Roadha Mihaaru
މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފި

ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި

27 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 27) - ބެލްޖިއަމްގެ މައްޗަށް މިއަދު 2-0 ން މޮޅުވެ، 24 އަހަރަށް ފަހު މޮރޮކޯއިން ވޯލްޑް ކަޕުގައި މެޗަކުން މޮޅުވެ، ދެވަނަ ބުރަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ދޯހާ (ނޮވެމްބަރު 27) - ބެލްޖިއަމްގެ މައްޗަށް މިއަދު 2-0 ން މޮޅުވެ، 24 އަހަރަށް ފަހު މޮރޮކޯއިން ވޯލްޑް ކަޕުގައި މެޗަކުން މޮޅުވެ، ދެވަނަ ބުރަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

މީގެ ކުރިން، ވޯލްޑް ކަޕުގެ މެޗަކުން މޮރޮކޯ މޮޅުވީ 1998 ވަނަ އަހަރު ސްކޮޓެލެންޑް އަތުން 3-0 ންނެވެ. އޭގެ ފަހުން މިދިޔަ 24 އަހަރު ތެރޭ، ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިވީ ދެ ފަހަރު އެވެ. އެއީ މިއަހަރުގެ ވޯލްޑް ކަޕުގެ އިތުރުން 2018 ގައި ރަޝިއާގައި ބޭއްވި މުބާރާތުގަ އެވެ. އެ ޓީމު ވަނީ ހަ ފަހަރު ވޯލްޑް ކަޕް ކުޅެފަ އެވެ. މެކްސިކޯގައި 1986 ގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރު ކުރި އެވެ.

މޮރޮކޯ އާއި ބެލްޖިއަމް އާއެކު ގުރޫޕް އެފްގައި ދެން އޮތީ ކްރޮއޭޝިއާ އާއި ކެނަޑާ އެވެ. ގުރޫޕްގެ އެއްވަނައިގައި މޮރޮކޯ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ބެލްޖިއަމް އަށް ތިން ޕޮއިންޓެވެ. ކްރޮއޭޝިއާ އަށް އެއް ޕޮއިންޓެވެ. ކެނަޑާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މިއަދުގެ މެޗަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގޫއީ ނެގި އެ ޓީމުގެ އެއްވަނަ ކީޕަރު ޔާސީން ބޯނޯ އަށް މައްސަލައެއް ދިމާވެ މެޗު ފެށެން ދެތިން މިނެޓަށް ވެފައި ވަނިކޮށް އޭނާގެ ބަދަލުގައި ދެވަނަ ކީޕަރު މުނީރް މުހައްމަދީ އަށް ފުރުސަތު ދިނެވެ. މެޗަށް ދަނޑަށް ނުކުތް ފުރަތަމަ 11 ގައި ހިމެނިގެން ގައުމީ ސަލާމަށް ހުއްޓިގެން ހުރީ ވެސް ބޯނޯ އެވެ. ނަމަވެސް މެޗު ފަށަން ވެގެން އޭނާގެ ބަދަލުގައި މުހައްމަދީ އަށް ފުރުސަތު ދިނެވެ. ބައެއް މީޑިއާތަކުން ބުނާގޮތުގައި ބޯނޯގެ ލޮލަށް މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ. ސީދާ ކޮން މައްސަލައެއް ކަމެއް ތަފްސީލުކޮށް އެނގިފައެއް ނެތެވެ.

ދިން ފުރުސަތުގައި މުހައްމަދީ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ބެލްޖިއަމްގެ މިޝީ ބައްޝުއާއީ އާއި ޓޯގަން ހަޒާޑް ފޮނުވާލި ހަމަލާތާއް އޭނާ ދިފާއު ކުރި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، މޮރޮކޯއިން ލަނޑެއް ޖެހުނު ކަމަށް ހީކޮށް އެ ޓީމުން އުފާފާޅު ކުރި އެވެ. ހާކިމް ޒިޔެޝް ފޮނުވާލި ހިލޭ ޖެހުން ގޯލްގެ ތެރެއަށް ވަނެވެ. އެކަމަކު ފަހުން ވިއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.

މޮރޮކޯގެ ފުރަތަމަ ލަނޑު ޖެހީ އަބްދުލް ހާމިދު ސަބީރީ އެވެ. އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން އޭނާ ގޯލްގެ ނިއާ ޕޯސްޓަށް ފޮނުވާލުމުން ބޯޅަ ގޯލްގެ ތެރެއަށް ވަނެވެ. ގޯލް ދަނޑި ކައިރީގައި ހުރި މޮރޮކޯގެ އެހެން ކުޅުންތެރިޔަކު ބޯޅަ އަށް ހަރަކާތް ކުރުމުން ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓްއާ އަށް ބޯޅައިގެ ވާނުވާ އޮޅުނެވެ.

މޮރޮކޯއިން ލީޑް ނެގުމުން، ބެލްޖިއަމް ކުޅުންތެރިން ކުރިއަށް ޖެހި ހަމަލާ އުފައްދަން ކުރިއަށް ޖެހުނު ވަގުތު ކައުންޓަ އެޓޭކް ފުރުސަތެއްގައި މޮރޮކޯގެ ދެވަނަ ލަނޑު ޒަކަރިޔާ އަބޫޚްލާލް ޖެހީ ޒިޔެޝް ދިން ބޯޅަ އަކުންނެވެ.