Roadha Mihaaru
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

20 މެއި 2018

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަންނާނީ ކައުންސިލްތަކުން ކަމަށެވެ.

މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީންނެވެ. ހުޅުމާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކޮމިއުނިޓީ ސެންޓަރުންނެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ އެތަނުގައި ހުންނަ ވިލިމާލޭގެ ހައުސިން ޔުނިޓުންނެވެ. ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 1:00 އާ ދެމެދު އެވެ.

އެ ތަންތަނުގެ އިތުރުން އުރީދު އަދި ދިރާގުގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސަައިފަ އެވެ.

އިސްލާމިކް މިނިސްޓްރީ ފިޔަވައި އެހެން ތަންތަނުން ފިތުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިސްލާމިކް މިނިސްޓްރީ އަށް ޒަކާތް ބަލައިގަންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީގައި މީހަކު މިއަދު ފިތުރު ޒަކާތް ދައްކަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްލާމިކް މިނިސްޓްރީގައި މީހަކު މިއަދު ފިތުރު ޒަކާތް ދައްކަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެން ވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. އެގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 13ރ. ތައިލެންޑު ހަނޑުލުން ނަމަ 43ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 81ރ. އެވެ.

ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.

ރާއްޖޭގައި ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 16،205 މީހުން ރަޖިސްޓްރީ ކުރި އެވެ. އެއީ މާލެ ސަރަހައްދުން 3،142 މީހުންނެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިިދިޔަ އަހަރު މާލެ ސަރަހައްދުން އެކަނި ވެސް 4.4 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.