Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ބޭރުގެ ތަޖުރިބާކާރެއް

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ބޭރުގެ ތަޖުރިބާކާރެއް

13 މާޗް 2021

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑައިރެކްޓަރަށް އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އައްޔަންކޮށްފި އެވެ. ޑރ. ސްރިމަތީ އަކީ ސެޓަލައިޓް ޑިޒައިންކޮށް، ލޯންޗުކުރުމުގެ ތަޖުރިބާކާރެކެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑައިރެކްޓަރަށް އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އައްޔަންކޮށްފި އެވެ. ޑރ. ސްރިމަތީ އަކީ ސެޓަލައިޓް ޑިޒައިންކޮށް، ލޯންޗުކުރުމުގެ ތަޖުރިބާކާރެކެވެ.

އައިޖީއެސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މީގެ ހަތަރު އަހަރު ކުރިން، 2017 ވަނަ އަހަރު ނާސާއިން ލޯންޗު ކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓްގެ މިޝަން ޑައިރެކްޓަރަކީ ވެސް އޭނާ އެވެ. ސްރިމަތީގެ ލީޑާޝިޕްގެ ދަށުން މިދިޔަ މަހު ވެސް ވަނީ ސެޓެލައިޓެއް ލޯންޗުކޮށްފަ އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ، އައިޖީއެޗްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވި ގޮތުގައި ސްރިމަތީގެ މައިގަނޑު ޒިންމާއަކީ ޖައްވީ މިޝަންއެއް ރާވާ، ކާމިޔާބު ކަމާއެކު ނިންމާލުމަށް ރާއްޖޭގެ ދަރިވަރުން ތައްޔާރުކުރުމެވެ.

"ޑރ. ސްރިމަތީ އަކީ ކާމީޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ ބޭފުޅެއް. އަދި ސެޓެލައިޓް ލޯންޗް ކުރުމުގައި ނާސާ އާއި އިސްރޯއާ އެކު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއް،" ކުރިން "މިހާރު"ގެ ސީއީއޯކަން ވެސް ކުރެއްވި ރިފްއަތު ވިދާޅުވި އެވެ.

"އެ ފަދަ ބޭފުޅަކާ އެކު މަސައްކަތް ކުރުމުން ދިވެހި ދަރިވަރުންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ."

މިފަދަ ފުރުސަތެއް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެ، ސްރިމަތީ ވިދާޅުވީ އިޖީއެސްގެ ޕްލޭން ވަރަށް ފުރިހަމަ ކަމަށާއި މިކަމުގެ ޕާޓުނަރުންނަކީ ވެސް ފުރިހަމަ މިޝަނަކަށް އެންމެ ރަނގަޅު ޓީމް ކަމަށެވެ.

މިފަދަ ޓީމަކާއެކު، ތާރީހީ މިޝަނަކަށް ދިވެހި ކިޔަވާ ކުދިން ތައްޔާރު ކުރުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މަޝްރޫއު ކުރިއަށް ގެންދަނީ އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކު އެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް އާ އެކު ސޮއި ކުރި އެއްބަސްވުމުވެ ދަށުން، ސްޓެލައިޓް ޑިޒައިންކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނު ތަމްރީނު ކުރުމަށް ވަނީ ނިންމައިފަ އެވެ.