Roadha Mihaaru
ފިތުރު ޒަކާތަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ

ފިތުރު ޒަކާތަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

28 މެއި 2018

މި ރޯދަމަހުގެ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި ރޯދަމަހުގެ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިސްލާމިކް މިނިސްޓްރީ އަށް ޒަކާތުގެ ގޮތުގައި 493,538.00 ރުފިޔާ ދައްކާފައިވާ އިރު އުރީދޫ މެދުވެރިކޮށް 4,404 ރުފިޔާ ފިތުރު ޒަކާތަށް ދައްކާފައިވެ އެވެ. އަދި އެޗްޑީސީ މެދުވެރިކޮށް 20,221 ރުފިޔާ އާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 245,975 ރުފިޔާ ދައްކާފައިވެ އެވެ. އަދި ވިލިމާލޭ ޔުނިޓަށް 13،629 ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވެ އެވެ.

ރަށްރަށުން ފިތުރު ޒަކާތް ބަލައިގަންނަނީ އެ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ކަމަށްވާ އިރު، އެ ރަށްރަށުން ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑޫ ނުވަތަ އެއަށް ވާ ފައިސާ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެން ވާނީ އަހަރުގެ ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުންނެވެ. އެ ގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 13ރ. ތައިލެންޑު ހަނޑުލުން ނަމަ 43ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 81ރ. އެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ.

މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީންނެވެ. ހުޅުމާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކޮމިއުނިޓީ ސެންޓަރުންނެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ އެ ތަނުގައި ހުންނަ ހައުސިން މިނިސްޓްރީގެ ޔުނިޓުންނެވެ. ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 1:00 އާ ދެމެދު އެވެ.

އެ ތަންތަނުގެ އިތުރުން އުރީދޫ އާއި ދިރާގުގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސަައިފަ އެވެ.

އިސްލާމިކް މިނިސްޓްރީ ފިޔަވައި އެހެން ތަންތަނުން ފިތުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމަ އަށް އިސްލާމިކް މިނިސްޓްރީ އަށް ޒަކާތް ބަލައިގަންނާނެ އެވެ.