Roadha Mihaaru
ހަޒާޑްގެ މޮޅުކުޅުމާ އެކު ބެލްޖިއަމުން މިސްރު ބަލިކޮށްފި

ހަޒާޑްގެ މޮޅުކުޅުމާ އެކު ބެލްޖިއަމުން މިސްރު ބަލިކޮށްފި

07 ޖޫން 2018

ބްރުސެލްސް، ބެލްޖިއަމް (ޖޫން 7) - ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމް ކުޅުނު މެޗެއްގައި ރޭ އެޑެން ހަޒާޑް ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމުން އަމިއްލަ ދަނޑުގައި 3-0 އިން މިސްރުގެ މައްޗަށް ކުރި ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރުސެލްސް، ބެލްޖިއަމް (ޖޫން 7) - ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމް ކުޅުނު މެޗެއްގައި ރޭ އެޑެން ހަޒާޑް ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމުން އަމިއްލަ ދަނޑުގައި 3-0 އިން މިސްރުގެ މައްޗަށް ކުރި ހޯދައިފި އެވެ.

ކޮނޑަށް ލިބިފައިވާ އަނިޔާއިން ފަރުވާ ހޯދަމުން އަންނަ މުހައްމަދު ސަލާހު ނެތި މިސްރުން ކުޅުނު މި މެޗުގައި ބެލްޖިއަމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގައި ހަޒާޑް އެންމެ ހާފެއްގައި ކުޅުނު ނަމަވެސް މެޗުން މޮޅުވުމުގެ ޝުކުރު ހައްގުވަނީ އޭނާ އަށް ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ބުނެފަ އެވެ.

"އޭނަ އެއް ހާފުގައި ކުޅުން ވެސް ކިހާ މުހިއްމުކަން މި މެޗުން ފެނިގެންދިޔަ. މި މެޗުން މޮޅުވުމުގައި ކެޕްޓަނެއްގެ ރޯލުގައި އޭނާ ދެއްކި ކުޅުން ފާހަގަކުރަން،" މާޓިނޭޒް ބުންޏެވެ.

ހަޒާޑް ބުނީ އޭނާ ދެ ވަނަ ހާފުގައި ނުކުޅުނީ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެން ބޭނުންނަމަ މި މެޗުގައި ދެއްކި ވަރުގެ ކުޅުމެއް ހުރިހާ ކުޅުންތެރިން ވެސް ދެއްކުން މުހިއްމު ކަމަށް ހަޒާޑް ބުންޏެވެ.

މި މެޗުގައި ބެލްޖިއަމަށް ލީޑުނަގައިދިނީ 27 ވަނަ މިނިޓްގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ހަޒާޑް ފޮނުވާލި ޝޮޓެއް މިސްރުގެ ކީޕަރު އެސާމް އަލް-ހަދާރީ އަތުގައި ޖެހިފައި ލިބުނީ ގޯލު ކުރިމަތީގައި ހުރި ލުކާކޫ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމްގެ ލީޑުފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަޒާޑް އެވެ. މެޗުގެ 38 ވަނަ މިނިޓްގައި ހަޒާޑް މި ލަނޑު ޖެހީ ޔަނިކް ކަރާސްކޯ ދިން ބޯޅައަކުންނެވެ.

މެޗުގެ އިތުރުވަގުތުގައި ބެލްޖިއަމްގެ ތިން ވަނަ ލަނޑު ޖެހީ މަރުއާން ފެލައިނީ އެވެ. އޭނާ މި ލަނޑު ޖެހީ މިޝީ ބަޓްޝުއާޔީ ނަގައިދިން ބޯޅައަކުންނެވެ.

ވޯލްޑް ކަޕްގެ ކުރިން ބެލްޖިއަމް ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ.