Roadha Mihaaru
ހުޅުމާލޭ ފޭސް2ގެ ސެކިއުރިޓީ ބަލަހައްޓަން ފުލުހުންނަށް

އެކްސިޑެންޓާ އެކު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ސެކިއުރިޓީ ފުލުހުންނާ ހަވާލުކުރަނީ

03 ޖޫން 2018

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ދެ މީހަކު އެކްސިޑެންޓުވުމާ ގުޅިގެން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓައިދޭން ފުލުހުންގެ ކިބައިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެދިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ދެ މީހަކު އެކްސިޑެންޓުވުމާ ގުޅިގެން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓައިދޭން ފުލުހުންގެ ކިބައިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެދިއްޖެ އެވެ.

މިހާރު ހިއްކައި ނިމި، އަދި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަ، ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް އާއްމުން ވަނުމަކީ މަނާކަމެކެވެ. އެ ސަރަހައްދަށް ވަންނަ ގޭޓު ބަލަހައްޓަން އެޗްޑީސީގެ ސެކިއުރިޓީ ގާޑުން ތިބިި ނަމަވެސް ބައެއް މީހުން އެ ތަނަށް ގަވައިދާ ހިލާފަށް ވަދެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެކްސިޑެންޓު ހިނގީ ވެސް، ގޭޓު ބަލަހައްޓަން ހުރި މީހާގެ އަމުރާ ހިލާފަށް ސައިކަލްގައި ވަދެ، ބާރަށް ދުއްވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ސައިކަލް ގޮސް ޖެހުނީ އެތަނުގައި އަލަށް ހަދާފައިވާ މަގެއް ބަންދުކުރަން ހުރަހަށް ހަރުކޮށްފައި ހުރި ދަގަނޑެއްގައި ޖެހިގެންނެވެ. އޭނާގެ މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެ އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ބުންޔާމީން ވިދާޅުވީ ދެވަނަ ފިޔަވައްސަކީ ވަރަށް ބޮޑު ސަރަހައްދެއް ކަމުން، އެތަނަށް ވަންނަން ހަދާފައިވާ މައި ގޭޓު ނޫން އެހެން ހިސާބުތަކުން ވެސް މީހުން ވަންނަ ކަމަށެވެ. އަދި އެ ހުރިހާ ހިސާބެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގާބިލްކަން އެޗުޑީސީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބުންޔާމިން ވިދާޅުވި ގޮތުގައި ދެ ވަނަ ފިޔަވަހީގެ ސެކިއުރިޓީ ބަލަހައްޓަން އެޗްޑީސީގެ ގާޑުން ތިބި ނަމަވެސް، އެމީހުންގެ އަޑު، އާންމުން ނާހަ އެވެ.

ރޯދަ މަހު އެތަނަށް ވަންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބުންޔާމިން ވިދާޅުވި ގޮތުގައި ލަފާކުރެއްވެނީ މި ހަފުތާ ތެރޭގައި ފުލުހުން އެކަމާ ހަވާލުވާނެ ކަމަށެވެ. އެކަމަކު ފުލުހުން އެކަމާ މެދު މީޑިއާއަށް އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

"އެތަނަށް ވަންނަ މީހުންނެއް އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ. އެ ފަދަ ބާރެއް އަޅުގަނޑުމެންނަކަށް ނޯވޭ. އެހެންވެ، ފުލުހުންނާ މިކަން ހަވާލުކުރީ ވެސް،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހި ތަރައްގީކުރެވޭ ވަރަކަށް އެތަނުގެ ސެކިއުރިޓީ ވެސް ވަރުގަދަ ކުރާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި ހުޅުމާލޭގައި ވަނީ ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓުތަކުގައި ޒަހަމްވި ބައެއް މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.