Roadha Mihaaru
ސައުދީ އާއި ޔޫއޭއީ އިން އުޅުނީ ގަތަރަށް އަރައިގަންނަން

ސައުދީ އާއި ޔޫއޭއީ އިން އުޅުނީ ގަތަރަށް އަރައިގަންނަން

04 ފެބުރުއަރީ 2018

ދޯހާ (ފެބްރުއަރީ 4) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ދުވަސްވަރު ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން މަސައްކަތް ކުރީ ގަތަރަށް އަރައިގަންނަން ކަމަށް ގަތަރުގެ ޑިފެންސް މިނިސްޓަރު ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއްގައި އަތިއްޔާ ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާ ގުޅުން ކަނޑާލުމަށް ފަހު ގަލްފުގެ އަވަށްޓެރި ގައުމުތަކުން މަސައްކަތް ކުރީ ގައުމުގެ ހުރިހާ ކަމެއް ހަމައިން ނައްޓުވާލަން ކަމަށެވެ. އަދި ގަތަރަށް އަރައިގަންނަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލީ ގަތަރުން ކަމަށް ވިދާޅުވި އެވެ.

ގަތަރަށް އަރައިގެންފާނެ ކަމުގެ ބިރު މިއަދު ވެސް އެބައޮތްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މިހާރު އެ ހާލަތު ބަދަލުކޮށްފައިވާ ކަމަށާއި މައްސަލަ ފެށުނު އިރު އެ ބިރު އޮތް ކަމަށެވެ.

"އެ މީހުން މަސައްކަތް ކުރީ ގަބީލާތަކުގެ މީހުންނާއި ދީނީ އިލްމުވެރިން މެދުވެރިކޮށް ގަތަރު ހަލަބޮލިކޮށްލަން. ދެން މަސައްކަތް ކުރީ ގަތަރުގެ ވެރިން ބަދަލު ކުރަން. އެ މީހުން ބޭނުންވީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީގެ ބަދަލުގައި އެ މީހުންގެ ޕަޕެޓަކަށް ގަތަރުގެ ވެރިކަން ހަވާލު ކުރަން. އެކަމަކު އެކަން އެގޮތަކަށް ނުވި. ގަތަރުގެ އަމީރު ދެކެ ގަތަރުގެ ރައްޔިތުން ވަރަށް ލޯބިވޭ،" އަތިއްޔާ ވިދާޅުވި އެވެ.

އެމެރިކާ އަށް މިދިޔަ ހަފުތާގައި ކުރެއްވި ދަތުރުގައި އަތިއްޔާ ވަނީ އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސްއާ ބައްދަލު ކުރައްވައިފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައި ވަނީ ސައުދީ އަރަބިއާ، ޔޫއޭއީ، މިސްރު އަދި ބަހުރޭނެވެ. އަދި އެ ގައުމުތަކުން ވަނީ ގަތަރާ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ފަހު އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރާ ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ.