Roadha Mihaaru
ހަޒާޑަށް އަނިޔާވެ ބެލްޖިއަމަށް މައްސަލަތަކެއް

ހަޒާޑަށް އަނިޔާވެ ބެލްޖިއަމަށް މައްސަލަތަކެއް

05 ޖޫން 2017

ބްރުސެލްސް، ބެލްޖިއަމް (ޖޫން 5) - މުހިއްމު މެޗުތަކެއް އޮއްވާ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް އަނިޔާވެ އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރުސެލްސް، ބެލްޖިއަމް (ޖޫން 5) - މުހިއްމު މެޗުތަކެއް އޮއްވާ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް އަނިޔާވެ އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

މިއަދު ރަހުމަތްތެރިކަމުގެ މެޗެއްގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ފަރިތަކުރަމުންދަނިކޮށް ހަޒާޑްގެ ކުޑަހުޅަށް އަނިޔާވެފައިވާއިރު، އޭނާ އަށް ހުކުރު ދުވަހު އެސްޓޯނިއާއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ ކޮލިފައިން މެޗު ގެއްލޭނެ ކަމަށް ވެސް ބެލްޖިއަމް އެފްއޭ އިން ވަނީ ބުނެފަ އެވެ.

ހަޒާޑަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ހޯދުމަށް އިތުރު ޓެސްޓްތަކެއް ހަދަން ޖެހިފައިވާ ކަމަށާއި އޭނާ ކުޅުމާ ދުރު ހުންނަން ޖެހޭނެ މުއްދަތެއް އެނގޭނީ އެ ޓެސްޓްތަކަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ މުހިއްމު މެޗުތަކެއް ބޯމަތީގައި އޮއްވައި ހަޒާޑް ގެއްލުމަކީ ޓީމަށް ލިބިގެންދިޔަ އުނިކަމެއް ކަމަށް ބުނެފަ އެވެ.

އުމުރުން 26 އަހަރުގެ ހަޒާޑަކީ ނިމިދިޔަ އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިދިޔަ އަހަރު ފޯމު ދަށްވުމުގެ ސަބަބުން އެންމެ ރަނގަޅު ކުޅުމެއް ހަޒާޑްގެ ފަރާތުން ނުފެނުނު ނަމަވެސް މި ސީޒަނުގައި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ހަޒާޑްގެ މޮޅު ކުޅުން އަލުން ވަނީ ފެނިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަނުގައި 16 ލަނޑު ޖެހި ހަޒާޑަށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އަންނަނީ ފާރަލުންނެވެ. ރެއާލުގެ ދެ ކުޅުންތެރިން ކަމަށްވާ ގަރެތު ބޭލާއި ޖޭމްސް ރޮޑްރިގޭޒް އެ ކްލަބް ދޫކޮށްދާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، ރެއާލުގެ ކޯޗު ޒިނެދިން ޒިދާން އެންމެ ބޮޑަށް ޝައުގުވެރިވާ ކުޅުންތެރިއަކީ ހަޒާޑެވެ.