީހުން ދަތުރުކޮށްފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބޭއްވި އޭވިއޭޝަން ފޯރަމްގައި އިޔާސް ވިދާޅުވީ މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާކްރާފްޓާ އެކު އެންމެ ބޮޑު އަމާޒެއް އޮތީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަންޒިލްތަކަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އޭ330 އާއެކު މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާ ކުރުމަށް ފުރުސަތު ފަހިވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ހަތަރު މަހުގެ ތެރޭގައި 14،000 ވުރެ ގިނަ ފަސިންޖަރުން އުފުލިއްޖެ. އަދި 400 ޓަނުގެ ކާގޯ އުފުލިއްޖެ،" އޭނާ ވިދާޅުވި އެވެ.

އޭވިއޭޝަން ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭވިއޭޝަން ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އިޔާސް ވިދާޅުވީ މިވަގުތު އޭ330 އިން ދަތުރުތައް ކުރަނީ ޗައިނާއަށް ކަމަށާއި އެ ދަތުރުތައް ކޮންމެ ހަފްތާއަކު ކުރާ ކަމަށެވެ. އެ ބޯޓުން މިހާރު ދަތުރުތައް ކުރަނީ ޗައިނާގެ ތިން ސިޓީއަކަށެވެ.

އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެ ބޯޓުގައި ބިޒްނަސް ކްލާހާއި ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. ދިގު ދަތުރުތައް ކުރުމުގެ ގާބިލްކަން ހުރި އެ ބޯޓުގައި ޓްރާންސިޓު ނުކޮށް، ދަތުރު ކުރެވޭނެ އެވެ.

އިޔާސް ވިދާޅުވީ އެ ބޯޓާ އެކު އާ މަންޒިލްތަކަށް ދަތުރު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު އާ ބޯޓެއް ވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭ330 ގެ އާ ބޯޓާ އެކު ޔޫރަޕަށް ދަތުރުތައް ފަށާނެ ކަމަށް މީގެ ކުރިން މޯލްޑިވިއަން އިން ބުނެފައިވެ އެވެ.