Roadha Mihaaru
ޕްލޫޓޯ އަކީ މާސިންގާ ކޮމެޓަކަށް ވެދާނެ

ޕްލޫޓޯ އަކީ މާސިންގާ ކޮމެޓަކަށް ވެދާނެ

27 މެއި 2018

ޕްލޫޓޯ އަކީ އިރުގެ ނިޒާމުގައި ހިމެނޭ ނުވަ ވަނަ ޕްލަނެޓެވެ. އެއީ އަހަރެމެން ދަސްކުރި ގޮތެވެ. އެކަމަކު، ސައިންސަށް އައި ކުރިއެރުމެއްގައި ފަލަކީ އިލްމިވެރިން މިހާރު ބުނަނީ، ޕްލޫޓޯ އަކީ ޕްލަނެޓެއް ނޫން ކަމަށެވެ. އެހެންވެ، ޕްލޫޓޯ އަށް ވަނީ ޕްލަނެޓެއްގެ ޝަރަފު ގެއްލިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޕްލޫޓޯ އަކީ އިރުގެ ނިޒާމުގައި ހިމެނޭ ނުވަ ވަނަ ޕްލަނެޓެވެ. އެއީ އަހަރެމެން ދަސްކުރި ގޮތެވެ. އެކަމަކު، ސައިންސަށް އައި ކުރިއެރުމެއްގައި ފަލަކީ އިލްމިވެރިން މިހާރު ބުނަނީ، ޕްލޫޓޯ އަކީ ޕްލަނެޓެއް ނޫން ކަމަށެވެ. އެހެންވެ، ޕްލޫޓޯ އަށް ވަނީ ޕްލަނެޓެއްގެ ޝަރަފު ގެއްލިފަ އެވެ.

ޕްލޫޓޯ އަކީ ޕްލަނެޓެއް ނޫން ކަމަށް ބުނި ނަމަވެސް، އެއީ ކޮން އެއްޗެއްކަން ޔަގީންކަމާ އެކު ބުނެދޭ އެނގޭ ބަޔަކު ނޫޅެ އެވެ. ޕްލޫޓޯ އަށް ޕްލަނެޓެެއްގެ ޝަރަފު ގެއްލުވާލީ އެއީ "ޑްވާފް ޕްލަނެޓް"އެއް ކަމަށް ބުނެ އެވެ. އެ އަށް ފަހު ބުނަނީ އެއީ އެތައް ބައިވަރު ކޮމެޓްތަކެއް އެކުލެވިގެން އުފެދިފައި ވާ މާ ސިންގާ ކޮމެޓެއް ކަމަށެވެ.

މިއީ ސައިންސްވެރިން ގަބޫލުކުރާ ތިއަރީތަކެކެވެ. އަސްލެއް ނޫނެވެ. މި ވިސްނުމަށް ބުރަވެ ހޯދުންތަކެއް ހޯދަމުން ދާއިރު، ކޮމެޓެއް ކަމަށް ބުނަން ބާރުދޭ ހެކިތަކެއް ފެންނަ ކަމަށް ވެސް ބުނެވެ އެވެ. ނާސާގެ "ނިއު ހޮރައިޒަން" އަދި ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ "ރޮސެޓާ" މެދުވެރިކޮށް ހޯދި ހޯދުންތަކުން، ޕްލޫޓޯގައި ގިނަ އަދަދަކަށް ނައިޓްރިޖަން ހުރީތީ ވަނީ ފެނިފަ އެވެ.

ޕްލޫޓޯއާ ބެހޭ ގޮތުން ހޯދާ މީހުން ބުނާ ގޮތުގައި، ކޮމެޓްތަކުގައި ނައިޓްރޯޖަން ވަރަށް އާންމެެވެ. އަދި އެއީ ކޫޕާ ބެލްޓްގައި ހިމެނޭ ހިލަތަކުގައި ވެސް އާންމު އެއްޗެކެވެ. އެހެންކަމުން، ޕްލޫޓޯ އަކީ ކޮމެއްޓެއް ކަމަށް ބުނަ ފުރުސަތު ބޮޑެވެ.

ޕްލޫޓޯ އަކީ ކޮން އެއްޗެއްތޯ އަހައިފި ނަމަ ސައިންސްވެރިން ވަރަށް ގިނަ ވާހަކަ ދައްކާނެ އެވެ. އެ ގޮތް މި ގޮތުން ނަމަވެސް އެއީ ކޮން އެއްޗެއްކަން ބުނެދެވޭތޯ ބަލާނެ އެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް، ޕްލޫޓޯ އަކީ ޕްލަނެޓެއް ކަމަށް ދެކޭ މީހުން، ގަބޫލެއް ނުކުރާނެ އެވެ. ސައިންސްވެރިންގެ އަތުގައި މުޅިންހެން ހުރީ ތިއަރީ އެވެ. އިންސާނުންނަށް ވިސްނޭ ގޮތްފޮތެވެ. ހިސާބު އަދަދުތަކަކުން އުފައްދާ އެހެން އަދަދުތަކެކެވެ. ޕްލޫޓޯ އޮތީ މާ ދުރުގަ އެވެ. އެއީ އަސްލު ކޮން އެއްޗެއްކަން އަދި ވެސް ހޯދަނީ އެވެ.