Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް ފަށައިފި

ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް ފަށައިފި

03 މެއި 2023

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް، "ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" އިއްޔެ ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް، "ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" އިއްޔެ ފަށައިފި އެވެ.

މިއީ ޒުވާނުންނަށް އަމާޒުކޮށްގެން ޖައްވީ ދާއިރާއަށް ޝައުގުވެރި ކުރުވައި، އެ ދާއިރާގެ ފުރުސަތުތަކާއި މަސައްކަތްތައް ހިއްސާކޮށް، ދާއިރާއާ ގުޅުން ހުރި މުހިންމު މަޝްވަރާތައް ބޭއްވުމަށް ބާއްވާ ތިން ދުވަހުގެ ކޮންފަރެންސެކެވެ.

ކޮންފަރެންސް އިންތިޒާމު ކުރި އެމްއެސްއާރުއޯއީގެ ރައީސް މާދިން މަސީހު ވިދާޅުވީ އުއްމީދަކީ ޒަމާނުއްސުރެ ދިވެހިން މިސްރާބު ބަލަމުން އަންނަ ތަރިތައް އަދި ޖައްވަށް އަލުން އުންމީދުގެ ނަޒަރަކުން އަދި ސައިންސުގެ ވިސްނުމަކުން ބަލައި ޖައްވީ ސިނާއަތަށް ދިވެހި އިލްމީ ޒުވާނުން ނުކުތުމުގެ ރޫހު އުފެއްދުންކަމަށެވެ. އަދި ޖައްވީ ޓެކްނޮލޮޖީން ރާއްޖެއަށް އީޖާދީ ހައްލުތައް ހޯދައި މޫސުމީ ރިޒެލިއެންސް ހަރުދަނާކޮށް އެ ދާއިރާއިން ނަފާ ހޯދޭނެ ގޮތް ފަހި ކޮށްދިނުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.

އެ ކޮންފަރެންސްގައި ފަންނީ 30 މާހިރުންގެ ވާހަކަދައްކާނެ އެވެ. އަދި 10 ޕެނަލް ޑިސްކަޝަން އާއި ތިން ނެޓްވޯކިން ރިސެޕްޝަނާއި އޯޕަން ޓްރެކްތައް ކުރިއަށް ގެންދާނެ އެވެ.

އެ ކޮންފަރެންސަކީ އެ ސިނާއަތުގައި އުޅޭ ފަރާތްތަކަށް ރާއްޖޭގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޒުވާނުންނާ ގުޅުވައިދިނުމެވެ. އަދި ރާއްޖޭގައި މި ދާއިރާއާ ގުޅުން ހުރި ޓެކްނޮލޮޖީ، ވިޔަފާރި އަދި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް އިތުރަށް ފުޅާ ކުރުމެވެ.

"ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 100 މަންދޫބުންނާއި ފަންނީ މާހިރުން ބައިވެރިވި އެވެ.

މި ކޮންފަރެންސްގެ ހާއްސަ މެހެމާނުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހޭސްވެލް އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ހިމެނެ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު ފޯ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ވެސް މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަނެ އެވެ.