Roadha Mihaaru
ސައުދީ، ޔޫއޭއީގެ މުދާ ގަތަރުގެ ފިހާރަތަކުން ނަގަނީ

ސައުދީ، ޔޫއޭއީގެ މުދާ ގަތަރުގެ ފިހާރަތަކުން ނަގަން ފަށައިފި

27 މެއި 2018

ދޯހާ (މެއި 27) - ގަަތަރާ މިދިޔަ އަހަރު ގުޅުން ކަނޑާލި ގައުމުތަކުގެ މުދާ ގަތަރުގެ ފިހާރަތަކުން ނެގުމަށް އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (މެއި 27) - ގަަތަރާ މިދިޔަ އަހަރު ގުޅުން ކަނޑާލި ގައުމުތަކުގެ މުދާ ގަތަރުގެ ފިހާރަތަކުން ނެގުމަށް އަންގައިފި އެވެ.

ގަތަރުގެ އިކޮނޮމިކް މިނިސްޓްރީން ބުނީ ސައުދީ އަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރުގެ މުދާ ފިހާރަތަކުން ނަގަން އަންގާފައިވާ ކަމަށެވެ. އަދި އެ މުދާ ނަގާފައިވޭތޯ ޗެކް ކުރުމަށްޓަކައި އިންސްޕެކްޓަރުން ފޮނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ތިން ވަނަ ގައުމެއް މެދުވެރިކޮށް ގަތަރަށް އެތެރެ ކުރާ ސައުދީގެ ކިރުގެ ބާވަތްތައް ހުއްޓުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ގަތަރުގެ ގަވަރްމަންޓް ކޮމިއުނިކޭޝަންސް އޮފީސް (ޖީސީއޯ) އިން ބުނީ އެ ފިޔަވަޅުތައް އަޅަން ނިންމީ ކޮންޒިއުމަރުން ހިމާޔަތް ކުރަން ކަމަށެވެ.

"ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތަކުގެ މުދާ ޖީސީސީ ކަސްޓަމްސްގެ ތެރޭން އެތެރެއެއް ނުކުރެވޭނެ. އެފަދަ މުދަލުގެ ވަރަށް ރަނގަޅު އިމްޕޯޓް އިންސްޕެކްޝަނެއް ހަދާނަން،" ޖީސީއޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގަތަރުން މި ފިޔަވަޅުތައް އެޅީ އެ ގައުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެއް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ. ސައުދީ، ބަހުރޭން، ޔޫއޭއީ އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ މިދިޔަ އަހަރުގެ ޖޫން މަހު 5 ވަނަ ދުވަހު އެވެ. ގަލްފުގެ ގައުމުތަކުގެ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވި ގަތަރަށް، އެ ފިޔަވަޅުތަކުގެ ގެއްލުން ވަރަށް ބޮޑަށް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ގަތަރަށް މުދާ އެތެރެ ކުރަން ޖެހުނީ ތުރުކީ، މޮރޮކޯ އަދި އީރާނުންނެވެ.